ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އަމިއްލަ މަންފާއަށް އެއްވެސް ކަމެއް ނުކުރަން: ރައީސް

އެމަނިކުފާނުގެ މައްސަލަ ބެލެން އޮތް ގޮތަކަށް ބަލަންވީ ކަމަށާއި ނަމަވެސް ވެރިކަމުގައި އަމިއްލަ މަންފާއަށް ގޯސްކޮށް ކުރައްވާފައިވާ އެއްވެސް ކަމެއް ނޯންނާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

މާފަންނު ސަހަރާ ކައިރީގައި މިރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ރައީސް ވިދާޅުވީ ބައެއް މީހުން އެމަނިކުފާނަށް ހިޔާނާތުގެ ތުހުމަތު ކުރެއްވި ނަމަވެސް ދައުލަތުގެ ލޯލާރިއެއްގައިވެސް ޖެހިވަޑައިގެންފައި ނުވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ އަމިއްލަ ފައިދާއަށް ކަމެއް ކޮށްފައި އޮތް ނަމަ ކަމާ ގުޅޭ އިދާރާތަކަށް ހުށަހަޅައިގެން އެ މައްސަލަތައް ބަލަންވީ ކަމަށެވެ.

"އަޅުގަނޑު ވެރިކަމުން ފައިބައި ދުވަހުވެސް ބަލަންވީ. ޔަގީންކަން މިދެނީ އަޅުގަނޑާ ދޭތެރޭ ތުހުމަތުކުރަން އެފަދަ ކަމެއް ނޯންނާނެ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މިސަރުކާރުން ސިޔާސަތުތައް އެކުލަވާލައި ތަންފީޒު ކުރަނީ ކަމާ ގުޅޭ އެންމެހާ ފަރާތްތަކުގެ މަޝްވަރާއާއި ލަފާ ހޯދައިގެން މުޅި ރާއްޖޭގެ ރައްޔިތުންނަށް އެކަމުން ފައިދާވާ ގޮތަށް ކަމަށެވެ. އޭގެފަހުގައި ރައީސް ވިދާޅުވީ އެމަނިކުފާނަށް ރިޔާސީ އިންތިހާބު ގެއްލިއްޖެނަމަ ރާއްޖެ ބަނގުރޫޓްވާ ތަން ފެނިގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެން ރާއްޖޭގެ އިގުތިސޯދު ހަމައަކަށް އަޅުވަމުން މިދަނީ ފައިސާ ފޮތީގެ ދެ ފުށް އޮންނަ ކަން އެނގިގެން،" ވާދަވެރިންނަށް ރައްދުދެއްވަމުން ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މިސަރުކާރުގެ ހާރިޖީ ސިޔާސަތުގެ ފުރިހަމަ ކަމުން ބޭރުގެ ގައުމުތަކުގެ އަދި މާލީ އިދާރާތަކުން ފައިސާ ހޯދަން ފަސޭހަ ކަމަށެވެ. އެކަމަށް އިދިކޮޅު ފަރާތްތަކުން ފާޑުކިޔަސް ފައިސާ ލިބެނީ ސަރުކާރަށް އިތުބާރު އޮތުމުން ކަމަށްވެސް ވިދާޅުވި އެވެ.

ސަޕޯޓަރުންނަށް ހިތްވަރު ދެއްވަމުން ރައީސް ސޯލިހް ވިދާޅުވީ އެމަނިކުފާނު ހުންނެވީ އިންތިހާބު ކާމިޔާބު ކުރެއްވޭނެ ކަމުގެ ޔަގީންކަމުގަ އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުމަށް ރީރަޖިސްޓްރީވެފައިވާ މީހުން ވަރަށް ބޮޑަށް އިތުރުވެފައިވާތީ ރައީސްގެ ވާދަވެރިން ގެންދަނީ އެކަމަށް ވަރަށް ބޮޑަށް ފާޑު ކިޔައި އެއީ އެމްޑީޕީން އިންތިހާބު އޮޅުވާލުމަށް ޖަހާ ސަކަރާތެއްގެ ގޮތުގައި ސިފަކޮށްފަ އެވެ.

ވާދަވެރިންނަށް ރައްދުދެއްވަމުން ރައީސް ސޯލިހް ވިދާޅުވީ ރީރަޖިސްޓްރީ ކުރަން ހުށަހެޅި ގިނަ މީހުންނަކީ އެމްޑީޕީގެ މަސައްކަތުން ހޯދާފައިވާ މީހުން ކަމަށެވެ. މީގެތެރޭގައި ގިނައީ އެކި ސަބަބުތަކާ ހުރެ ފުރަތަމަ ބުރުގައި ވޯޓު ނުލައި މީހުން ކަމުގައިވެސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ އެމަނިކުފާނު ހުންނެވީ ހަމަޖެހިގެން ކަމަށެވެ. އަދި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބު ކުރައްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.