މީހުން

ތަރުޖަމާނު އޮޑި ބަނުމުގެ ތަޖުރިބާކާރަކަށް!

  • އައްޔުއަށް ބައިނަލްއަގުވާމީ އެތައް އެވޯޑެއް
  • މި ނަން ގައުމީ ފެންވަރުގައި ފާހަގައެއް ނުވޭ
  • ވިޔަފާރީގެ ޖުމްލަ އަގު ދެ މިލިއަން ޑޮލަަރަށް އަރާ

މި ފުރުސަތު އޭނާ އަށް ލިބުނު ގޮތް ވަރަށް ތަފާތެވެ؛ އެ ފުރުސަތު ލިބުނީ ވެސް މީގެ އެތައް އަހަރެއް ކުރިން ކިއްސަރު ވަޑާމަށް މަޝްހޫރު އަލިފުށީގައި އޭނާގެ އެންމެ ޒުވާން ދުވަސްވަރު އެވެ. އެ ނަސީބު އަތުގައި ހިފީ ބޭރު ބަޔަކު އެ ރަށަށް ދިއުމުންނެވެ. އެމީހުން ބޭނުންވީ ތަރުޖަމާނެކެވެ. އޭރު ރަށުގައި އިނގިރޭސި ބަހަށް ފަރިތަ މީހުން މަދުކަމުން ތަރުޖަމާނުގެ ވަޒީފާ ލިބުނީ އޭނާ އަށެވެ. މި ތަރުޖަމާނަކީ ކާކު ހެއްޔެވެ؟ މިއީ ރާއްޖޭގެ ބޯޓު ބަންނަ އެންމެ ބޮޑު ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ހަސަން (އައްޔު) އެވެ. އަދި އައްޔުގެ މަސައްކަތް ފެށިގެން އައި ގޮތެވެ.

"ރަށުގައި ހުއްޓާ ދިޔައީ ބޯޑް ބިލްޑިން ތަނެއް ހަދަން ވެގެން ބޭރު ބަޔަކު. ކޮންމެވެސް ވަރަކަށް އިނގިރޭސި އެނގޭތީ އެމީހުން ތަރުޖަމާނަކަށް ނެގީ އަޅުގަނޑު. އެ މީހުން ރަށުގެ އެކި މީހުންނާ އިންޓަވިއު ކުރި. ބޯޓު ބިލްޑިން ސްކޫލެއް ހަދަން. އެގޮތަށް އުޅެނިކޮށް ޝައުގުވެރިކަން އުފެދުނީ،" ގިނަ އަދަދެއްގެ ސަފާރީ އާއި ބޮޑެތި މަސް ދޯނި ފަހަރު ކުރަހައި އަދި ބަނުމުގައި އެންމެ މަޝްހޫރު އެއް ކުންފުނި ކަމަށްވާ މޯލްޑިވްސް މެރިން ސާވިސަސް (އެމްއެމްއެސް) ގެ އެމްޑީ ވިދާޅުވި އެވެ.

އދ. ގެ ވޮލަންޓިއަރުންގެ ބަޔަކާއި ނޭވަލް އާކިޓެކްޓަރުން ހިމެނޭ ގޮތަށް އަލިފުއްޓަށް ދިޔަ ޓީމާއެކު އައްޔު ތަރުޖަމާނަކަށް މަސައްކަތް ކުރަން ފެށުން ވެގެން ދިޔައީ، އޭނާގެ ލޯ މި ދާއިރާ އަށް ހުޅުވައިލި ސަބަބަށެވެ. އޭގެ ފަހުން އޭނާގެ ހަށިގަނޑުގައި ކިއްސަރު ނުވަތަ މާވަޑާމުގެ ޝައުގުވެރިކަން ދިޔައީ މަޑުލަކަށް ފަހު މަޑުލެއް ޖެހެމުންނެވެ. އެ ހިސާބުން އެއޮތީ ފެށިފަ އެވެ. ބޮނބިގަނޑެއް ޖެހުނަސް ދޯންޏެއްގެ ސިފަ ގެންނަނީ އެވެ. ކަށިކެޔޮ ފަތެއް ވިޔަސް ދޯންޏެއްގެ ފަރުމާކޮށް، ފަށަން ދަމާލަނީ އެވެ. ކިއްސަރު ވަޑާމުގެ އުއި ރޮދި ޖަހާ ނުލެވޭ އެއްވެސް ކަމަކާ އައްޔުއަށް ދިމާ ނުވަނީ އެވެ. ދެން ޖެހުނީ މާ ވަޑިއަކަށްވެގެން އޮޑި ހަރުގެއަށް ވަންނާށެވެ.

"އަޅުގަނޑު އެމީހުންގެ [ބޭރު މީހުންގެ] ތެރޭގައި ވަރަށް ކުޑަ ސެލަރީއެއްގައި އޭރު އުޅުނީ. ގާތްގަނޑަކަށް މަހަކު ލިބެނީ 275ރ. ވަރު. މަސައްކަތް ކުރީ އެ މީހުންގެ ތަރުޖަމާނަކަށް. އެ މީހުންނާއެކު ރާއްޖޭގެ އެކި ރަށްރަށްވެސް ދިޔައިން،" އައްޔު ވިދާޅުވި އެވެ.

"އެ ދަތުރުތައް ނިންމާލައި އެނބުރި އައިސް އެމީހުން ސަރުކާރަށް ރިޕޯޓެއް ހުށަހެޅި. އޭރު އަލިފުށީގައި ބޯޓް ޔާޑެއް ވެސް ހުރުމާއެކު ރަށުގައި ބޯޓް ބިލްޑިން ސްކޫލް ހަދަން. ދެން ފަހުން އެތަން ހެދީ ވަރަށް ފެންވަރު ރަނގަޅު ވަސީލަތްތަކާއެކު. އެ ހިސާބުން އެމީހުން ބުނީ ބޭނުންހޭ މި ދާއިރާ އިން ކުރިއަށް ދާން. އަޅުގަނޑަށް ވެސް ބުނެވުނީ މި ކަމަކީ އަޅުގަނޑު ވަރަށް ކުރާ ހިތްވާ ކަމެކޭ. އަބަދު ވެސް ސްކޫލްގައި އުޅުނުއިރު ވެސް ދޯނި ފަހަރު ކުރަހާ ހަދަމޭ،"

އެމީހުންނަށް އައްޔު ދިން ޖާވާބު ވެގެން ދިޔައީ ބޯޓު ބިލްޑިން ދާއިރާ އިން އައްޔު ތަމްރީނުވެ ވާން ލިބުނު ފުރުސަތަކަށެވެ. އެހިސާބުން މާވަޑިންގެ ރަށް ކަމަށް ބެލެވިފައި އޮންނަ އަލިފުށީގައި އެ ދާއިރާ އިން ދެ އަހަރުވަންދެން އައްޔު ކިޔެވީ އެވެ. އެ ދުވަސްތަކުގައި ދާއިރާއިން ކިޔެވުމުގައި ކުރިޔަށް ދުއްވައި ގަނެވި ކެރިއަރު ވަޑިފަތިކޮށްލަން ދަސްވެ ކިޔެވުމުން އެއްވަނަ ހޯދި އެވެ.

ކިޔަވައި ނިމުމުން އައްޔު ބޭންވީ އޭނާއަށް އެނގުނު މިންވަރު އެހެން މީހުންނަށް ކިޔަވައިދީ ޒަމާނީ މާ ވަޑިން އުފައްދާށެވެ. އެ ހިސާބުން އައްޔު ނިންމީ އެ ދާއިރާއިން ޓީޗަރަށްވާން ކިޔަވާށެވެ. ހަމަ އެ ދުވަސްވަރު ބޯޓް ބިލްޑިންގެ ދާއިރާއިން އިނގިރޭސިވިލާތުގައި މަތީތައުލީމް ހާސިލް ކުރާނެ ފުރުސަތު ވެސް ލިބުނެވެ.

ބޯޓު ބަނުމުގެ ދާއިރާ އިން ރާއްޖެ އާއި ރާއްޖޭން ބޭރުން އައްޔު ހޯދި ތަމްރީންތަކުގެ އަލީގައި އެންމެ ފަހުން ކުރަހައިގެން އޮޑި ފަހަރު ބަނުމުގެ މަސައްކަތް ފެށުނީ އެވެ. އެހެން ނަމަވެސް އެ މަސައްކަތަށް އެ ދުވަސްވަރު ގިނަ ހުރަސްތަކެއް ކުރިމަތިވި އެވެ. ސަބަބަކީ ދޯނި ފަހަރަކީ ކުރަހައިގެން ބަނދެވޭނެ އެއްޗެއްކަން އޭރު މީހުންނަށް ގަބޫލު ކުރެވިފައި ނެތުމުންނެވެ.

"އޭރު ފުވައްމުލަކު ފަދަ ރަށްރަށަށް ދިޔައީމަ ބުނޭ ތިކަމެއް ނުވާނެ އޭ؟ ކިހިނެއްހޭ ކުރަހައިގެން ދޯނި ބަންނާނީ. ތިގޮތަށް ބަންނަ ދޯނި ރަނގަޅެއް ނުވާނެއޭ! އެ ދުވަސްވަރު އަލަށް މި ދާއިރާ އަށް ނުކުތް ކުދިންގެ ފަރާތުން ބައެއް މައްސަލަތައް ދިމާވި. އެހެންވެ މިކަން ވެގެން ދިޔައީ ގޮންޖެހުމަކަށް،" އޮޑި ފަހަރު ބަނުމާއި ކުރެހުމުގެ ދާއިރާގައި ހިދުމަތް ކުރާތާ 24 އަހަރުވެފައިވާ، އައްޔު ވިދާޅުވި އެވެ.

"އެކަމަކު މިހާރު އެކަން މިއޮތީ ބަދަލުވެފައި. މިހާރު ކުރަހައިގެން ނޫން ގޮތަކަށް ދޯންޏެއް ނުބަނދެވޭ!"

ދާއިރާގައި އައްޔުއަށް ގޮންޖެހުންތައް ކުރިމަތިވި ނަމަވެސް ހިތްވަރު އެލުވައެއް ނުލި އެވެ. ބެލީ ކުރި އަށެވެ. ނަތީޖާއަކަށްވީ އޭނާގެ އަމިއްލަ ކުންފުންޏެއް އުފައްދައި އޮޑި ފަހަރު ބަނުން މެކުހަށް ޖަހަން ފުރުސަތު ލިބުމެވެ. އެ ދުވެލީގައި މިހާރު 800 އެއްހާ އުޅަނދު އައްޔުގެ އަތުން ކުރަހައި ދޫކޮށްލައިފި އެވެ.

"ކިޔަވައިގެން އައިސް ބޮންޑު އަދާކުރި އިރު ވެސް ހިތުގައި އޮވޭ، ގައުމަށް ހިދުމަތް ކުރަން. އެހެންވެ މާލެ އައިސް ވީޓީސީ އާއި ޓްރާންސްޕޯޓުގައި ކިޔަވައި ދޭން އުޅުނު އިރުވެސް ގޭގައި މޭޒެއް ބަހައްޓައިގެން ކުޑަކޮށް މި މަސައްކަތް ކުރިން،"

މި ދާއިރާ އިން އައްޔު ހޯދި ބޮޑެތި ކާމިޔާބު ތަކުގެ ވާހަކަ ފަށައިފިއްޔާ އެއީ ކޮޅުންލާން އޮތް ވާހަކަތަކެއް ނޫނެވެ. ބައެއް ވާހަލަ ބުނެލަން އެންމެ ރަނގަޅެވެ. އޮޑި ދޯނި ބަނުމުގެ ދާއިރާގައި އޭނާގެ ނަން ވަނީ ބައިނަލްއަގުވާމީ ދުނިޔޭގައި ވިދާ ނަމަކަށް ވެފަ އެވެ. އެކަން އެނގެނީ އޭނާ އަށް ލިބިފައިވާ ބައިނަލްއަގުވާމީ އެވޯޑު ތަކުންނެވެ. އެގޮތުން 2007 ވަނަ އަހަރު އިންޓަނޭޝަނަލް ކޮލެޓީ ސަމިޓު ގޯލްޑް އެވޯޑު ވެސް ލިބިފައި ވަނީ އޭނާގެ ކުންފުންޏަށެވެ. އައްޔުގެ ނަން ފާހަގަވެފައި ހަމައެކަނި ފާހަގަވެފައި ނެތީ ގައުމީ ފެންވަރުގަ އެވެ.

އޭނާގެ ކުންފުނިން އެތައް ސަތޭކަ އޮޑިއެއް ކުރުހައި ބަނދެ ދިވެހިންނާ ހަވާލުކޮށްފި އެވެ. މިހާރު އައްޔުގެ ކުންފުނީގެ އެސެޓުތަކުގެ އަގު ދެ މިލިއަން ޑޮލަރު ހުރަސްކޮށް ދިއުމަކީ ދާއިރާގައި އޭނާއަށް ނަފާ ލިބޭ އަދި ލިބުނު ވަރު ދައްކުވައިދޭ ހެއްކެވެ. މިހާރު އޭނާގެ ކުންފުނީގެ ދަށުން 70 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރެ އެވެ. އަދި ރާއްޖޭގެ އެކި ހިސާބުތަކުގައި އެ ކުންފުނީގެ ކޮންސެލްޓެންސީ ހިދުމަތް އޮވެއެވެ.

"މިކަން އަޅުގަނޑު ކުރިއަށް މި ގެންދިޔައީ ވަރަށް މަޑު މަޑުން. ލޯނެއް ނުނަގަން. ލިބޭ އެއްޗަކުން ކުރިއަށް މިދިޔައީ،" ވިޔަފާރި ފުޅާ ކުރަމުން އަންނަ ގޮތް، ވިދާޅުވެ ދެއްވި އެވެ.

"އަޅުގަނޑު އެންމެ ފުރަތަމަ ލަގްޒަރީ ސަފާރީ ބަނީ ވެސް. ރާއްޖޭގެ ދެ އިންޖީނު އެޅި ފުރަތަމަ ސަފާރީ ބަނީވެސް މި ކުންފުނިން. ދެ އިންޖީނު އެޅި މަސް ދޯނި ވެސް ބަނދެވިއްޖެ. ފައިބަރު ދޯނި ފަހަރު ކުރަހައިގެން ބަންނަން ފެށީވެސް މި ކުންފުނިން. މީގެ އިތުރުން ރިސޯޓުތަކުގައި ބޭނުންކުރާ ޑައިވިން އާއި އެކްސްކާޝަން ދޯނި ފަހަރަށް ގެނައި ރީތި ޑިޒައިން ވެސް މި ގެނައީ އަޅުގަނޑުމެންގެ މަސައްކަތުން. އެންމެ ރީތި ފައިބަރު ފެރީ ކުރަހައި ބަނީ ވެސް އަޅުގަނޑުމެން. އެގޮތުން ފާހަގަ ކުރެވޭ ހިންމަފުށީ ފެރީ. އެހެންވީމަ ފުދޭ ވަރަކަށް ހިތްހަމަ ވެސް ޖެހޭ މަސައްކަތުން،" އައްޔު ވިދާޅުވި އެވެ.

"މި ދާއިރާ އިން އިންޓަނޭޝަނަލީ އެވޯޑުތަކެއް ލިބިއްޖެ. އޭޝިޔާގައި ފާހަގަ ކޮށްލެވޭ ޑިޒައިން ކުރާ ކުންފުންޏެއްގެ ގޮތުން އެވޯޑު ވަނީ ލިބިފައި. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ގައުމީ އިނާމު ހޯދަން ޖެހޭނީ އަމިއްލަ އަށް އެދިގެނެއް ނޫން،"

އައްޔުގެ މި ކާމިޔާބީއާއެކު އޭނާގެ ނަޒަރު މިހާރު ހުރީ ރާއްޖޭގެ ހަފޮޅުން ބޭރަށް ދާށެވެ. އޭނާ ގެންދަނީ ކުންފުނީގެ އޮޑި ފަހަރު ރާއްޖޭން ބޭރުގައި ވިއްކަން ތައްޔާރުވަމުންނެވެ. ހާއްސަކޮށް ލަގްޒަރީ އުޅަނދު ފަހަރަށް ބޭރުން ރަނގަޅު މާކެޓެއް އެބަ އޮތްކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"މިހާރު ބޭނުން ވަނީ ރާއްޖޭގައި ނެތް ކަންތައްތައް ތައާރަފު ކުރަން. ރާއްޖެއަށް ހައި ސްޕީޑް ފެރީ ބަންނަން. މީގެ އިތުރުން ރިސޯޓުތަކަށް ބިގް ގޭމް ފިޝިން ދޯނިތަކެއް ބަންނަން. ފިޝިން ސަފާރީ ތަކެއް ވެސް ބަންނަން. އެކަމަށް މިހާރު ހުރިހާ ކަމެއް ވެސް ވަނީ ނިމިފައި،" އައްޔު ވިދާޅުވި އެވެ.

ކާމިޔާބީގެ ވާހަކަ ދެއްކުމަށްފަހު، މި ދާއިރާގައި ހުރި މައްސަލަތަކުގެ ވާހަކަ ވެސް އޭނާ ފާހަގަ ކުރައްވަ އެވެ. އެގޮތުން އެންމެ ބޮޑު އެއް މައްސަލައަކީ ދާއިރާ އަށް ފައިނޭންސް ކުރެވޭނެ ނިޒާމެއް ރާއްޖޭގައި ނެތުމެވެ.

"ހަމައެކަނި ލޯނު ލިބެނީ މާލޭގައި ގެދޮރު ހުންނަ މީހުންނަށް. އަތްމަތި ދަތިވެގެންދާ ދަނޑިވަޅު މި [ބޯޓް ބިލްޑިން] ދާއިރާއަށް ފައިސާ ލިބޭނެ ގޮތެއް ނެތް. ރިސޯޓު އޯނަރުންނަށް ފައިސާ ބޮރޯ ކުރެވޭ. އަޅުގަނޑުގެ، ގެއެއް ރަށުގައި ހުރޭ. އެކަމަކު ލޯނެއް ނުލިބޭ. ބޯޓު ޔާޑެއް ހުރޭ. އެކަމަކު ލޯނު ނަގަން ބަލާއިރު އެ ތަންތަނެއް ގަބޫލެއް ނުކުރޭ،" ދަތިތަކުގެ ވާހަކަ ފާހަގަ ކުރަމުން އައްޔު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އުޅަނދު ފަހަރު ބަނުމުގައި ބަހައްޓަން ޖެހޭ މިންގަނޑުތައް ނުބެލުމުގެ މައްސަލަވެސް ރާއްޖޭގައި އެބައޮތެވެ. ރާއްޖޭގައި ފަހަކަށް އައިސް އުޅަނދު ފަހަރު ކަނޑުމެދަށް ބިންދައިގެން ދިއުމުގެ ސަބަބަކީވެސް އެއީ އެވެ.

"ދޯނި ފަހަރު ބިންދައިގެން ދަނީ ފޯލްސް އިންޖިނިއަރިންގެ މައްޗަށް ބިނާކޮށް ދޯނި ބަންނާތީ. އެ ދޯންޏެއް ބަންނަ ޕްރޮސެސް ވެސް މުޅިން ނުބައި ވަނީ. އެހެންވެ މި މައްސަލަ ދިމާވަނީ. މެޓީރިއަލްގެ ފެންވަރު ވެސް ދަށީ. ރެސިންގެ ފެންވަރު ވެސް ދަށީ. މަސައްކަތުގެ މާހައުލު ވެސް މީގައި ދައުރެއް އަދާކުރޭ." އޭނާ ތަރުޖަމާ ކޮށްދެވި އެވެ.

އާދައިގެ ގޮތަކަށް ތަރުޖަމާނެއްގެ ވަޒީފާއަށް ނުކުތް އައްޔުގެ މިހާރުގެ ތަރުޖަމާ އާއި އޭނާގެ ތަޖުރިބާ މިހާރު ވާނީ ރާއްޖޭގެ ބޯޓް ބިލްޑިންގެ ދާއިރާގައި އެފަދަ ދެވަނައެއް ނުވާ އިލްމީ މެނުއަލްއަކަށެވެ. މި ގައުމުގައި ފާހަގަވާންވީ މިފަދަ ހިދުމަތްތެރީން ނޫން ހެއްޔެވެ؟