ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

މިނިވަންކަމުގެ ތަޅުދަނޑިއަކީ ޑިމޮކްރަސީ: ރައީސް

މިނިވަން ގައުމެއްގެ ގޮތުގައި ދެމިއޮތުމުގެ ތަޅުދަނޑިއަކީ ޒަމާނީ ޑިމޮކްރަސީ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީ، ޑިމޮކްރަސީ ދުވަހުގެ ތަހުނިޔާއާ ހެޔޮއެދުންތައް ރައްޔިތުންނަށް ފޮނުއްވައި ދެއްވި ހިތާބުގައެވެ.

ރައީސްގެ ހިތާބުގައި ވިދާޅުވީ އިގްތިސާދީ ފުދުންތެރިކަމާއެކު ލިބޭ ކުރިއެރުމުގައި، އުފާވެރިކަމާއެކު ރައްޔިތުން ދިރިއުޅޭ މިނިވަން ގައުމެއްގެ ގޮތުގައި ދެމިއޮވެވޭނީ ޒަމާނީ ޑިމޮކްރަސީއެއްގައި އޮވެގެން ކަމަށެވެ.

ރައީސް ވަނީ ރާއްޖެއަށް ޑިމޮކްރެސީ ގެނައުމުގައި ވަރަށް ގިނަ ބައެއްގެ ހިތްވަރާ މަތިވެރި ގުރުބާނީގެ ހިއްސާ ބޮޑުކަން ފާހަގަކުރައްވައި އެ ފަރާތްތަކަށް ޝުކުރުވެސް އަދާކުރައްވާފަ އެވެ.

ޑިމޮކްރަސީގެ މަގުގައި ރާއްޖެއަށް އައި ބަދަލުތަކާއި ކުރިއެރުންތައް ބައްލަވާލައްވަމުން ރައީސް ވިދާޅުވީ އުފާވެރިކަން ރައްޔިތުންނަށް ލިއްބައިދެނީ، ދައުލަތުގެ ފަރާތުން ފޯރުކޮށްދޭ އެންމެހައި ހިދުމަތްތަކުގައި، ރައްޔިތުންނަށް ލިބިދޭ ހަމަހަމަ ފުރުސަތުތަކާއި ހަމަހަމަ ހައްގުތަކުން ކަމަށެވެ. މިގޮތުން ދިވެހިރާއްޖޭގެ ގާނޫނުއަސާސީގައި އެ އުސޫލުތައް ކަނޑައަޅައި، ތަންފީޒުކުރަން ފެށި ފަހުން ގައުމަށާއި ރައްޔިތުންނަށް ލިބުނު މަންފާ ނުހަނު ބޮޑުކަން ރައީސް ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން ޚިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ ޒަމާނީ ޑިމޮކްރަސީގެ އެންމެ އަސާސީ ރުކުންކަންވެސް ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ. މިގޮތުން އެމަނިކުފާނުގެ ހިތާބުގައި ވިދާޅުވީ ނޫސްވެރިކަން ކުރުމުގެ މިނިވަން މާހައުލެއް ރާއްޖޭގައި ގާއިމުކޮށްދެވިފައި އޮތުމަކީ ރާއްޖޭގެ ޑިމޮކްރަސީ އިތުރަށް ހަރުދަނާވެގެން ދިޔަ ކަމެއް ކަމަށެވެ. އެހެންނަމަވެސް ނޫސްވެރިކަމާއި ހިޔާލު ފާޅުކުރުމުގެ ހައްގުގެ ބޭނުން ހިފާއިރު ގަބޫލުކުރަންޖެހޭ ހަގީގަތަކީ އެއީ ޒިންމާތަކަކާއި ވާޖިބުތަކަކާ އެކުގައި ލިބިގެންވާ ހައްގުތަކެއް ކަމުގައި ވިދާޅުވި އެވެ.