ހަބަރު

ސިޔާސީ މީހުންނަށް ހިމާޔަތް ދިނުމުގައި ދިވެހި ސަރުކާރު ފެއިލްވެއްޖެ: އެމެރިކާ

ދިވެހި ސަރުކާރު ވަނީ ސިޔާސީ ފަރާތްތަކަށް ހިމާޔަތް ދިނުމުގައި ފެއިލްވެފައި ކަމަށް އެމެރިކާއިން ބުނެފި އެވެ. އެމެރިކާއިން މިހެން ބުނީ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲއަށް ކުރި 12 އަހަރު ދުވަހުގެ ޖަލު ހުކުމާމެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲގެ މައްޗަށް ވެސް ޓެރަރިޒަމްގެ ކުށް ސާބިތުވެ، 12 އަހަރަށް ޖަލަށް ލުމަށް ވަނީ ހުކުމް ކޮށްފަ އެވެ. އިމްރާންގެ މައްޗަށް ދައުވާކުރީ ހަމަނުޖެހުމަށް ހިތްވަރު ލިބޭ ގޮތަށް މޭޑޭގެ މުޒާހަރާގައި ދެއްކެވި ވާހަކައިގެ ސަބަބުން ބޮޑެތި ހަމަނުޖެހުންތަކެއް ހިނގައި ފުލުހުންނާއި އާންމުންނަށް އެކި ވަރުގެ އަނިޔާތައް އެދުވަހު ވުމުންނެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނެއް ކަމަށްވާ މާކް ސީ ޓޯނާ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، އިމްރާންގެ މައްޗަށް އިއްވި ހުކުމާމެދު އެމެރިކާއިން އިންތިހާއަށް ކަންބޮޑުވާ ކަމަށެވެ. ސިޔާސީ ފަރާތްތަކަށް ދައުވާކުރުން ހުއްޓާލުމަށް މާކް ވަނީ ސަރުކާރަށް ގޮވާލައްވާފަ އެވެ. ރާއްޖޭގައި އަހަރެއްހާ ދުވަހުގެ ތެރޭގައި ތިން ސިޔާސީ ލީޑަރުން ދިގު މުއްދަތަކަށް ޖަލަށްލާފައިވާކަން މާކް ފާހަގަ ކުރެއްވި އެވެ.

ސިޔާސީ ލީޑަރުންގެ ޝަރީއަތްތައް ހިންގާއިރު އެ ފަރާތްތަކަށް ދޭންޖެހޭ ހިމާޔަތާއި ރައްކާތެރިކަން ދިނުމުގައި ދިވެހި ސަރުކާރު ފެއިލްވެފައިވާ ކަމަށާއި އެ ޝަރީއަތްތައް ހިންގާފައިވަނީ ދިވެހިރާއްޖޭގެ ގާނޫނުތަކާއި ބައިނަލްއަގްވާމީ މިންގަނޑުތަކާ ހިލާފަށް ކަމަށް ވެސް މާކް ވިދާޅުވި އެވެ.

މާކް ވަނީ އިންސާނީ ހައްގުތަކާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ކަށަވަރުކޮށްދިނުމަށް ސަރުކާރަށް ގޮވާލާފަ އެވެ. އަދި ޝަރުއީ ދާއިރާގެ އިތުބާތު ހިފަހައްޓައި، ސިޔާސީ ފަރާތްތަކަށް ދައުވާކުރުން ހުއްޓާލުމަށް ވެސް މާކް ގޮވާލެއްވި އެވެ.

އިމްރާން އަބްދުﷲގެ މައްޗަށް 12 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވުމުން، އިނގިރޭސިވިލާތުން ވެސް ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ ގައުމުން ބުނީ އެއީ ދިވެހި ސަރުކާރުން ފަހަތަށް އެޅި ފިޔަވަޅެއް ކަމަށެވެ. އިމްރާންގެ މައްޗަށް ކުރި ހުކުމް ދިފާއުކޮށް ސަރުކާރުން ބުނެފައިވަނީ، ހައްދުފަހަނައަޅައިދިޔުމަށް ރާއްޖޭގައި ޖާގައެއް ނޯންނާނެ ކަމަށެވެ.