ޑރ. މުހައްމަދު މުއިއްޒު

ހިޔާ ފްލެޓް ކުލި 5،600 ރުފިޔާއަށް ކުޑަކުރާނަން: މުއިއްޒު

ވެރިކަން ލިބިވަޑައިގެންފިނަމަ ހިޔާ ފްލެޓުގެ ކުލި 5،600 ރުފިޔާއަށް ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިއަދު ބޭއްވި ކެމްޕޭން ހަރަކާތެއްގައި ޑރ. މުއިއްޒު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނިންމަވާފައިވާ ގޮތަށް ހިޔާ ފްލެޓްތަކުގެ ކުލި 5،600 ރުފިޔާއަށް ކުލި ކުޑަކޮށްދޭނެ ކަމަށެވެ.

މުއިއްޒު މިއަދުވެސް ވިދާޅުވީ ހިޔާ ފްލެޓްތަކުގެ އިންޓީރިއާ މަސައްކަތް ނިންމުމަށް ފްލެޓް ލިބުނު މީހުން ކުރި ހަރަދު އަނބުރާ ދޭނެ ކަމަށެވެ.

މުއިއްޒު ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެން އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ ހިޔާ ފްލެޓްތައް ތަޅާލުމަށް ކަމަށެވެ. ނަމަވެސް އޭނާ ވެރިކަމަށް ވަޑައިގެން ހިޔާ ފްލެޓްތައް ހުރި ސަރަހައްދު ތަރައްގީކޮށްދީ، ހިޔާ ފްލެޓުގެ ކޮންމެ ޓަވަރެއްގައި އިތުރު ލިފްޓެއް ހަރުކޮށްދޭނެ ކަމަށެވެ.

"އިންޖީނިއަރިން ގޮތުން މިއީ ހުރިހާ ގޮތަކުންވެސް ކުރެވޭނެ ކަމެއް،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު މީގެ ކުރިން ވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ވިނަރެސް ފްލެޓްތަކާއި، ސަރުކާރު ކުންފުނިތަކުން ހަދާފައިވާ ފްލެޓްތަކުގެ ކުލި ކުޑަކޮށްދެއްވުމަށްވެސް ވައުދުވެވަޑައިގެންފަ އެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ ހިޔާ ފްލެޓްތައް ހުރި ސަރަހައްދު ތަރައްގީކުރަން މިސަރުކާރަށް ވަގުތު ލިބުނު ކަމަށެވެ. ނަމަވެސް އެކަމަށް އިހްމާލުވީ ކަމަށް ވިދާޅުވި އެވެ.