ފިނިޕޭޖް

"މިސްޓާ އެންޑް މިސިޒް ސްމިތް" ސީރީޒް ފަސްކޮށްފި

ހޮލީވުޑްގެ ލިޔުންތެރިންނާއި އެކްޓަރުންގެ އިހުތިޖާޖާ ގުޅިގެން، އެމެޒޯންގެ "މިސްޓާ އެންޑް މިސިޒް ސްމިތް"ގެ ރީބޫޓް ސީރީޒް އަންނަ އަހަރުގެ ކުރީކޮޅު ދައްކާ ގޮތަށް ފަސްކޮށްފި އެވެ.

މިދުވަސްވަރުގެ ހާލަތާ އެއްގޮތަށް، މި ރީބޫޓްގެ އެގްޒެކްޓިވް ޕްރޮޑިއުސަރު އަދި ލީޑް ރޯލް އަދާކުރާ ޑޮނަލްޑް ގްލޯވާގެ ޑީލް ވަނީ މެދުކަނޑާލާފަ އެވެ.

"މިސްޓާ އެންޑް މިސިޒް ސްމިތް" އަކީ ޑަގް ލިމަން، އެންޖެލީނާ ޖޯލީ އާއި ބްރެޑް ޕިޓް ހިމަނައިގެން 2005 ގައި ހެދި ފިލްމްގެ ރީބޫޓް ސީރީޒެކެވެ.

މި ފިލްމުގެ ތަރިންގެ އެކްޓިން އާއި ވާހަކަ އާއި ޓެކްނިކަލް ކަންކަމުގެ އިތުރުން މި ފިލްމު މަޝްހޫރުވީ ބްރެޑް ޕިޓް އާއި އެންޖެލީނާ ޖޯލީގެ ގުޅުމާ ހެދި އެވެ.

މި ސީރީޒްގައި ޖޯން އަދި ޖޭން ސްމިތް އަކީ އެކަކު އަނެކަކާ ބީރައްޓެހި ދެމީހުންނެވެ. މި ދެމީހުން ގުޅުވާފައިވަނީ ގޮތް ނޭނގޭ އޭޖެންސީއަކުންނެވެ. މި ދެމީހުންގެ ހަގީގީ ޝަހްސު ދޫކޮށްލާ، ކައިވެނިކޮށްގެން ދިރިއުޅެމުންދަނީ ދުނިޔޭގެ މީހުންގެ ލޮލުގައި އަދުން އަޅުވައިގެންނެވެ. މިއީ ހަގީގަތުގައި ދެ ޖާސޫސުންނެވެ. އަދި ކޮންމެ އެޕިސޯޑެއްގައި އެމީހުންގެ މިޝަންތަކާއި ދެމީހުންގެ މެދުގައިވާ ގުޅުމާއި މައްސަލަތައް ފެނިގެންދާނެ އެވެ. އަދި ކޮންމެ ކަމެއްވިޔަސް، ވަރިވުމަކީ އޮތް ގޮތެއް ނޫނެވެ.

މި ސީރީޒް ގެނެސްދޭނީ ފިލްމާ ތަފާތުކޮށްލާފަ އެވެ. މި ސީރީޒްގައި ޖޭން ސްމިތްގެ ރޯލް އަދާކުރާނީ މާޔާ އާސްކިން އެވެ. މި ރޯލް ކުރިން ކުޅޭގޮތަށް އޮތީ "އިންޑިއާނާ ޖޯންސް އެންޑް ދަ ޑަޔަލް އޮފް ޑެސްޓިނީ"ގެ ފީބީ ވޯލާ-ބްރިޖް އެވެ. މީގެ އިތުރުން މި ސީރީޒްގައި ޕާކާ ޕޯޒީ، ވެގްނާ މޯރާ، މިކޭލާ ކޯއެލް، ޖޯން ޓޯޓޫރޯ އަދި ޕޯލް ޑާނޯ ހިމެނޭ ކަމަށް ދަ ހޮލީވުޑް ރިޕޯޓާ އިން ހާމަކޮށްފައިވެ އެވެ.