ރިޔާސީ އިންތިހާބު 2023

ރީރަޖިސްޓްރޭޝަންގެ ދެވަނަ ދުވަސް، ގިނަ ފޯމްތަކެއް އީސީއަށް

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓުލީ ތަން ނޫން އެހެން ތަނެއްގައި ދެވަނަ ބުރުގައި ވޯޓުލާން އެދޭ ފަރާތްތަކަށް ރީ-ރަޖިސްޓްރީ ވުމަށް އިއްޔެ ހުޅުވާލުމާއެކު ގިނަ ފޯމްތަކެއް ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

ރީ-ރަޖިސްޓްރީވުމަށް އިއްޔެ ހުޅުވާލައިފާވާއިރު މާދަމާ އަކީ ރީ-ރަޖިސްޓްރީވުމަށް ހަމަޖެހިފައިވާ ފަހު ދުވަހެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ގޮތުގައި އިއްޔެ އެކަނިވެސް 9،000 އަށް ވުރެ ގިނަ ފޯމް އެ ކޮމިޝަނަށް ވަނީ ހުށަހަޅާފަ އެވެ. އަދި 7،000 އަށް ވުރެ ގިނަ ފޯމު އޮންލައިންކޮށް ހުށަހަޅާފައިވާ ކަމަށްވެސް އެ ކޮމިޝަނުން ބުނެފައިވެ އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 30 ވަނަ ދުވަހު އެވެ.

ދެވަނަ ބުރުގައި ވާދަކުރައްވާނީ ފުރަތަމަ ބުރުގެ ވޯޓުން 46 ޕަސަންޓް ލިބިވަޑައިގެންނެވި ޕީޕީއެމް-ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި 39 ޕަސަންޓް ހޯއްދެވި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެވެ.