ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސްގެ ކެމްޕޭންގައި ކޮންމެ ދުވަހަކު މާލޭގެ ގޭގެއަށް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ކޮންމެ ދުވަހަކު މާލޭގެ ގޭގެއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ ގޮތަށް ކެމްޕޭން ހަރަކާތްތައް ފަށައިފި އެވެ.

މި ހަރަކާތުގެ ރައީސް ސޯލިހް މިއަދު ވަޑައިގަތީ މައްޗަށްގޮޅި އުތުރު ދާއިރާގެ ބައެއް ގެތަކަށާއި މާފަންނު އުތުރު ދާއިރާގެ ބައެއް ގެތަކަށެވެ.

ރައީސް ސޯލިހް މިއަދު ހަވީރު ދޮރުން ދޮރަށް ހިންގަވަން ފެއްޓެވި ގޮތަށް މިރޭ އިރުއޮއްސުނު އިރުވެސް އެމަނިކުފާނު ބައެއް ގެތަކަށް ވަޑައިގަންނަވަމުން ގެންދެވި އެވެ.

މާލޭގައި އާ ޖޯޝާ އެކު ރައީސް ސޯލިހް ފެއްޓެވި ދޮރުން ދޮރަށް ހަރަކާތުގައި ކޯލިޝަން ބައިވެރިން ކަމުގައިވާ އެމްޑީއޭ އާއި އަދާލަތު ޕާޓީގެ އިސްވެރިންވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.

ރައީސްގެ ކެމްޕޭންގައި އިސްކޮށް އުޅުއްވާ އޮފިޝަލަކު އަވަސްއަށް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި މިމަހުގެ 30 ވަނަ ދުވަހު ވޯޓުލުމުގެ ކުރިން މާލޭގެ ގިނަ ގޭބިސީތަކަކަށް ރައީސް ސޯލިހް ޒިޔާރަތް ކުރައްވާނެ ކަމަށެވެ.

"ރައީސްގެ މިޒިޔާރަތުގައި ރައްޔިތުންގެ ހާލު ބައްލަވައި ރައްޔިތުންގެ ކަންބޮޑުވުންތައް އައްސަވައި ހައްލުކޮށްދެވެން ހުރި ކަންކަން ހައްލުކޮށްދެއްވާނެ. އަދި މިސަރުކާރުން މިހާތަނަށް މާލޭގެ ރައްޔިތުންނާއި ޖުމްލަކޮށް މުޅި ރާއްޖޭގެ ތަރައްގީއަށް ކޮށްފައިވާ މަސައްކަތްތައް ރައީސް އޮޅުންފިލުއްވައިދެއްވާނެ،" އޮފިޝަލް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ރައީސް ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ. އެމަނިކުފާނުގެ ވާދަވެރި ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވަނީ 101،635 ވޯޓު ހޯއްދަވާފަ އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް ސޯލިހް ވެސް އަދި ޑރ. މުއިއްޒުވެސް އިތުރު ޕާޓީތަކާ އެކު ކޯލިޝަން ހެދުމަށް މަސައްކަތް ކުރެއްވި އެވެ. ނަމަވެސް އެމްއެންޕީ ފިޔަވާ އަދި އެއްވެސް ޕާޓީއަކުން އެއްވެސް ކެންޑިޑޭޓަކާ ގުޅިފައެއް ނުވެ އެވެ. އެމްއެންޕީން ގުޅިފައިވަނީ ޑރ. މުއިއްޒުގެ ކެމްޕޭނާ އެވެ.