ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

މިނިކުތީ އެޓޭކް މޯޑުގައި، ދެން ޖަހާނީ ގޯލް: ރައީސް

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ފުރިހަމައަށް ތައްޔާރުވެފައިވާތީ އެމްޑީޕީ މިހާރު އޮތީ "އެޓޭކް މޯޑުގައި" ކަމަށާއި، އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބު ކުރާނީ "ފަސް ލަނޑު ދެ ލަނޑުން" ކަމަށް ވިދާޅުވެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެމްޑީޕީގެ ޓީމުތަކަށް ހިތްވަރު ދެއްވައިފި އެވެ.

ރައީސް ސޯލިހް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ގޯސްތަކެއް ހެދިފައިވާ ކަމަށާއި ދެވަނަ ބުރަށް ނިކުންނައިރު އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ މިހާރު ހުޅުވާލާފައި އޮތް ރީރަޖިސްޓްރީ މަރުހަލާ ރަނގަޅަށް ކުރިއަށް ގެންދިއުން ކަމަށެވެ.

ރައީސް ވިދާޅުވީ ރީރަޖިސްޓްރީ މަރުހަލާ ރަނގަޅަށް ކުރިއަށް ގެންދިއުމަށްފަހު ދެން އަވަހަށް ކުރިއަށް ގެންދަންވީ ދޮރުން ދޮރަށް ހިނގާ ވީހާވެސް ގާތުން މީހުންނާ ބައްދަލުކުރުން ކަމަށެވެ. މިއިންތިހާބު ގެއްލިއްޖެނަމަ ދެން ގައުމަށް ވެގެން ހިނގައިދާނެ ގޮތް ރައްޔިތުންނަށް ކިޔައިދިނުމަށްވެސް ރައީސް އެދިވަޑައިގެންނެވި އެވެ.

"ހާފް ޓައިމްގައި އަޅުގަނޑުމެން ޗޭންޖު ރޫމަށް ވަދެ ރާވާލައިފިން. ދެވަނަ ބުރު އަޅުގަނޑުމެން ކުޅޭނެ ގޮތް އިންތިޒާމުކޮށްލައިފިން. ބައެއް ފަހަރު ބައެއް މަގާމުތަކަށް ކުޅޭ މީހުން ބަދަލުވެސް ކޮށްލައިފިން. ބުންވަރު ހުރި މީހުން އަޅުގަނޑުމެން ކުރިއަށް ނެރެފިން. މިހާރު މިދަނީ އެޓޭކް މޯޑުގައި. އިރާދަކުރެއްވިއްޔާ ގޯލް ދެން ޖަހާނީ. ގޯލް ދެން ޖަހާނީ. ގޯލަކަށް ފަހު ގޯލެއް. ގޯލަކަށް ފަހު ގޯލެއް އަޅުގަނޑުމެން ޖަހާނީ،" ވަރަށް ޖޯޝުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވި އެވެ.

ވާދަވެރި ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގަންނަވާ ބައެއް ވައުދުތަކަށްވެސް ރައީސް މިރޭ ވަނީ ރައްދުދެއްވާފަ އެވެ. އެގޮތުން ސިފައިންނާއި ފުލުހުންގެ މުސާރަ ދެގުނަ ކުރުމަށާއި ހިޔާ ފްލެޓްތަކާއި ސަރުކާރު ކުންފުނިތަކުން އެޅި ފްލެޓްތަކުގެ ކުލި ކުޑަކުރުމަށް މުއިއްޒު ވައުދުވެވަޑައިގެންފައިވާތީ ރައީސް ވަނީ އެއީ ފުއްދައިދެވިދާނެ ވައުދުތަކެއްތޯ ސުވާލު އުފައްދަވާފަ އެވެ.

"ބަނގުރޫޓްވެފައި އޮތް ގައުމެއްގައި އެކަން ކުރާނީ ކިހިނެއްތޯ؟ އެއް ފަރާތުން މިބުނަނީ ބަނގުރޫޓް ވެފައޭ. އަނެއް ފަރާތުން އެކިއެކި މުއައްސަސާތަކުގެ މުސާރަތައް ދެގުނަ ކުރާ ވާހަކަ. އަނެއް ފަރާތަކުން އެ ބުނަނީ ކުއްޔަށް ދީފައި ހުރި ތަންތަނުގެ ކުލި އެކީގައި ކަނޑާލާ ވާހަކަ. މިއީ ކުރެވޭނެ ކަމެއްތޯ؟ މިކަމާ ދޭތެރޭ އަޅުގަނޑުމެން ވިސްނާ މިކަންތައްތައް ހަނދާންކޮށްދޭން އެބަޖެހޭ،" ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕޭން ރަނގަޅަށް އިންތިޒާމު ކުރެވިފައިވާތީ އިންތިހާބު ބޮޑުތަނުން ކާމިޔާބުކުރައްވާނެ ކަމަށެވެ. އަދި އެމްޑީޕީ އުފެއްދުމުގައި އެންމެ އިސްކޮށް އެންމެ ކުރިން މަސައްކަތް ކުރެއްވި ބައެއް ބޭފުޅުން ކެމްޕޭންގައި އެމަނިކުފާނާ ގުޅިވަޑައިގަތުމަކީ ލިބިވަޑައިގަންނަވާ އުފަލެއް ކަމުގައި ވިދާޅުވި އެވެ.

"އަޅުގަނޑުމެން ނިކުމެ މިތިބީ މެޗަކަށް. ފުރަތަމަ ހާފް ނިމިއްޖެ. ފުރަތަމަ ހާފް ނިމުމަކީ މެޗު ނިމުމެއް ނޫން. ބައެއް ފަހަރު ފުރަތަމަ ހާފްގައި ތިން ލަނޑު އެއް ލަނޑުން ހަތަރު ލަނޑު އެއް ލަނޑުން ބަލިވޭ. އެއް ބަޔަކު މޮޅުވޭ. އަޅުގަނޑުމެން މިއަދު މިތިބީ އެގޮތަށް ބަލާނަމަ ތިނެއް އެކެއްގެ ތަފާތަކުން. އިރާދަކުރެއްވިއްޔާ ދެވަނަ ހާފްގައި އަޅުގަނޑުމެން ނިކުމެ އެވަރަށް ހަމަކޮށް އިތުރު ދެ ލަނޑު ޖަހާ އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ފަސް ލަނޑު ދެ ލަނޑުން މިމެޗު އަޅުގަނޑުމެން ކާމިޔާބުކުރާނަަން،" ރައީސް ވިދާޅުވި އެވެ.