އެމެރިކާގެ ނިއުޔޯކްގައި މިއަދު އޮންނަ އދ ގެ އާންމު މަޖިލިސް ފެށެން ވާއިރަށް އެ ސިޓީގެ ސަލާމަތީ ފިޔަވަޅުތައް ވަރަށް ބޮޑަށް ވަރުގަދަކޮށްފި އެވެ.
ނިއުޔޯކް ފުލުހުން މެންހަޓަންގެ މަގުތަކުގައި ބެރިކޭޑް ޖަހައި، ބައެއް މަގުތައް ބަންދުކޮށް އަދި ބައެއް މަގުތައް ޝަރަފުވެރިންނަށް ވަނީ ހާއްސަކޮށްފަ އެވެ.
އދގެ އާންމު މަޖިލީހަކީ އެއް ވަގުތެއްގައި ގައުމުތަކުގެ ވެރިން އެއްތަންވެ ސައްލާކޮށް ކުރިމަތިވެފައި ހުރި ގޮންޖެހުންތަކާ މެދު މަޝްވަރާކުރާ އާންމު ބައްދަލުވުމެކެވެ.
ރިޕޯޓްތައް ބުނާ ގޮތުން މިއަދު ފަށައިގަންނަ 78 ވަނަ އާންމު ބައްދަލުވުމުގައި 150 އަށް ވުރެ ގިނަ ގައުމެއްގެ ވެރިން ބައިވެރިވެ ވަޑައިގަންނަވާނެ އެވެ. އަދި އެތައް ސަތޭކަ ވަޒީރަކާއި، ގައުމުތަކުގެ ޑިޕްލޮމެޓުނާއި އެންޖީއޯ ތަކުގެ އޮފިޝަލުން، ނޫސްވެރިން އަދި ނުފޫޒުގަދަ ވިޔަފާރިވެރިން ވެސް ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.
ނިއުޔޯކް ޕޮލިސް ޑިޕާޓްމަންޓުން ބުނާ ގޮތުން ހާލަތާ ގުޅޭ ގޮތަށް މަގުތައް ބަންދުކޮށް ހުޅުވައި އަދި މަގުހިނގާ މީހުންނާ ދުއްވާ އުޅަނދުފަހަރަށް އުނދަގޫ ނުވާ ގޮތައް މަގުތައް ތަރުތީބުކުރާނެ އެވެ.
މި ދަނޑިވަޅާ ދިމާކޮށް އަމިއްލަ ވެހިކަލްތައް ބޭނުންކުރުން މަދުކޮށް ޕަބްލިކް ޓްރާންސްޕޯޓް އިހްތިޔާރުކުރުމަށް ފުލުހުން ވަނީ ނަސޭހަތްތެރިވެފަ އެވެ. އެއީ މަގުތަކަށް ގެންނަ ކުއްލި ބަދަލުތަކާ ގުޅިގެން ބައެއް މަގުތައް ތޮއްޖެހި ވެހިކަލްތައް ތާށިވުން ކުޑަކުރުމަށެވެ.
އާންމު މަޖިލީސް ހިނގަމުން ދާއިރު ވެހިކަލްތައް ދަރަޖަކޮށް -- އެމެޖެންސީ ވެހިކަލްތަކަށް ވަކި މަގެއް، އަދި ގައުމުތަކުގެ ވެރިންނަށް ވަކި މަގެއް އޮތީ ކަނޑައަޅާފަ އެވެ. މިއިން އެއްވެސް މަގަކަށް އާންމުން ވަނުން އޮތީ މަނާކޮށްފަ އެވެ. ނަމަވެސް ނިއުޔޯކް ފުލުހުން ބުނާ ގޮތުން މަޖިލީސް ހިނގަމުންދާ ގޮތަށް ބަލައި ދޭތެރެ ދޭތެރެއިން ބައެއް މަގުތައް އާންމުކޮށް ހުޅުވާނެ އެވެ.
ދުނިޔޭގެ ސިޔާސީ މަސްރަހު މިހާރު އޮތް ގޮތުން މިއަދުގެ ޖަލްސާ އަކީ ހޫނު ބަހުސްތަކެއް ކުރެވޭނެ ޖަލްސާއަކަށް ވާނެ އެވެ.
މުޅި ދުނިޔެއަށް ވުރެ ހުޅަނގަށް ޔުކްރޭން މުހިއްމުވެފައި އޮތްއިރު ޔުކްރޭނާ ގުޅުން ހުރި ވާހަކަތައް އެމެރިކާ އާއި ޔޫރަޕަށް ނިސްބަތްވާ ގައުމުތަކުން ތަކުރާރުކޮށް ދައްކާނެ އެވެ.
ހުޅަނގުން ބޮޑަށް އަމާޒުހިފާނީ ރަޝިއާ ބޮލަށް ކޮންމެވެސް މައްސަލައެއް ކަނޑާލެވޭތޯ އެވެ. އުތުރު ކޮރެއާ އަދި ޗައިނާގެ ނުފޫޒުން އދ ސަލާމަތްކުރުމާ ބެހޭ ގޮތުން ވެސް އެމެރިކާ ވާހަކަދައްކާނެ އެވެ.