އާބަންކޯ

ހުޅުމާލެއިން ދޫކުރި ބިމުގައި އިމާރާތް ކުރެވޭނީ ހަ ބުރިއަށް

ސަރުކާރުގެ ބިންވެރިޔާ މަޝްރޫއުގެ ދަށުން ހުޅުމާލެއިން ދޫކުރާ ގޯތިތަކުގައި އެންމެ ގިނަވެގެން އިމާރާތް ކުރެވޭނީ ހަ ބުރިއަށް ކަމަށް އާބަންކޯ އިން ކަނޑައަޅައިފި އެވެ.

އާބަންކޯ އިން އާންމުކޮށްފައިވާ ބިންވެރިޔާ މަޝްރޫއުގެ ދަށުން ދޫކުރާ ގޯތިތަކުގައި އިމާރާތް ކުރުމުގެ އުސޫލުގައިވާ ގޮތުން ބިންވެރިޔާ މަޝްރޫއުގެ ދަށުން ހުޅުމާލެއިން ދޫކުރި ގޯތިތައް އިމާރާތް ކުރެވޭނެ އެންމެ އުސްމިނަކީ 18.5 މީޓަރެވެ.

އުސޫލާ ގުޅޭ ގޮތުން އާބަންކޯ އިން ބުނީ މި އުސޫލުގައި އިމާރާތް ކުރެވޭނެ ފަންގިފިލާގަ އުސްމިނަކީ ހަ ބުރި ނަމަވެސް މި އުސްމިނަށް ބަދަލު އަންނާނެ ކަމަށެވެ.

އެ ގޮތުން ހުޅުމާލޭގައި އިމާރާތްކުރެވޭ އުސްމިން 10 ބުރިއަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި މި ގޮތަށް ބަދަލު ގެނައުމަށް ކުރަންޖެހޭ އިދާރީ ކަންކަން ކަމާބެހޭ ވުޒާރާތަކާ ގުޅިގެން ކުރަމުންދާ ކަމަށްވެސް އާބަންކޯ އިން ވަނީ ބުނެފަ އެވެ.

އުސޫލުގައިވާ ގޮތުން އިމާރާތުގެ އުސްމިން 15 މީޓަރަށްވުރެ އުސްވާނަމަ ނުވަތަ ފަސް ބުރިއަށްބުރެ މައްޗަށް ނަގާނަމަ އިމާރާތުގައި ލިފްޓް ހިމަނަން ޖެހެ އެވެ. އިމާރާތުގެ ހަވަނަ ބުރީގެ މައްޗަށް ޓެރަހެއް ލާނަމަ ޓެރަހުގެ ތަޅުން، ޕޭވްމަންޓް ލެވެލް އިން ފެށިގެން 18.5 މީޓަރަށްވުރެ އުސްވެގެން ނުވާނެ ކަމަށްވެސް މި އުސޫލުގައިވެ އެވެ.