ރިޔާސީ އިންތިހާބުގައި ރީ-ރަޖިސްޓްރީވުމަށް ހަދާފައިވާ ޕޯޓަލް ހެކްކޮށްފައިވާ ކަމަށް ބުނާ ވާހަކަތައް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދޮގުކޮށްފި އެވެ.
ޕޯޓަލް ހެކްކޮށްފައިވާ ކަމަށް ބުނާ ވާހަކަތައް އީސީ އިން ދޮގުކޮށްފައި މިވަނީ ޕީޕީއެމް ޕީއެންސީގެ ލީޑަޝިޕްގެ ބޭފުޅުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރީ-ރަޖިސްޓްރީވުމަށް ހަދާފައިވާ ޕޯޓަލް ހެކްކޮށްފައިވާ ކަމަށް ބުނެފައިވާތީ އެވެ.
ބައެއް ބޭފުޅުން ވަނީ މި ޕޯޓަލްގެ އެކްސެސް އިލެކްޝަންސް ކޮމިޝަަންގައި ކުރިން އުޅުއްވި މެންބަރަކަށް އޮންނަ ކަމަށްވެސް ތުހުމަތުކޮށްފަ އެވެ.
ތުހުމަތުތަކާ ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ރީ-ރަޖިސްޓްރޭޝަން ޕޯޓަލްގެ އެކްސެސް، އީސީގެ ކުރީގެ މެންބަރަކަށް ނުވަތަ ކަމާ ގުޅުން ނެތް އެއްވެސް މީހަކަށް ދީފައި ނޯންނާނެ ކަމަށެވެ.
ހަބީބް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ރީ-ރަޖިސްޓްރޭޝަން އޮންލައިން ޕޯޓަލް ހެކް ކުރުމަށް ބޭރުން މަސައްކަތްކޮށް ހަމަލާތަކެއް ދޭން އުޅުނަސް އެކަން ދެނެގަނެ ހައްލުކުރުމުގެ ގާބިލުކަން ކޮމިޝަންގައި ހުންނާނެ ކަމަށެވެ.
ރީ-ރަޖިސްޓްރޭޝަން ޕޯޓަލްއާ މެދު ހަގީގަތާ ހިލާފު ހަބަރުތައް ނުފެތުރުމަށްވެސް ހަބީބް ވަނީ އެދިވަޑައިގެންފަ އެވެ.