ދުނިޔެ

ސައޫދީ، އިޒްރޭލު ގުޅުން ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާކުރެވޭ: ބްލިންކެން

ސައޫދީ އަރަބިއްޔާ އާއި އިޒްރޭލާ ދެމެދު ސިޔާސީ ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުން މަޝްވަރާކުރެވޭ ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން ވިދާޅުވެއްޖެ އެވެ.

ބްލިންކެން ވިދާޅުވީ މި ދެ ގައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ބަދަހިކުރުމަށް އުއްމީދުކުރައްވާ ކަމަށާއި އެކަމަކު އެއްވެސް ޔަގީންކަމެއް އަދި ނެތް ކަމަށެވެ.

ސައޫދީއާ އިޒްރޭލާ ދެމެދު ސިޔާސީ ގުޅުން ބަދަހިކުރުމަށްޓަކައި އެމެރިކާގެ ގާނޫނު ހަދާ މަޖިލީސްގެ ތެރެއިން ވެސް ނިންމަންޖެހޭ ކަންތައްތަކެއް ހުރި ކަމަށް ބްލިންކެން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ދެ ގައުމުގެ ގުޅުމުގައި ބުއްދި ގަބޫލުކުރެވޭ ސިފަ ޖެއްސުމަށްޓަކައި އިސްތިރިކޮށް އޮމާންކުރަން ޖެހޭ ވަރަށް ގިނަ ކަންތައްތަކެއް ހުރި ކަމަށެވެ.

އިޒްރޭލާ އެކު ސިޔާސީ ގުޅުން ބަދަހިކުރުމަށް ޝަރުތު ލިސްޓެއް ސައޫދީ އަތުގައި އޮތް ކަމަށް ބްލިންކެންގެ ވާހަކައިން އެނގެ އެވެ. އިޒްރޭލަކީ ވެސް ޝަރުތު ގިނަ ޝަކުވާ ގިނަ ގައުމެއް ކަމަށްވެސް ވިދާޅުވި އެވެ.

ބްލިންކެން ވިދާޅުވީ ޝަރުތު ލިސްޓްތަކުގައި ހުރި ވަކިވަކި ނުކުތާތަކަށް ބަލައި މަޝްވަރާކޮށް ވަކި ގޮތެއް ކަނޑައަޅަން ދުވަސްތަކެއް ނަގާނެ ކަމަށެވެ. ކޮންމެ ބަޔަކު ހުށަހަޅާ ކޮންމެ ޝަރުތަކަށް ހައްލެއް ނުލިބުމަކީވެސް އޮތް ފުރުސަތެއް ކަމަށް ވިދާޅުވި އެވެ.

މެދުއިރުމައްޗަށް އޮތް ހައްލަކީ ދެ ދައުލަތް ކަމަށް ދެކެވޭ ވާހަކަތަކާ މެދު ބްލިންކެން ވިދާޅުވީ -- ސައުދީއާ އިޒްރޭލާ ދެމެދު ސިޔާސީ ގުޅުން ބަދަހިކުރުމަށް އޮތް ބަަދަލެއްގެ ގޮތުގައި ދެ ދައުލަތް ނުވެދާނެ ކަމަށެވެ.

ބްލިންކެން މިހެން ވިދާޅުވި ނަމަވެސް، އިޒްރޭލާ އެކު ސިޔާސީ ގުޅުން ބަދަހިކުރުމަށް ސައުދީ ހުށަހަޅާފައި އޮތް އެންމެ ބާރުގަދަ ނުކުތާ އަކީ -- އިޒްރޭލަށް މިނިވަން ދައުލަތެއް އޮތް ފަދައިން، ފަލަސްތީނަށް ވެސް މިނިވަން ދައުލަތެއް އޮތުމެވެ. އަދި ފަލަސްތީނަށް ދެރަގޮތެއް މެދުވެރިދާނެ އެއްވެސް ކަމެއްގައި، އިޒްރޭލާ އެކު ގުޅުން ގާއިމުނުކުރާނެ ކަމަށްވެސް ސައުދީ އޮތީ ބުނެފަ އެވެ.

ސައޫދީ، އިޒްރޭލު ގުޅުމުގައި ސިޔާސީ ކުލަ ޖައްސައި އެކުވެރި މާހައުލެއްގައި މަޝްވަރާކޮށް މުއާމަލާތްކުރުމަށް މަސައްކަތްތަކެއް ވަނީ ކުރެވިފަ އެވެ. ނަމަވެސް، މިއިން އެއްވެސް މަޝްވަރާއެއްގައި އެއްބަސްވުމެއްގެ ސިފަ ޖެހޭ ގޮތް އަދިވެސް އޮތީ ނުވެ އެވެ.