ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލް އިން އިންޓަނެޓް އަދި މޯބައިލް ބޭންކިންއަށް ޑިވައިސް މެނޭޖްމަންޓް ތައާރަފްކޮށްފި

ކަސްޓަމަރުން ސްކޭމް އިން ރައްކާތެރިކުރުމަށާއި ސެކިއުރިޓީ އިތުރަށް ހަރުދަނާކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އިތުރު ފިޔަވަޅެއްގެ ގޮތުން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިންޓަނެޓް އަދި މޯބައިލް ބޭންކިން މެދުވެރިކޮށް ޑިވައިސް މެނޭޖްމަންޓް ހިދުމަތް ތައާރަފްކޮށްފި އެވެ.

މި ހިދުމަތް މެދުވެރިކޮށް ކަސްޓަމަރުންނަށް އެކްޓިވް ސެޝަންތައް މޮނީޓަކޮށް އިންޓަނެޓް އަދި މޯބައިލް ބޭންކިން އަށް އެކްސެސް ވެފައިވާ ޑިވައިސްތަކުން ލޮގްއައުޓް ކުރެވެ އެވެ. ކަސްޓަމަރުންނަށް އެކްޓިވް ސެޝަން ބަލާލެވުމާއި ބޭނުންވާ ވަކިވަކި އަދި ހުރިހާ ޑިވައިސް އަކުންވެސް ލޮގްއައުޓް ކުރެވެ އެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވީ ކަސްޓަމަރުންގެ ރައްކާތެރިކަމާއި ސެކުއުރިޓީ ކަށަވަރުކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދޭ ކަމަށެވެ.

ކާލް ވިދާޅުވީ ބީއެމްއެލްގެ ސިސްޓަމްތަކަށް މިފަހުން ގެންނަމުންދާ ބަދަލާއި ތައާރަފް ކުރަމުންދާ މުހިއްމު ފީޗަ ތަކަކީ ސެކިއުރިޓީ ވަރުގަދަކުރުމަށް ބީއެމްއެލް އިން މަސައްކަތް ކުރަމުންދާ ކަމުގެ ހެއްކެއް ކަމަށެވެ. މި ބަދަލުތަކާއެކު ކަސްޓަމަރުންނަށް އަމިއްލައަށް ސްކޭމުން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމަށް ފުރުސަތު ލިބިގެންދާނެ ކަމަށްވެސް ކާލް ވިދާޅުވި އެވެ.

"ޑިވައިސް މެނޭޖްމަންޓަކީ ކަސްޓަމަރުންގެ ރައްކާތެރިކަމަށް، ސެކިއުރިޓީ އިތުރަށް ހަރުދަނާކުރުމަށް ތައާރަފް ކުރެވޭ މުހިންމު ފީޗައެއް. މި ފީޗަގެ ސަބަބުން، ކަސްޓަމަރުންނަށް ފަސޭހައިން އެންމެ ފަހުން ލޮގިންވެފައިވާ ލޮކޭޝަން އަދި ޑިވައިސް ބަލާލެވި، ވަކިވަކި ޑިވައިސްތަކުން ނުވަތަ ހުރިހާ ޑިވައިސްތަކުން ލޮގްއައުޓްވެވޭނެ." ކާލް ވިދާޅުވި އެވެ.

މިދިޔަ ދުވަސްތަކުގައި ބޭންކުންވަނީ ކަސްޓަމަރުން ސްކޭމްއިން ރައްކާތެރިކުރުމަށް ގިނަގުނަ ފިޔަވަޅުތަކެއްވެސް އަޅާފަ އެވެ.

ސެކިއުރިޓީ ވަރުގަދަކުރަން ބީއެމްއެލް އިން އަޅާފައިވާ ފިޔަވަޅުތައް

  • ޖޫން މަހު ބޭންކުން ވަނީ ކުއްލި ހާލަތްތަކުގައި އިންޓަރނެޓް ބޭންކިންގ އަދި ކާޑުތަކުގެ ހިދުމަތް ކަސްޓަމަރު އަމިއްލައަށް ވަގުތުން މެދުކަނޑާލެވޭ 'ކިލް ސްވިޗް' ތައާރަފްކޮށްފައެވެ.
  • މެއި މަހު ބޭންކުން ވަނީ އިންޓަރނެޓް އަދި މޯބައިލް ބޭންކިންގ ލޮގިންއަށް ޓޫފެކްޓަރ އޮތަންޓިކޭޝަން (2 އެފްއޭ) ތައާރަފްކޮށްފައެވެ. އަލަށް ގެނެވުނު އަޕްޑޭޓް އާއެކު، ލޮގިންވާ ފަރާތަކީ ރަޖިސްޓްރީވެފައިވާ ކަސްޓަމަރުކަން ޔަގީން ކުރުމަށްޓަކައި އިތުރު ސެކިއުރިޓީ ލެޔާއެއް އިތުރުކުރެވުނެވެ.
  • މާރިޗް މަހު، އިންޓަރނެޓް އަދި މޯބައިލް ބޭންކިންގ އަށް ލޮގިން ކުރަން މަސައްކަތް ކުރާ ކޮންމެ ފަހަރަކު އެލާރޓް އަންނަގޮތް ހަމަޖައްސައި، ހުރިހާ ސްކޭން-ޓު-ޕޭ ޕޭމަންޓްތަކަށް ވަން ޓައިމް ޕާސްވޯޑް (އޯޓީޕީ) އިތުރުކުރެވުނެވެ.

ބީއެމްއެލް އިން މިދިޔަ އަހަރު ވަނީ އޮތަންޓިކޭޓަ އެޕްތައް މެދުވެރިކޮށް އޯޓީޕީ ލިބޭނެ ގޮތް ހަމަޖައްސައި، ޑިފޯލްޓް އޯޓީޕީ ޗެނަލެއްގެ ގޮތުގައި ކުރިން ގާއިމުކޮށްފައިވާ އީމެއިލް ހުއްޓާލާ އިންޓަނެޓް އަދި މޯބައިލް ބޭންކިން މުއާމަލާތްތަކަށް ޕުޝް ނޯޓިފިކޭޝަން ފޮނުވަން ފަށާފަ އެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 87 ސެލްފްސާވިސް ބޭންކިން ސެންޓަރ، 143 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތް ގެންގުޅެނީ ބީއެމްއެލް އިންނެވެ.