ބޮލީވުޑް

"ނީރްޖާ" ޕާކިސްތާނުގައި ރިލީޒް ނުކުރާނެ

Feb 18, 2016
1

މާދަމާ ރިލީޒްކުރާ ސޯނަމް ކަޕޫރު ލީޑްރޯލުން ފެނިގެންދާ "ނީރްޖާ" މިހާރު ވަނީ މިމަހުގެ 15 ވަނަ ދުވަހު އޮތް ހާއްސަ ސްކްރީނިންއެއްގައި ބޮލީވުޑްގެ ފަރާތްތަކަށް ދައްކާލާފަ އެވެ.

މި ފިލްމު ބެލި ހުރިހާ ތަރިންވެސް ފިލްމާއި ސޯނަމްގެ އެކްޓިން މޮޅު ކަމަށް ތައުރީފު އަންނަނީ ކުރަމުންނެވެ. މިފިލްމު ރިލީޒްކުރާނެ އިރެއްގެ އިންތިޒާރުގައި ގިނަ އިންޑިއާގެ ރައްޔިތުންތަކެއް ތިބިއިރު، "ނީރްޖާ" ޕާކިސްތާނުގައި ރިލީޒްކުނުރާނެ ކަމަށް ފިލްމު އުފެއްދި ފަރާތުން މިވަނީ ބުނެފަ އެވެ.

"ނީރްޖާ"ގެ މުޅި ޓީމުން ވަނީ މިފިލްމު ޕާކިސްތާނުގައި ދެއްކޭތޯ ވަރަށް މަސައްކަތް ކޮށްފަ އެވެ. ފިލްމުގައި ނީރްޖާގެ ރޯލުން ފެނިގެންދާ ބަތަލާ ސޯނަމް ކުރި ޓްވީޓެއްގައި ވަނީ "ނީރްޖާ" މާދަމާ ޕާކިސްތާނުގައި ރިލީޒްނުކުރެވޭތީ އެކަމާ ވަރަށް ދެރަވާ ކަމަށެވެ.

ޕާކިސްތާނުން ނީރްޖާގެ ހިތްވަރުގަދަކަމަށް އޭނާއަށް ވަނީ އެވޯޑެއް ދީފައި. އުންމީދުކުރަނީ އެމީހުން އޭނާއަށް އަލުން ސެލިއުޓް ނަގާނެ ކަމަށް" ސޯނަމް ބުނެފައިވެ އެވެ.

އިތުރަށް ސޯނަމް ވަނީ މިފިލްމުގައި ޕާކިސްތާނުގެ އަގުވެއްޓިގެންދާ ފަދަ އެއްވެސް މަންޒަރެއް ހިމެނިފައ ނުވާނެ ކަމުގެ ޔަގީންކަން އޭނާ ދޭ ކަމަށާއި އުންމީދަކީ ދުނިޔޭގެ އެހެން ގައުމުތަކާއި އެކު މިފިލްމު ޕާކިސްތާނުގައި ވެސް ރިލީޒްވެގެން ދިއުން ކަމަށެވެ. އަދި މާދަމާ މިފިލްމު އެހެން ގައުމުތަކުގައި ދައްކަން ފެށުމުން މިފިލްމަކީ އިންސާފުވެރި ފިލްމެއްކަން އެނގިގެންދާނެ ކަމަށް ވެސް ސޯނަމް ވަނީ ބުނެފަ އެވެ.

މިދިޔަ ހަފްތާގެ ތެރޭގައި ޕާކިސްތާނުގެ ސެންޓްރަލް ބޯޑް އޮފް ފިލްމު ސާޓިފިކޭޝަނުން ވަނީ މިފިލްމުގައި ޕާކިސްތާނުގެ އަގުވެއްޓޭ ގޮތަށް ދައްކާފައިވާތީ އެގައުމުގައި މިފިލްމު ނޭޅުވުމާއި އަދި ކޭބަލް ޓީވީތަކުން ވެސް މިފިލްމު އެގައުމުގައި ނުދެއްކޭނެ ކަމަށް ނިންމާފަ އެވެ.

"ނީރްޖާ" އަކީ 1985 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 5 ވަނަ ދުވަހު ޕާކިސްތާނުގެ ކަރާޗީގައި ހައިޖެކްކުރި ޕޭން އޭމް ފްލައިޓް 73ގެ ތެރޭގައި ޓެރަރިސްޓުންގެ ކިބައިން ޕަސިންޖަރުން ސަލާމަތްކުރަން އުޅުމުގެ ތެރޭގައި މަރާލި އުމުރުން އެންމެ 23 އަހަރުގެ ފްލައިޓް އެޓެންޑެންޓް، ނީރްޖާ ބެނޮތުގެ ހަޔާތުގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ.

ނީރްޖާގެ ހިތްވަރުގަދަކަން ފާހަގަކުރުމުގެ ގޮތުން އިންޑިއާ ސަރުކާރުން އޭނާއަށް އަޝޯކް ޗަކްރާ އެވޯޑު ދީފައި ވެއެވެ. ނީރްޖާ އަކީ މިހާތަނަށް މިވޯޑު ލިބުނު އެންމެ ހަނގު މީހާ ވެސްމެ އެވެ.

ރާމް މަދްވާނީ ޑައިރެކްޓްކޮށްފައިވާ މިފިލްމުގައި ސޯނަމްގެ މަންމަގެ ރޯލުން ފެނިގެންދާނީ ޝަބާނާ އާޒްމީ އެވެ. އަދި ސޯނަމްގެ ލޯބިވެރިޔާގެ ރޯލުން ފެނިގެންދަނީ ލަވަކިޔުންތެރިޔާ ޝޭކަރް އެވެ.