އެމްޑީއޭ

ބޮޑު ތަފާތަކުން މުއިއްޒު ބަލިކުރާނަން: މައުރޫފް

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ނިންމާލާނީ ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ބަލިކޮށްފައި ކަމަށް އެމްޑީޕީގެ ކޯލިޝަންގައި ހިމެނޭ އެމްޑީއޭގެ ނައިބް ރައީސް އަލީ މައުރޫފު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ އިން ރޭ ސޯސަން ޖަގަހައިގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މައުރޫފް ވިދާޅުވީ ފުރަތަމަ ބުރު ނިންމާލުމަށްފަހު މިހާރު މިދަނީ ގަދަހިފުމަކަށް ކަމަށާއި ގަދަހިފުމުގައި ބޮޑު ތަފާތަކުން މުއިއްޒު ބަލިކުރާނެ ކަމަށެވެ.

މައުރޫފް ވިދާޅުވީ މިހާލަތުގައި އޭނާގެ އިލްތިމާސް އަކީ އެމްޑީޕީ، އޭގެ އަސްލަށް ރުޖޫއަވެ، އެކަތިގަނޑަކަށް ވެގެން މަސައްކަތްކުރުން ކަމަށާއި، އެންމެން އެއް ފިކުރެއްގައި ގައުމު ސަލާމަތްކުރުމަށް ނިކުތުން ކަމަށެވެ.

"މާތްﷲގެ އިރާދަފުޅާއެކު މި އިންތިހާބު ކާމިޔާބުކުރާނީ މިގަދަހިފުމުގައި ޑރ. މުއިއްޒު ބޮޑުތަނުން ބަލިކޮށްފައި. އެއީ އަޅުގަނޑުމެން ޝައްކު ކުރާ ކަމެއް ނޫން" މައުރޫފް ވިދާޅުވި އެވެ.

މައުރޫފް ވަނީ ޑިމޮކްރެޓްސް އާއި އެމްޑީޕީ ގުޅިގެން ކުރިއަށް ދިއުމަށްވެސް ގޮވާލައްވާފަ އެވެ. އެގޮތުން މައުރޫފް ވިދާޅުވީ ރައީސް މުހައްމަދު ނަޝީދާއި، އެމަނިކުފާނުގެ އަރިހުގައި ތިއްބެވި ބޭފުޅުންނަށް ވެސް ސަލާމަތްތެރި މަގަކަށް އޮތީ އެމްޑީޕީ އާއި އެކު ކުރިއަށް ދިއުން ކަމަށެވެ.

"އެމްޑީޕީގެ ހުރިހާ ލޮބުވެތި ރައްޔިތުންނަށް ހާއްސަކޮށް ރައީސް ނަޝީދަށްވެސް އަދި ރައީސް ނާޝީދާ އެކީގައި ތިބި އެމްޕީންނަށް ވެސް އަޅުގަނޑު ދަންނަވާނީ ތިޔަބޭފުޅުންނަށް ސަލާމަތްތެރި މަގަކަށް އޮތީ މި މަގޭ. އަވަހަށް ވަޑައިގަންވާ" އޭނާ ވިދާޅުވި އެވެ.

މައުރޫފް އިތުރަށް ވިދާޅުވީ އެމްޑީއޭގެ ހުރިހާ މެންބަރުން ވެސް ތިބީ ގަދަކޮށް ރައީސް ސޯލިހް އާއި އެކު ކަމަށާއި، އެމްޑީއޭ އަކީ އަބަދުވެސް ރާއްޖެ އުފާވެރި ކަންމަތީ ބާއްވަން މަސައްކަތް ކުރާ ޕާޓީއެއް ކަމަށެވެ. އަދި އެމްޑީޕީއަކީ އަމާންކަމާއި ސުލްހަވެރިކަމަށް ލޯބިކުރާ ޕާޓީއެއް ކަމުގައިވެސް ވިދާޅުވި އެވެ.

"އެމްޑީޕީއަކީ ކުރިއަށް އޮތް މުސްތަގުބަލުގައިވެސް ދިވެހިރާއްޖެ އުފާވެރިކަންމަތީ ބާއްވާނެ ޕާޓީ. އެހެންވީމާ އަޅުގަނޑުމެން މިތިބީ ގަދަކޮށް، އިބްރާހިމް މުހައްމަދު ސޯލިހާ އެކީގައި، އެމްޑީޕީއާ އެކީގައި، އެމްޑީޕީގެ ގަދަ ފަހުލަވާނުން އަޅުގަނޑުމެންނާ އެކީ އެބަތިބި. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެމްޑީޕީގެ ރޫހުގައި ނިކުމެއްޖެއްޔާ މި އިންތިހާބު ކާމިޔާބުކުރުމަކީ އެއްވެސް ދަތިކަމެއް ނޫން،" މައުރޫފް ވިދާޅުވި އެވެ.