ހަބަރު

ރާއްޖޭގައި ބޮޑެތި މައްސަލަތަކެއް ނެތް، ސެލެބްރިޓީ ލޯޔަރު ހަދަނީ ދޮގު: އޭޕީޕީޖީ

  • އިނގިރޭސި ސަރުކާރުގެ ތާއީދު ރާއްޖެއަށް ހޯދަން މަސައްކަތް ކުރާނެ
  • އިނގިރޭސި ޕާލިމަންޓަށް ރާއްޖޭގެ ރިޕޯޓެއް ހުށަހަޅާނަން
  • ރާއްޖޭގެ އަގު ވައްޓާލަން ކުރާ މަސައްކަތް ހުއްޓާލަން ގޮވާލި

ދިވެހިންގެ އަޑު އުފުލައި ރާއްޖެ ދިފާއުކޮށް ވާހަކަ ދައްކަންޖެހޭނީ ދިވެހިން ކަމަށާއި އެކަން ބޭރު ގައުމުގެ ފަރާތަކުން ކުރުމަކީ ހިތާމަހުރި ކަމެއް ކަމަށް ބްރިޓިޝް މޯލްޑިވްސް އޯލް ޕާޓީ ޕާލިމެންޓްރީ ގްރޫޕް (އޭޕީޕީޖީ) އިން ބުނެފި އެވެ. ރާއްޖެއަށް ކުރި ހަފްތާއެއްހާ ދުވަހުގެ ޒިޔާރަތަށް ފަހު އެ ގުރޫޕުން ބުނީ ރާއްޖެއާ ބެހޭ ގޮތުން ސެލެބްރިޓީ ލޯޔަރެއް ދޮގު ވާހަކަތަކެއް ފަތުރާ ކަމަށާއި ރާއްޖޭގައި މާ ބޮޑެތި މައްސަލަތަކެއް ނެތް ކަމަށެވެ.

މިހާރު ރާއްޖެއަށް ވަޑައިގެން އުޅުއްވާ އެ ގްރޫޕުގެ މެންބަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ގްރޫޕްގެ ޗެއާމަން އަދި އިނގިރޭސި ގާނޫނު ހަދާ މަޖިލީހުގެ މެންބަރު، ޑޭވިޑް އެމެސް ވިދާޅުވީ، ރާއްޖެއަކީ މިނިވަން ގައުމެއްކަމަށާއި އެހެން ގައުމުތަކުން ރާއްޖޭގެ ދާހިލީ ކަންކަމާ ބެހިގެންނުވާނެ ކަމަށެވެ. ރާއްޖެއިން ފާހަގަވި އެންމެ ބޮޑު މައްސަލައަކީ ރާއްޖެ ދިފާއުގައި ނިކުންނާނެ ދިވެހިން ނެތުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ގާބިލު މީހުން އެބަތިބި ބައިވަރު، އަހަރެން ބައްދަލުކުރިން ޕާލިމެންޓް މެންބަރުންނާ ވެސް އެ މީހުން ވަރަށް ގާބިލް، ރާއްޖޭގެ މައްސަލަތަކާ ގުޅޭ ގޮތުން ބޭރުގެ ގައުމުތަކުގައި އެ ފަރާތްތަކަށް ވާހަކަ ދެއްކޭނެ، ސެލެބްރިޓީ ލޯޔަރެއް އެކަމަށް ބޭނުމެއް ނުވޭ،" ކޮންޒަވޭޓިވް ޕާޓީއަށް ނިސްބަތްވާ އެމްޕީ، ޑޭވިޑް ވިދާޅުވި އެވެ.

ޑޭވިޑް ވިދާޅުވީ، ރާއްޖޭގެ ޕާލިމެންޓާއި ސަރުކާރުގެ ފަރާތުން ވެސް ބޭރުގެ ގައުމުތަކުގައި، ރާއްޖެ ތަމްސީލުކުރާނެ ފަރާތްތައް ފެންނަމުން ނުދާ ކަމަށެވެ. ޑޭވީޑް ވަނީ ރާއްޖެއާ ގުޅޭ ގޮތުން ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީ ވަކީލް އަމާލް ކުލޫނީ ދައްކަވާ ވާހަކަތައް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ، ސެލެބްރިޓީއެއް ވާހަކަ ދެއްކުމުން އެ ވާހަކަތަކަށް ސަމާލުކަން ލިބުނު ނަމަވެސް، ހަގީގަތާ ހިލާފު ވާހަކަތައް ފެތުރިޔަ ދީގެން ނުވާނެ ކަމަށެވެ. އެފަދަ ވާހަކަތަކުގެ ސަބަބުން އޭގެ ގެއްލުން ލިބޭނީ ހަމަ ހުރިހާ ދިވެހިންނަށް ކަމަށް ވިދާޅުވި އެވެ.

ގައުމަށް ނުރައްކާތެރި ކަންކަމާއި އެހީތެރިކަމަށް ބޭނުންވާ ދަނޑިވަޅުތައް ވެސް އަންނާނެ ކަމަށާއި އެފަދަ ހާލަތްތަކުގައި، އެ ގުރޫޕުން ފުރިހަމަ އެހީތެރިކަން ދޭނެ ކަމަށް ޑޭވިޑް ވިދާޅުވި އެވެ.

"ރާއްޖެއަކީ ވަރަށް ފުރިހަމަ ތަނެއް، އަގުވައްޓާނުލާ، މި ގައުމުގައި މާބޮޑު މައްސަލަތަކެއް ނެތް، ގައުމުގެ އަގު ވައްޓާލުމުން އޭގެ ގެއްލުން ލިބޭނީ އެންމެ މީހަކަށް ނޫން، މިއީ ރީތި ގައުމެއް، މީހުން ޒިޔާރަތްކުރުމަށް ބޭނުންވާ ތަނެއް، ރައްކާތެރި ވެސް ތަނެއް،"

ޑޭވިޑް ވިދާޅުވީ، ރާއްޖޭގެ އިގްތިސޯދު ހަލާކުކޮށްލުމަށް ބަޔަކު މަސައްކަތް ކުރަމުންދާއިރު އެކަމަށް ފުރުސަތު ދީގެންނުވާނެ ކަމަށެވެ. މި ގުރޫޕްގެ މެންބަރުން ވިދާޅުވީ، ރާއްޖޭގެ ހާލަތު ރަނގަޅުކުރުމަށް އިނގިރޭސިވިލާތުގެ ސަޕޯޓް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އަދި އެކަމުގައި ރާއްޖެއަށް އިނގިރޭސިވިލާތުން ކަނޑައަޅުއްވަވާފައި ހުންނަވާ ސަފީރު އަމަލީ ގޮތުން ވަރަށް ހަރަކާތްތެރިކަމާއެކު މަސައްކަތް ކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ބްރިޓިޝް މޯލްޑިވްސް އޯލް ޕާޓީ ޕާލިމެންޓްރީ ގްރޫޕަކީ، ރާއްޖޭގެ ސިޔާސީ ކަންކަމާއި ތިމާވެއްޓާއި ތައުލީމާއި އިޖުތިމާއީ މައްސަލަތައް އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގައި ސަމާލުކަމަށް ގެނައުމަށް އުފައްދާފައިވާ ކޮމިޓީއެކެވެ. ކޮމެޓީގައި ތިއްބަވަނީ ހަތަރު މެންބަރުންނެވެ. ރާއްޖެ އައިސްފައިވަނީ ތިން މެންބަރުންނެވެ. އެ މެންބަރުން ވިދާޅުވީ ރާއްޖެއާ ގުޅޭގޮތުން ވަރަށް އަވަހަށް މަޖިލީހުގައި ބަހުސްކުރާނެ ކަމަށެވެ.