ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރީ-ރަޖިސްޓްރީވުމަށް މިހާތަނަށް ޖުމްލަ 25،493 ފޯމު ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވެއްޖެ އެވެ.
އިސްމާއީލް ހަބީބު މިއަދު ވިދާޅުވީ އިންތިހާބުގެ ދެވަނަ ބުރުގައި ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލި ފުރުސަތުގައި ފުރަތަމަ ދުވަހު 9،206 މީހުން ރީ-ރަޖިސްޓްރީވުމަށް ފޯމު އަދި ދެވަނަ ދުވަހު 16،287 މީހުން ރީ-ރަޖިސްޓްރީކުރަން ފޯމު ހުށަހަޅާފައިވާ ކަމަށެވެ.
ހަބީބު ވިދާޅުވި ގޮތުގައި އޭގެ ތެރޭގައި އޮންލައިންކޮށް ފުރަތަމަ ދުވަހު ހުށަހެޅި 7،267 ރީ-ރެޖިސްޓްރޭޝަން އަދި ދެވަނަ ދުވަހު އޮންލައިންކޮށް ހުށަހެޅި 11،082 ރީ-ރެޖިސްޓްރޭޝަން ހިމެނެ އެވެ.
އޭނާ ވިދާޅުވީ އިންތިހާބުގެ ދެވަނަ ބުރުގައި މިހާތަނަށް 10،271 މީހުން ރީ-ރަޖިސްޓަރީކޮށްދީފައިވާ ކަމަށާއި މައުލޫމާތު ފުރިހަމަ ނުވާތީ ދެވަނަ ބުރުގައި މިހާތަނަށް 1،546 ފޯމު ރިޖެކްޓްކޮށްފައިވާ ކަމަށެވެ.
ހަބީބު ވިދާޅުވި ގޮތުގައި އޮންލައިންކޮށް ހުށަހަޅާފައިވާ ފޯމުތަކުން ޕެންޑިންގެ ގޮތުގައި ދައްކާ ފޯމުތަކަކީ ވެރިފިކޭޝަން މަރުހަލާ މުޅިން ނުނިމޭ ފޯމުތަކެވެ. ފޯމުތަކުގެ ސައްހަކަން ކަށަވަރުވުމުން ރީ-ރަޖިސްޓަރީ ކުރެވުނު ކަމުގެ މެސެޖު ލިބޭނެކަން ހަބީބު ފާހަގަކުރެއްވި އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރީ-ރަޖިސްޓްރީވުމަށް ހުޅުވާލި ފުރުސަތު މިއަދު ހަވީރު 4:00 އަށް ހަމަވެ އެވެ. ހަބީބު ވަނީ އޭގެ ފަހުން ހުށަހަޅާ ރީ-ރެޖިސްޓްރޭޝަން ފޯމުތަކަށް ފުރުސަތު ދިނުމަކީ ނާދިރު ކަމެއް ކަމަށް ވިދާޅުވެފަ އެވެ.
އިންތިހާބުގެ ދެވަނަ ބުރު ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 30 ވަނަ ދުވަހު އެވެ. ދެވަނަ ބުރުގައި ވާދަކުރައްވާނީ ފުރަތަމަ ބުރުގައި 101،494 ވޯޓު ލިބިވަޑައިގެންނެވި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އާއި 86،166 ވޯޓު ލިބިވަޑައިގެންނެވި ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެވެ.