ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ގުޅިފަޅުން ފްލެޓް ގަތް ފަރާތްތަކަށް ހުޅުމާލެއިން ފްލެޓް ދިނުމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ނިންމައިފި އެވެ. ހުޅުމާލެއިން ފްލެޓް ދޭން ނިންމީ ގުޅިފަޅުން ފްލެޓް ގަތް ފަރާތްތަކުން ޖީޑީޕީ އަށް ދިން ފައިސާ ހުޅުމާލެ ފްލެޓްގެ އަގުން ކަނޑާ ގޮތަށެވެ.
ހައުސިން މިނިސްޓްރީގައި މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި މިނިސްޓަރު ޑރ. މުހައްމަދު މުއިޒް ވިދާޅުވީ، ގުޅިފަޅުން ފްލެޓް ގަންނަން ފައިސާ ދޫކުރި 158 ފަރާތަށް ހުޅުމާލެއިން ފްލެޓް ލިބޭނެކަމުގެ ޔަގީންކަން ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ދެއްވާ ކަމަށެވެ. އަދި ފްލެޓް ދޭން ނިންމިކަން އަންނަ ހަފުތާގައި އެ ފަރާތްތަކަށް ލިޔުމުން އަންގާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ގުޅިފަޅުން ފްލެޓްގަތް ފަރާތްތަކުން، އޭރު އެރަށް ތަރައްގީކުރި އަމިއްލަ ކުންފުންޏެއް ކަމަށްވާ ގްލޯބަލް ޕްރޮޖެކްޓްސް ޑިވެލޮޕްމަންޓް (ޖީޑީޕީ)އަށް 37 މިލިއަން ރުފިޔާ ދައްކާފައިވެ އެވެ. އެކުންފުނިން އެފައިސާ ފްލެޓް ގަތް ފަރާތްތަކަށް އަނބުރާ ދީފައެއް ނުވެ އެވެ.
މުއިޒް ވިދާޅުވީ، ގުޅި ފަޅުން ފްލެޓް ގަތް ފަރާތްތަކުގެ އަތުން ގެއްލުނު ފައިސާ ނުހިމެނޭ ގޮތަށް އެމީހުންނަށް ފްލެޓް ދޭން ސަރުކާރުން ނިންމި ނިންމުމަކީ މާލީ ގޮތުން ރައީސް ނެންގެވި ވަރަށް ބޮޑު "ރިސްކެއް" ކަމަށެވެ.
".. ސަރުކާރަކަށް ނޫން ގުޅިފަޅުން ފްލެޓް ގަތް މީހުން ފައިސާ ދެއްކީކީ އެއް. އެ 37 މިލިއަން އެހެން ބަޔަކަށް ދެއްކިޔަސް، އެމީހުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަކީ ރައީސް އަބްދުﷲ ޔާމީންގެ ވައުދުފުޅެއް. ހަމަ އެހެންމެ މި ނިންމުން މިގޮތަށް ނިންމައިގެން ސަރުކާރުން މާލީ ގޮތުން މި ނެގީ ރިސްކެއް. އެކަމަކު އެއީ ރައްޔިތުންނަށް ކޮށްދޭ ކަމެއް، ކޮންމެ ގޮތެއް ވިޔަސް އެމީހުންގެ ހައްގު އެބަ ކަށަވަރުކޮށްދޭނެ ޖެހޭ،" މުއިޒް ވިދާޅުވި އެވެ.
ގުޅިފަޅުން ފްލެޓް ގަތް ފަރާތްތަކަށް ހުޅުމާލެއިން ފްލެޓް ދޫކުރަނީ، އެމީހުންގެ އަތުން ގެއްލުނު ފައިސާ އަކީ ހުޅުމާލެއިން ދޫކުރާ ފްލެޓްގެ ޑައުން ޕޭމަންޓުން ދައްކާފައިވާ ބައެއްގެ ގޮތުގައި ބެލުމަށްފަހު ކަމަށް މުއިޒް ވިދާޅުވި އެވެ.
".. އެކި ފަރާތްތަކުން ފައިސާ ދައްކާފައި ހުރީ އެކި ވަރަށް ގުޅިފަޅުން ފްލެޓް ގަންނަން. ދެން ހުޅުމާލޭގައި މި އަޅާ ފްލެޓާއި ގުޅީފަޅުގައި އެޅި ފްލެޓްތަކުގެ ކޮންސްޓްރަކްޝަން އަގުވެސް ތަފާތު. ހުޅުމާލެއިން ފްލެޓް ދޫކުރާއިރު އަޅުގަނޑުމެން ޑައުން ޕޭމަންޓް ކަނޑައަޅާފައި މިވަނީ ހަމަ ހުޅުމާލެ ފްލެޓް ވިއްކާ ރޭޓަށް. އެހެންވީމަ އެމީހުން ފަރާތްތަކަށް ފްލެޓް ދޫކުރާއިރު، ކުރިން އެމީހުން ކުރިން ދިން ފައިސާ އަޅުގަނޑުމެން މި ބަލަނީ ޑައުން ޕޭމަންޓްގެ ގޮތުގައި ދައްކާފައިވާ ބައެއްގެ ގޮތުގައި. އެހެންވީމަ، މިސާލަކަށް ހުޅުމާލެއިން މި ދެނީ އެއް މިލިއަން ރުފިޔާގެ ފްލެޓެއް ކަމަށް ވަންޏާ، ގުޅިފަޅުގަ އެމީހާ ފްލެޓް ގަންނަން ދައްކާފަ އޮތީ ދެ ލައްކަ ރުފިޔާ ކަމަށް ވަންޏާ އެފައިސާ އޭގެއިން ކަނޑާފަ، ދެން އެމީހަކު ދައްކަން ޖެހޭނީ ބާކީ އޮންނަ އަށް ލައްކަ ރުފިޔާ،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، ހުޅުމާލޭގައި މިހާރު އިމާރާތްކުރަމުންދާ ފްލެޓްތަކުގެ ތެރެއިން އެންމެ އަވަހަށް ނިމޭ ފްލެޓްތަކުން އެ ފަރާތްތަކަށް ފްލެޓް ދޫކުރަން މަސައްކަތްކުރަމުންދާ ކަމަށެވެ. ހުޅުމާލޭގައި މިހާރުވެސް 10،000 ހައުސިން ޔުނިޓާއި އަދިވެސް އެހެން ފްލެޓްތަކުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ގުޅިފަޅުން 184 ފްލެޓް ގަންނަން 158 މީހަކު ފައިސާ ދެއްކި އެވެ. އޭގެ ތެރެއިން ބައެއް މީހުން ވަނީ ދެ ފްލެޓަށް ވާވަރަށް ވެސް ފައިސާ ދައްކާފަ އެވެ. އެމީހުން ދެއްކި ފައިސާގެ ޖުމްލަ އަދަދު 37 މިލިއަނަށްވުރެ ގިނަ ކަމަށް ގުޅިފަޅު އިންވެސްޓްމަންޓް ލިމިޓެޑް (ޖީއައިއެލް) އިން ބުންޏެވެ.
ޖީއައިއެލްގެ މެނޭޖިން ޑިރެކްޓާ އަބްދުﷲ ފަޒީލް ވިދާޅުވީ ރައީސް ޔާމީން ނިންމެވި ނިންމެވުމަކީ ސަރުކާރަށް ލިބޭ ގެއްލުމެއް ކަމަށް ވިޔަސް، އެއީ ރައްޔިތުންނަށްޓަކައި އެމަނިކުފާނުގެ ހިތްޕުޅުގައި އޮތް ލޯބި ހާމަވެގެންދިޔަ ކަމެއް ކަމަށެވެ. އަދި ހުޅުމާލެއިން ފްލެޓް ލިބުމަކީ ގުޅިފަޅުން ފްލެޓް ގަތް ފަރާތްތަކަށް ލިބޭނެ އެންމެ ރަނގަޅު ހައްލު ކަމަށާއި، އެކަން އެގޮތަށް ހަމަޖެހިގެން ދިޔުމުން އެމީހުން ތިބީ ހިތްހަމަޖެހިފައި ކަމަށެވެ.
ގުޅިފަޅަކީ 2010 ވަނަ އަހަރު އިންޑިއާގެ ގްލޯބަލް ޕްރޮޖެކްޓްސް ޑިވެލޮޕްމަންޓް (ޖީޑީޕީ) ކުންފުންޏާއި ހަވާލުކޮށްގެން ހިއްކާގެން އެއަށް ފަހު މީހުން ދިރުއުޅުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރުން ނިންމެވި ތަނެކެވެ. ގުޅީފަޅު ފްލެޓުތަކަށް އެކުންފުނިން ވަނީ 200 އެއްހާ މީހުން އަތުން ރުފިޔާ ވެސް ނަގައިފަ އެވެ. ނަމަވެސް އެކަން ހުއްޓުމަކަށް އައިފަހުން ބައެއް ފަރާތްތަކަށް ރުފިޔާ ވެސް ވަނީ އަނބުރާ ނުލިބިގެން ދަނީ ޝަކުވާ ކުރަމުންނެވެ.
ރައީސް ނަޝީދުގެ ސަރުކާރުގައި ތަރައްގީކުރި ގުޅިފަޅަކީ މީހުން ދިރިއުޅުމަށް އެކަށީގެންވާ ރަށެއް ނޫން ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ. އެހެންވެ ގުޅިފަޅުގައި ހުރި ފްލެޓްތައް ދެން ބޭނުންކުރާނީ ލޭބަ ކުއާޓާއެއްގެ ގޮތުގައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.