ރައީސް މައުމޫން އަބްދުލްގައްޔޫމް

މައުމޫނަކީ ޑިކްޓޭޓަރެއް ނޫން، ނަޝީދު ވަނީ އޮޅުވާލާފައި: އޭޕީޕީޖީ

  • ސިޔާސީ ގައިދީން ދޫކުރަން ޝަރުތުކުރުމަކީ މޮޔަ ކަމެއް
  • އެމްޑީޕީގެ ދައްކާ ވާހަކައާއި ފެނުނު ކަންކަން ދިމައެއްނުވޭ
  • ރައީސް ޔާމީންގެ އިހުލާސްތެރިކަން އޮތް ކަން ސާފު

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަކީ ހުދުމުހުތާރުވެރިއެއް ނޫން ކަމަށާއި އެމަނިކުފާނަކީ އެފަދަ ބޭފުޅެއް ނަމަ އިންތިހާބަށް ނުފޫޒު ފޯރުވާނެ ކަމަށް ބްރިޓިޝް-މޯލްޑިވްސް ޕާލިމެންޓްރީ ގްރޫޕް (އޭޕީޕީޖީ) އިން ބުނެފި އެވެ.

އެ ގުރޫޕްގެ ތިން މެންބަރަކު މިއަދު މޫކައި ސްއިޓްސް ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ގުރޫޕްގެ ޗެއާމަން ޑޭވިޑް އެމެސް ވިދާޅުވީ، ރާއްޖެއަށް ޑިމޮކްރަސީ ގަނައި ރައީސް މައުމޫން ކަމަށާއި ރައީސް މައުމޫނަކީ ޑިކްޓޭޓައެއް ކަމަށް ބައެއް މީހުން ކުރާ ތުހުމަތުތަކުގައި އެއްވެސް ބުރަދަނެއް ނެތް ކަމަށެވެ. އަދި ކުރީގެ ރައީސް ނަޝީދު ކަންކަން އޮޅުވާލައްވާފައިވާ ކަމަށެވެ.

"ރާއްޖެއަށް ޑިމޮކްރަސީ ގެނެސް ދެއްވީ ރައީސް މައުމޫން، އެކަމުގެ ޒިންމާ ނަގަންޖެހެންޏާ ނަންގަވަން ޖެހޭނީ ހަމަ ރައީސް މައުމޫން، އެމަނިކުފާނަކީ ޑިކްޓޭޓާއެކޭ މި ބުނަނީ ބައެއް މީހުން، ޑިކްޓޭޓާއެއް ނަމަ 2008 ގެ ވެރިކަން އެމަނިކުފާނަށް ކާމިޔާބުވާނެ،" ޑޭވިޑް ވިދާޅުވި އެވެ.

ރައީސް މައުމޫނަށް އެ ގުރޫޕުން ތައުރީފު ކުރިއިރު، ކުރީގެ ރައީސް ނަޝީދަށް އެ ގުރޫޕުން ވަނީ ފާޑުކިޔާފަ އެވެ. ޑޭވިޑް ވިދާޅުވީ، އެ ގުރޫޕުން މާފުށީ ޖަލަށް ޒިޔާރަތްކޮށް، ޖަލުގެ ހާލަތު ބަލާފައިވާ ކަމަށެވެ.

"އަހަރެމެން ރައީސް ނަޝީދު މާފުށީ ޖަލުގައި ހުންނެވި ތަނަށް ވެސް ދިޔައިން، އެއީ ވަރަށް ފުރުހަމަ ތަނެއް، ބަގީޗާ އޮވޭ، ޓީވީ ވެސް ބެލެން ހުރޭ، އެއީ ފުރިހަމަ ތަނެއް،"

ޑޭވިޑް ވިދާޅުވީ، ރައީސް ނަޝީދު އިނގިރޭސިވިލާތަށް ވަޑައިގެން ދައްކަވަމުންދާ ވާހަކަތަކާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް ވިދާޅުވާން ބޭނުން ނުވާ ކަމަށާއި ހުރިހާ ކަމެއް ވެސް ވަރަށް ސާފުކޮށް ފެންނަ ކަމަށެވެ. އަދި ވިދާޅުވީ ނަޝީދުގެ ޕާޓީ އެމްޑީޕީއާއެކު ވެސް ކާމިޔާބު ބައްދަލުވުމެއް ބޭއްވުނު ކަމަށެވެ. އެ ޕާޓީން ޕާޓީތަކުގެ މަޝްވަރާއާ ގުޅޭ ގޮތުން ޕޮޒިޓިވް ވާހަކަތަކެއް ދެއްކި ކަމަށެވެ.

އެމްޑީޕީގެ އިތުރުން، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކާ ވެސް ޑޭވިޑް ބައްދަލުކުރެއްވި އެވެ. ވިދާޅުވީ، ރީކޯ މޫސާ މަނިކު ދެއްކެވި ވާހަކަތަކުގެ ސަބަބުން އެމްޑީޕީގައި ގިނަ މައްސަލަތަކެއް ހުރިކަން ފާހަގަވި ކަމަށާއި އަދި އެމްޑީޕީއިން ކުރިން ދައްކާފައިވާ ވާހަކަތަކާއި އަމަލުތައް ދިމާނުވުމުން ހައިރާންވި ކަމަށެވެ.

"އެމްޑީޕީން ބޭރުގައި ދައްކާ ވާހަކަތަކުގައި އަހަރެމެންނަށް މި ގައުމުން ފެނުނު ކަންތައްތަކާ ވަރަށް ތަފާތު،" ޑޭވިޑް ވިދާޅުވި އެވެ.

ގުރޫޕްގެ މެންބަރުން ވަނީ ރައިސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ އިގުތިސޯދީ ސިޔާސަތުތަކަށް ތައުރީފުކޮށްފަ އެވެ. ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ވެސް ރައީސް ޔާމީންގެ އިގުތިސޯދީ ސިޔާސަތުތަކަށް ތައުރީފުކުރާ ކަމަށެވެ. އަދި ހުރިހާ ޕާޓީތަކާއެކު މަޝްވަރާ ކުރަން ރައީސް ޔާމީން ނިންމާފައިވުމުން އެކަމަަށް ވެސް މަރުހަބާ ދަންނަވާފައިވާނެ ކަމަށެވެ.

"މިއީ ވާހަކަ ދައްކަންވީ ވަގުތު، ޝަރުތަކެއް ކަނޑައަޅަންވީ ވަގުތެއް ނޫން، ވާހަކަ ދައްކައިގެން ހައްލުވާނެ، ރައީސް ޔާމީން އަމިއްލަފުޅަށް އިސް ނަންގަވައިގެން ސިޔާސީ ޕާޓީތަކަށް ދިން މި ފުރުސަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް ޕާޓީތަކަށް ގޮވާލަން، މި މަޝްވަރާތަކަށް ރައީސް ޔާމީންގެ އިހުލާސްތެރިކަން އޮތް ކަން އެނގިގެންދޭ، މަޝްވަރާތައް ބާއްވަން ބޭނުންވަނީ ވެސް ބައިނަލްއަގްވާމީ ފަރާތްތަކާއެކު،"

ޑޭވިޑް ވިދާޅުވީ، މަޝްވަރާތަކުގައި ބައިވެރިވާނީ ސިޔާސީ ހައްޔަރީން ދޫކޮށްލުމުން ކަމަށް ޝަރުތުކުރުމަކީ މޮޔަ ކަމެއް ކަމަށާއި އެއީ އެކަން ވެގެންވާނެ ގޮތް ނޫން ކަމަށެވެ. އިތުރަށް ވިދާޅުވީ، ރާއްޖޭގައި ޖަލަށް ލާނީ ކާކު ކަމާއި ނުލާނީ ކާކުކަން އެހެން ގައުމުތަކަށް ނޭނގޭނެ ކަމަށެވެ. އަދި ޖަލުގައި ތިބޭ މީހުން ދޫކޮށްލުމަށް ވެސް އެހެން ގައުމުތަކަށް ނުގޮވޭނެ ކަމަށެވެ.