ރައީސް އޮފީސް

ސޯޝަލް ވޯކަރުންގެ މުސާރައަށް ހައްލުތަކެއް

ސޯޝަލް ވޯކަރުންގެ މުސާރައިގައި ހުރި ބައެއް ކަންބޮޑުވުންތަކަށް މިއަދު ހައްލު ހޯދައިދީފި އެވެ.

ރައީސް ސޯލިހް މިއަދު ހައްލު ހޯއްދަވައިދެއްވީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ސޯޝަލް ހެލްތު އަދި ސޯޝަލް ސާވިސް މެޓްރިކްސްތަކުގައި ހިމެނޭ މުވައްޒަފުންގެ މުސާރަ އަށެވެ.

ދައުލަތުގެ ޕޭ ފްރޭމްވޯކަށް ހިޖުރަކުރި މުވައްޒަފުންގެ ތެރެއިން ހެލްތް އެންޑް ސޯޝަލް ހެލްތް ސެކްޓަރާއި ސޯޝަލް ސާވިސް މެޓްރިކްސްތަކުގައި ހިމެނޭ މުވައްޒަފުންގެ ފަރާތުން ރައީސްއަށް ޝަކުވާތަކެއް ލިބުނީ މިއަހަރުގެ މެއި އެއްވަނަ ދުވަހު ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަތަކަށް ބަދަލު ގެނައި ފަހުންނެވެ.

ކަމާ ގުޅޭ އިދާރާތަކާ މަޝްވަރާކުރެއްވުމަށްފަހު ރައީސް މިހާރު ނިންމަވާފައިވަނީ ދައުލަތުގެ ޕޭ ފްރޭމްވޯކަށް ހިޖުރަކުރި މުވައްޒަފުންގެ ތެރެއިން ހެލްތް އެންޑް ސޯޝަލް ހެލްތް ސެކްޓަރާއި ސޯޝަލް ސާވިސް މެޓްރިކްސްތަކުގައި ހިމެނޭ ޑިއުޓީ އުސޫލުން ރަސްމީ ބަންދު ދުވަސް ދުވަހު އޮފީހަށް ހާޒިރުވާ މުވައްޒަފުންނަށްވެސް ހާޒިރީ އިނާޔަތް ލިބޭ ގޮތް ހަމަޖެއްސުމަށެވެ.

"އެހެންކަމުން މިނިންމެވުންތަކާ އެކު ސިއްހީ ފަންނުވެރިންނަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލެއް ލިބިގެންދާނެ،" ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވި އެވެ.