ދެކުނު ކޮރެއާގައި ކުއްތާ މަސް ކެއުން މަނާކުރުމަށް ގާނޫނެއް ހަދަން ޖެހިއްޖެ އެވެ.
ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނަށް މިހާރު ޖެހިފައި އޮތް މަސައްކަތަކީ -- ކުއްތާ މަސް ކެއުމަށްޓަކައި ކުއްތާ ކަތިލުން މަނާކުރުމެވެ.
ކުއްތާ މަހަކީ ދެކުނު ކޮރެއާގައި ތާރީހް ތެރެއަށް ވަަދެގެން ގޮސްފައި އޮތް ސަގާފީ ހަރަކާތެކެވެ. ދެކުނު ކޮރެއާގެ ކެފޭ ރެސްޓޯރަންޓްތަކުގައި ތެލުލި ކުއްތާ ބޮލާއި، ހަވާދުލީ ކުއްތާ ބޮލަކީ މީރު ކެއުމެވެ.
ދަތުރުވަރެއްގައި ނަމަވެސް ދެކުނު ކޮރެއާއަށް ގޮސް އައިސް ތިބި މީހުންނަށް މިފަދަ މަންޒަރުތައް ވާނީ ފެނިފަ އެވެ.
ކުއްތާ ބޯތައް ތެލުލައި ހަވާދުލާފައި ހުންނަ އިރުވެސް އެ ސޮރުގެ ބޯ ހުންނާނީ ތަނެއްގައި ދައިގަންނަން އަނގަހުޅުވާފައި ހުންނަ ގޮތަށެވެ. ބޮޑެތި ދަތްތައް ފެނި އަހަރެމެންގެ ގައިން ހީބިހި ނެގިޔަސް އެ ގައުމުގެ މީހުންނަށް އެއީ މީރު ކެއުމެކެވެ.
ކުއްތާ ކަތިލުމާއި، މަސް ވިއްކުން އަދި ކެއުން މަނާކުރުމަށް މިހާރު އެކުލަވާލާފައި އޮތް ބިލް ފާސްވެއްޖެނަމަ މިއީ ދެކުނު ކޮރެއާއަށް ތައާރަފްވާ މުޅިން އާ ކަމަކަށް ވާނެ އެވެ.
މަސްރަހު ދިރާސާކުރާ މީހުން ބުނާ ގޮތުން -- ކުއްތާ މަސް ކެއުން މަނާކުރަން ގޮވާލާ ގޮވާލުން އިތުރުވެފައިވުމުން މިއީ ވަރަށް ފަސޭހައިން ފާސްވާނެ ބިލެކެވެ.
މި ބިލު ފާސްކުރަން ގޮވާލާ ވަކާލާތުކުރާ މީހުންގެ ބަހަކީ އިންސާނުންނާ އެކު ޖަނަވާރުންނަށް ވެސް އުޅެވެން ޖެހޭނެ ކަމެވެ.
ކުއްތާ އަކީ ދެކުނު ކޮރެއާގެ 10 މިލިއަން ގޭބިސީގައި ލޯބިން ގެންގުޅޭ ޖަނަވާރަކަށް ވުމުން -- ކުއްތާއާ މެދު އިހާނެތިކޮށް ހިތުމަކީ ބޭއަދަބީ ކަމެއް ގޮތުގައި ދެކެން ޖެހޭނެ ކަމަށް ބައެއް މީހުން ދެކެ އެވެ.
ކުއްތާ މަހަކީ ދެ ކޮރެއާގައި -- ދެކުނު ކޮރެއާ އަދި އުތުރު ކޮރެއާގައި ވެސް މަޝްހޫރު ކެއުމެކެވެ. މި ކެއުމުގެ މަޝްހޫރުކަން އޮތް މިންވަރަކީ މަސް ކެއުމަށްޓަކައި ކަތިލެވޭ ކުއްތާގެ އަދަދު މިލިއަނަށް އެރުމެވެ.
ނަމަވެސް މި ފަހުން ދެކުނު ކޮރެއާގައި ކުއްތާ އަދި މިފަދަ އެހެން ޖަނަވާރުތައް -- މަސްކެއުމަށް ޓަކައި ކަތިލުމަކީ އާންމުން އެހާ ގަބޫލު ކަމަކަށް ނުވެ އެވެ. އޭގެ މަސް ކިތަންމެ މީރު ނަމަވެސް ޖަނަވާރުންނަށް އަނިޔާކުރުމަކީ ހިތް އެދޭ ކަމަކަށް ނުވަނީ އެވެ.
ދެކުނު ކޮރެއާގައި މީގެ ކުރިންވެސް ވަނީ ކުއްތާ މަސް ކެއުން މަނާކުރަން މަސައްކަތްކޮށްފަ އެވެ. އެ ފަހަރު މިކަން ނުވީ ކުއްތާ ވިއްސައި ބޮޑުކޮށް ބަލަހައްޓާ މީހުންނާ ހެދި އެވެ. އެއީ އެ މީހުންނަށް އާމްދަނީ ލިބެން ހުރި ކޮޅުތައް ބަންދުވާތީ އެވެ.