މޯލްޑިވިއަން އައިޑޮލް

މަޝްހޫރީ ގުރުއާން ކިޔަވަން! ލަވަކިޔުން މިއީ އޭނާގެ އާދަޔާހިލާފު ހުނަރެއް!

އޮޑިޝަންގައި ބައިވެރިވި ހިސާބުން ފެށިގެން މޯލްޑިވިއަން އައިޑޮލްގެ ޖަޖުން ބުނެފައި ވަނީ ޝޯގެ އެންމެ ތަފާތު އެއް އަޑަކީ ކާށިދޫ އަށް އުފަން މި ލަވަކިޔުންތެރިޔާ، މުހައްމަދު އިފްހާމްގެ އަޑު ކަމަށެވެ. ޝޯގައި މިހާތަނަށް އޭނާ އަށް ލިބުނު އެންމެ ބޮޑު ކޮމްޕްލިމެންޓަކީ ވެސް އެއީ އެވެ.

އެކަމަކު އެނގޭ ހެއްޔެވެ؟ ފަހަރެއްގައި މި އިފްހާމް އަކީ ޝޯގައި ބައިވެރިވި އަދި މިހާރު ބާކީ ތިބި ލަވަކިޔުންތެރިންގެ ތެރޭގައި ވެސް ހުރި އެންމެ ތަފާތު އެއް ކެރެކްޓާ އެވެ. ލަވަކިޔަން ފުރުސަތު ނުލިބިފައި ހުއްޓައި މޯލްޑިވިއަން އައިޑޮލްގެ ސްޓޭޖު ލިބިގެން ކުޅަދާނަކަން ދައްކައި ތަރިއަކަށް ބަދަލުވުމުގެ ކުރިން ވެސް އޭނާ އަކީ ތަރިއެކެވެ. ކާށިދޫގެ ރައްޔިތުން ފަރުހުވެރިވާ ފެންވަރުގެ ދަރިއެކެވެ.

އެކަމަކު ލަވަކިޔުންތެރިއެއްގެ ގޮތުގައެއް ނޫނެވެ.

"ރަށުގައި ބޮޑަށް މަޝްހޫރުވާނީ ގުރުއާން ކިޔަވަން. ރަށު ފެންވަރުގަ އާއި އަތޮޅު މުބާރާތްތަކުގައި ގުރުއާން ކިޔަވައިގެން ހުންނާނެ ރަށުގެ މީހުން ފަހުރުވެރިވާ ވަރުގެ ކާމިޔާބީ ލިބިފައި އަޅުގަނޑަށް. ލަވަ މުބާރާތެއްގައި ބައިވެރިވީ އެންމެ ފަހަރަކު. އެއީ ގްރޭޑް ހައެއްގައި ކިޔަވަމުން އިންޓަ ހައުސްގެ މުބާރާތެއްގައި. އެފަހަރު އެއް ވަނަ ލިބުނު،" ނަވާރަ ވަނަ އުފަން ދުވަހު އޮޑިޝަނުގައި ބައިވެރިވެ ގޯލްޑެން ޓިކެޓް ލިބުނު އިފްހާމް ބުންޏެވެ.

އޭނާ ބުނީ ރަށުގައި އުޅުނުއިރު ލަވަކިޔުމުގެ ގިނަ ފުރުސަތުތަކެއް ލިބިފައި ނެތްއިރު މޯލްޑިވިއަން އައިޑޮލްގައި ބައިވެރިވުމުގެ ވިސްނުމެއް ވެސް އެންމެ ފުރަތަމަ ނެތް ކަމަށެވެ.

"އަސްލު މި މުބާރާތުގައި ބައިވެރިވާކަށެއް ނޫން އަޅުގަނޑު ހުރީކީ. އާންމުކޮށް ލަވަކިޔައެއް ނޫޅެން. އެކަމަކު ދޮންތަ ވަރަށް ބޭނުންވޭ މި މުބާރާތުގައި އަޅުގަނޑު ބައިވެރިވާން. އެހެންވީމަ ދެން އަޅުގަނޑު ވެސް ހިތަށް އެރީ ޓްރައިކޮށްލާނަމޭ. ދެން ވަރަށް ގިނަ އެކުވެރިން ވެސް ބޭނުންވޭ އަޅުގަނޑު މީތި ޓްރައިކޮށްލަން،" އިފްހާމް ބުންޏެވެ.

މި ޝޯގައި ވާދަކުރަން ނުވަތަ ލަވައިގެ ތެރެއަށް އިފްހާމް ގެންދިޔަ އެންމެ ބޮޑު ބާރަކީ އޭނާގެ ބައްޕަ އެވެ. އިފްހާމްގެ މަންމަ އަކީ މީގެ ދިމާއިދިކޮޅެވެ. ގުރުއާން ކިޔެވުމުގެ މުބާރާތްތަކުން އިފްހާމަށް ލިބިފައިވާ ނަތީޖާތަކަށް ބަލާލީމަ މަންމަ އާއި ބައްޕަގެ ރޭހުގައި ކުރި ލިބެނީ ކާކަށްކަން ނިކަން ރަނގަޅަށް އެނގެ އެވެ.

އެހެން ނަމަވެސް އިފްހާމް ބުނީ ލަވަކިޔަން އެއީ މަންމަ ދެކޮޅުހަދާ ކަމެއް ނޫން ކަމަށެވެ.

"މަންމަ އަކީ ހަމަ ބެސްޓް. އަޅުގަނޑު ކުރާ އެއްވެސް ކަމަކަށް ނޯއެކޭ ނުބުނާނެ،" އިފްހާމް ބުންޏެވެ.

މިހައި ހިސާބުން އޭނާގެ މަންމަ އަށް ވެސް ކުޑަ ވަގުތުކޮޅެއް ހުސްކޮށްލަމާ ހިނގާށެވެ. އަގުވަޒަންނުކޮށް ދޫކޮށްލާ ވަރަށް ވުރެ ހިދުމަތްތެރި އަންހެނަކަށް ވީމަ އެވެ.

އިފްހާމްގެ މަންމަ އަކީ ކާށިދޫގެ އަންހެނުންނަށް ހާއްސަ މިސްކިތުގެ އިމާމެވެ.

"މަންމަ އަކީ މަންމަގެ އުމުރުން 16 އަހަރުން ފެށިގެން ރަށުގެ އަންހެން މިސްކިތުގައި އިމާމަކަށް. އޭރުން ފެށިގެން އަދިވެސް. މިހާރު މިއީ އެގޮތަށް އިމާމްކަން ކުރާތާ 21 ވަނަ އަހަރު. މަންމަ އަށް 44 ނުވަތަ 45 އަހަރު އުމުރުން،" ފަހުރުވެރިކަމާ އެކު އިފްހާމް ކިޔައިދިނެވެ.

"މަންމަ ވަރަށް ބޭނުންވާނެ އަޅުގަނޑު ގުރުއާން ކިޔެވުމުގެ މުބާރާތްތަކުގައި ބައިވެރިކުރަން. އެހެންވީމަ އަބަދުވެސް ގުރުއާން މުބާރާތެއް އޮންނަ ނަމަ އަޅުގަނޑު ބައިވެރިވާނެ އެ މުބާރާތެއްގައި. ގްރޭޑް ވަން އިން ފެށިގެން 10 އަކާ ހަމަ އަށް ދިޔައިރު ގުރުއާން ކިޔެވުމުގެ މުބާރާތްތަކުގައި އަޅުގަނޑު ހުންނާނީ ޓޮޕް ހޯދާފައި."

"އަހަރަކު ބާއްވާ ކޮންމެ މުބާރާތަކުން ހުންނާނެ އެއް ވަނަ ލިބިފައި. އަޅުގަނޑުގެ ގެއަށް ވަދެލިޔަސް އެނގޭނެ އެވަރު. ގުރުއާން މުބާރާތްތަކުން ލިބިފައިވާ ޓްރޮފީސްތައް އެވަރަށް ހުންނާނެ. ލަވަކިޔައިގެން ލިބުނީ އެންމެ ޓްރޮފީއެއް،" އިފްހާމް ޖަހާލީ ހިނިގަނޑެކެވެ.

ގުރުއާން ކިޔެވުން އެކަންޏެއް ނޫން! ގާރީ ކޯސް ވެސް ހެދި!

މޮޅަށް އަދި ރީއްޗަށް ގުރުއާން ކިޔަވާ ކުއްޖަކު ކުއްލިއަކަށް މޯލްޑިވިއަން އައިޑޮލް އިން ފެނުމުން ކާށިދޫގެ ބައެއް މީހުންނަށް ލިބުނު ހައިރާންކަން ވެސް ބޮޑެވެ.

"ކުޑަކޮށް ބައެއް މީހުން ހިތްހަމައެއް ނުޖެހޭ. އެކަހަލަ ކޮމެންޓްތަކެއް ވެސް ލިބުނު. އެއީ އާންމުކޮށް ގުރުއާން ކިޔަވާ ކުއްޖަކު ލަވަކިޔާތަން ފެނުނީމަ ބައެއް މީހުން ބުނި ކަމަށް ވަނީ އިފްހާމް އެންމެފަހުން މި ފެނުނީ އެހެން ފީލްޑަކުންދޯއޭ. އެއީ މީހުންނަކަށް ނޭނގޭނެ އަޅުގަނޑަކީ މިގޮތަށް ލަވަކިޔާ މީހެއް ކަމެއް ވެސް އަސްލު،" އިފްހާމް ބުންޏެވެ.

އަދި ވަރަށް ގިނަ ބަޔަކަށް ނޭނގޭ އަނެއް ވާހަކަ އަކީ އިފްހާމް ގާރީ ކޯހުގައި ވެސް ބައިވެރިވެ ނިކަން ރަނގަޅަށް ކުރިއަށް ދިޔަ ކަމަށެވެ.

"ގާރީ ކޯސް ވެސް ހެދިން ކުރިން. ލެވެލް ތިނެކާ ހަމަ އަށް ހަދާފައި އޭލެވެލް ސްޓާޓްކުރަން ވެގެން ގާރީ ކޯސް މެދުކަނޑާލީ،" އަހުމަދިއްޔާ އިން އޭލެވެލް ފުރިހަމަ ކުރުމަށް ފަހު ބިޒްނަސް މާކެޓިންގެ ދާއިރާ އިން ކިޔަވަމުން އަންނަ އިފްހާމް ބުންޏެވެ.

އޭނާ ބުނީ ގުރުއާން ކިޔަވާ ކުއްޖެއްގެ ގޮތުގައި މަޝްހޫރަސް ލަވަކިޔުމަކީ ވެސް ކުރަން ބޭނުންވާ ކަމެއް ކަމަށެވެ.

"ގުރުއާން ކިޔެވިޔަސް ލަވަވެސް ކިޔާ ހިތްވޭ. އެކަމަކު ރަށުގައި ލަވަ މުބާރާތްތައް ނުބާއްވާތީ ލަވަކިޔުމުގެ ފުރުސަތެއް ނުލިބޭ ގުރުއާން ކިޔަވަން ލިބޭ ފުރުސަތުތަކާ އެއްވަރަކަށް."

އެންމެ ބޮޑު ނުފޫޒަކީ ބައްޕަ!

ލަވަ އާއި މިއުޒިކަށް އިފްހާމްގެ ލޯބި ޖެއްސި ފަރާތަކީ އޭނާގެ ބައްޕަ އެވެ. އިފްހާމް ހަނދާން ހުންނަން ފެށީއްސުރެ އޭނާގެ ބައްޕަ އަކީ ލަވަ އާއި މިއުޒިކާއި މުނިފޫހިފިލުވުމުގެ ތެރޭގައި އުޅުނު ފަރާތެކެވެ. އަދި ބައްޕައާ އެކުގައި ގޮސް ލަވަކިޔައި އުޅުނު ހަނދާން ވެސް އިފްހާމްގެ އެބަހުއްޓެވެ.

"ލަވައިގެ ތެރެއަށް ބޮޑަށް ވަދެވިފައި ހުރި ގޮތަކީ ބައްޕަގެ ފަރާތުން. އެއީ ރަށުގައި ކުރިން ކްލަބް ޖަމިއްޔާގެ ފޯރިގަދަ ދުވަސްވަރު ބައްޕަ އަކީ އެގޮތަށް ހަދައިގެން އުޅުނު ކްލަބް ޖަމިއްޔާއެއްގައި ނިކަން އިސްކޮށް މިއުޒިކް ދިރުވަން މަސައްކަތްކުރި ފަރާތެއް. ހަރުމުނިއާ ކުޅެ އަތޮޅުގެ ރަށްރަށުގައި ޝޯ ވެސް ދިން މީހެއް. އެގޮތަށް ބައްޕަ އަކީ ވަރަށް ލަވަކިޔާ މީހެއް،" އިފްހާމް ކިޔައިދިނެވެ.

"ބައްޕަގެ ސައިޑުން ބޮޑަށް ލަވަކިޔުން އައިސްފައި މިހުރީ. ގޭތެރޭގައި އުޅޭއިރު ވެސް ލަވަކިޔައި ސަކަރާތް ޖެހޭނެ. އިންޑިއަލް އައިޑޮލް ފަދަ ޝޯތައް ވެސް ބައްޕައާ އެކު ބަލާނީ. އޮލިމްޕިއަންސް ބޭންޑްގެ ހުމެއިދާ އަކީ އަޅުގަނޑުގެ ބޮޑުދައިތައެއް. އެހެންވީމަ ލަވަކިޔުމަކީ އަސްލު ފެމިލީ ކަމެކޭ ވެސް ބުނެވިދާނެ."

"އީދު ޝޯތަކަށް ޕްރެކްޓިސްކުރާއިރު އަޅުގަނޑު ވެސް ގޮވައިގެން ބައްޕަ ދާނީ. ދެން އެގޮތަށް ދާ ބައެއް ފަހަރުތަކުގައި ލަވަކިޔާލަން ފުރުސަތު ވެސް ލިބޭ. ބައްޕައާ އެކު ހުންނާނެ ބައެއް ރަށްރަށަށް ވެސް ޝޯ ދޭން ދެވިފައި."

"މޯލްޑިވިއަން އައިޑޮލްގެ އޮޑިޝަނުގައި ބައިވެރިވުމުގެ ކުރިން ވެސް އަޅުގަނޑު ގުޅާލިން ބައްޕަ އަށް. ބައްޕަ ކުރިން ވެސް ބުނެފައި އޮތީ މުބާރާތުގައި ބައިވެރިވާ ނަމަ ޕްރެކްޓިސްކޮށްގެން ބައިވެރިވުމަށް. ދެން އެ ދުވަހު އޮޑިޝަނަށް ގޮސް ބައްޕަ އަށް ގުޅާލީމަ ވެސް ވަރަށް އެކްސައިޓެޑްވެފައި ހުރީ ބައްޕަ. ދެން ބުނީ ޕްރެކްޓިސްކޮށްފައިވާ ކާމިޔާބުވާނެއޭ."

އިފްހާމްގެ ނަމޫނާ އަކީ އަރުޖީތު ސިންގު!

އަރުޖީތު ސިންގަކީ އިންޑިއާގެ ރިއާލިޓީ ސިންގިން ކޮމްޕެޓިޝަންތަކުގައި ބައިވެރިވެ އެންމެ ފަހުން ނިކަން ބޮޑު އަދި އެހާމެ މަގްބޫލު ލަވަކިޔުންތެރިޔަކަށް ބަދަލުވެފައިވާ ފަރާތެކެވެ. މިއީ އިފްހާމަށް އެންމެ ކަމުދާ ލަވަކިޔުންތެރިޔާ ވެސްމެ އެވެ.

"އޭނަގެ އަޑު ވަރަށް ރީތި އަޅުގަނޑަށް. ދެން ވަރަށް ގިނަ މީހުން ބުނާނެ އޭނަގެ އަޑާ ވަރަށް ވައްތަރޭ ވެސް އަޅުގަނޑުގެ އަޑު. އައިޑޮލްގައި އެކުގައި މި އުޅޭ ބައެއް ކުދިން ވެސް ބުނެފައި އެބަހުރި އަރްޖީތުގެ އަޑާ އަޅުގަނޑުގެ އަޑު ވައްތަރޭ. އެކަމަކު އަސްލު އެހާ އެހާ ވައްތަރެއް ނޫންކަން ނޭނގެ،" އިފްހާމް ބުންޏެވެ.

"ހުރޭކަން ނޭނގެ ކޮންމެވެސް ގޮތެއް. ވަރަށް ވޭ އޭނާގެ ސްޓައިލަށް ލަވަކިޔަން ޓްރައިކުރާހިތް."

"ރާއްޖޭގެ ލަވަކިޔުންތެރިންގެ ތެރެއިން އުމަރު ޒާހިރުގެ ލަވަތައް ވަރަށް ކަމުދޭ އަޅުގަނޑަށް. ވަރަށް ފީލްގައި ހުންނަ ލަވަތަކެއް އެއީ. ދިވެހި ލަވަތައް ވަރަށް އަޑު ނޭހޭ. ގިނައިން އަޑުއެހެނީ ހިންދީ ލަވަ. އަރުޖީތަށް އިންސްޕަޔާވީފަހުން އޭނާގެ ލަވަތައް ފޯނުގައި ވެސް ވަރަށް ގިނަވާނެ."

މުބާރާތުން ކެޓިޔަސް ލަވަކިޔުން ހުއްޓާލުމެއް ނެތް!

އިފްހާމް ބުނަނީ މިހެންނެވެ. ސަބަބަކީ މިހާރު ވެސް މި ދާއިރާގައި ގިނަ ފުރުސަތުތަކަށް ދޮރު ހުޅުވިފައިވާތީ އެވެ.

"ގާލާ ރައުންޑުން ކަޓައިފިއްޔާމު ދެރަވާނެ. އެކަމަކު ކުރިން ދެރަވާނެ ވަރަކަށް ދެރައެއް ނުވާނެ. ސަބަބަކީ ޓޮޕް 12. އަލަށް މިފަދަ މުބާރާތެއްގައި ބައިވެރިވެފައި މިހާ ހިސާބަށް އާދެވުނީމަ. މި ދާއިރާ އިން އިތުރު ފުރުސަތުތަކެއް ލިބޭނެ ކަމަށް އުއްމީދުކުރަން. މި ފީލްޑް ދޫކޮށެއް ނުލާނަން ދެން ގައިމުވެސް،" އިފްހާމް ބުންޏެވެ.

"ކާމިޔާބުކުރެވުނަސް ނުކުރެވުނަސް މި ފީލްޑްގެ ފަރާތުން އަޅުގަނޑަށް ލިބޭ ކޮންމެ ފުރުސަތެއްގައި އެއްބާރުލުން ދޭނަން. ޓައިމް ހޯދައިގެން ވިޔަސް. މިހާރު ވެސް އެބަހުރި ފުރުސަތުތަކެއް ލިބިފައި."

އެކަމަކު ވެސް ލަވަކިޔުމުގެ ކެރިއާއެއް އޭނާ ބޭނުމެއް ނުވެ އެވެ. އޭނާގެ ހުވަފެން އަދި މާ ބޮޑެވެ.

"އެކަމަކު ސިންގިން އަކީ ކެރިއަރަކަށް ހަދަން ބޭނުންވާ ކަމެއް ނޫން. އަބަދުވެސް އެންމެ ކުޑައިރު ވެސް ޑްރީމް އަކީ ރިސޯޓެއްގެ ވަރަށް ބޮޑު މެނޭޖަރަކަށްވާން. އެހެންވީމަ މާކެޓިން ވެސް މި ހަދަނީ. އެއީ ރިސޯޓް ލައިފް ކަމުދަނީ މާ ބޮޑަށް. ވަރަށް ލައިފެއް އެއީ ވެސް."

** ** **

އެޑިޓަރުގެ ނޯޓް: މޯލްޑިވިއަން އައިޑޮލްގެ ގާލާ ރައުންޑަށް މިހާތަނަށް ހޮވިފައިވާ ކުދިންގެ ވާހަކަ ގެނެސްދީ ނިމުނީ އެވެ. މިހާތަނަށް ފީޗާކޮށްފައި ވާނީ ޕިއާނޯ ރައުންޑްގެ ފުރަތަމަ ގްރޫޕުން ގާލާ ރައުންޑަށް ހޮވުނު ހަ ކުދިންނެވެ. ކުރިއަށް އޮތް ޕިއާނޯ ރައުންޑުން ގާލާ ރައުންޑަށް ހޮވޭ ހަ ކުދިންގެ ވާހަކަ ވެސް މިގޮތަށް ފީޗާކުރެވޭނެ ވާހަކަ ދަންނަވަމެވެ.