ދުނިޔެ

ތަރުޖަމާނަކު ނެތް، ޗައިނާ ބަހުން ވާހަކަދައްކަވާ: މަދޫރޯ

ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ މިދާކަށް ދުވަހު ޗައިނާއަށް ކުރެއްވި ދަތުރެއްގައި ހޮންކޮންގެ ފީނިކްސް ޓީވީން ނޫސްވެރިއަކު އިނގިރޭސި ބަހުން ސުވާލެއް ކުރުމުން -- ތިޔަ ސުވާލު ތަރުޖަމާކޮށްދޭނެ، ތަރުޖަމާނަކު ނެތް ކަމަށް ވިދާޅުވެއްޖެ އެވެ.

މަދޫރޯ ވިދާޅުވީ އިނގިރޭސި ބަސް ދޫކޮށްލާފައި ޗައިނާ ބަހުން -- މެންޑަރިން އިން ސުވާލުކުރެވިދާނެ ކަމަށެވެ.

"އިނގިރޭސި ބަހުން ވާހަކަދެއްކުމުގެ ބޭނުމެއް ނެތް،" މަދޫރޯ ވިދާޅުވި އެވެ. "ތަރުޖަމާނަކު ނެތް" އޭނާ ވިދާޅުވި އެވެ.

"އެ ޒަމާން މިހާރު ހިނގައްޖެ -- މިއީ މުޅިން އާ ޒަމާނެއް" ނޫސްވެރިޔާއަށް މަދޫރޯ ވިދާޅުވި އެވެ.

މަދޫރޯ ވިދާޅުވީ މިއީ 21 ވަނަ ގަރުނު ކަމަށާއި މި ގަރުނުގައި ފާހަގަކުރާ އެންމެ މުހިންމު ކަމަކީ ދުނިޔޭގައި ހަންފެތުރި ބާރުތަކުން ވާގިދޫވެފައިވުން ކަމަށެވެ.

ދުނިޔޭގައި މިހާރު ބާރުތައް އޮތީ ވަކި ބައެއްގެ މުށުގައި ނޫން ކަމަށްވެސް މަދޫރޯ ވިދާޅުވި އެވެ. މިއީ އެއްބައިވަންތަ ކަމާއި ސުލްހައިގެ ގަރުނު ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މަދޫރޯ ޗައިނާއަށް ކުރެއްވި ހަ ދުވަހުގެ ރަސްމީ ދަތުރުގައި ރައީސް ޝީ ޖިންޕިންއާ ބައްދަލުކުރައްވައި ދުނިޔޭގައި މިހާރު ސިޔާސީ ތަރުތީބާ ބެހޭ ގޮތުން މަޝްވަރާކުރެއްވި އެވެ.

ޗައިނާއާ އެކު 30 އަށް ވުރެ ގިނަ އެއްބަސްވުމުގައި ސޮއިކުރައްވައި އެއިން ކޮންމެ އެއްބަސްވުމެއްގައި އަމަލީ ސިފަ ޖެއްސެވި ކަމަށް ވެނެޒުއެލާގެ ނޫސްތައް ބުނެ އެވެ.

ވެނެޒުއެލާ އާއި ޗައިނާއާ ދެމެދު އޮންނަނީ ވަރަށް ބަދަހި ގުޅުމެކެވެ. ޗައިނާއާށް އިހުތިރާމް ކުރުމުގައިވެސް ވެނެޒުއެލާ އަކީ ޗައިނާއަށް ސެލިއުޓް ނަގާ ގައުމެކެވެ.

ވަން ޗައިނާ ސިޔާސަތަށް މަރުހަބާ ކިޔައި އަމަލީ ގޮތުން ހަރަކާތްތެރިވުމުގައި މަދޫރޯގެ ސަރުކާރަކީ ޗައިނާއަށް ވަރަށް ބޮޑު ހިތްވަރެކެވެ.

ދުނިޔޭގެ އެކި މާލަންތަކުގައި ޗައިނާއާ ދެކޮޅަށް ދެކެވޭ ވާހަކަތައް ދިފާއުކުރުމުގައިވެސް ވެނެޒުއެލާގެ ކިބައިން ފެންނަނީ ދޫކުރުމެއް ނެތް ތަނެވެ.