ފިނިޕޭޖް

ކެވިން އާއި ކްރިސްޓީން ސުލްހަވެ ދިރިއުޅުމައިގެން ކުރިއަށް

"ޔެލޯސްޓޯން"ގެ ތަރި ކެވިން ކޮސްޓްނާ، 68، އާއި ކްރިސްޓީން ބޯމްގާޓްނާ، 49،ގެ ވަރީގެ މައްސަލަ ވާހަކަދައްކައިގެން ހައްލުކޮށް ދެ މީހުން ސުލްހަވެއްޖެ އެވެ.

ދެމީހުން އެންމެ ފަހުން އެއްގަލަކަށް އަރާފައިވާ ކަމަށް ކެވިންގެ ތަރުޖަމާނެއް ދެމީހުންގެ ފަރާތުން ބުނެފައިވެ އެވެ. އެކަމަކު މި ދެމީހުންގެ އެއްބަސްވުން ވަނީ ސިއްރުކޮށްފަ އެވެ.

ޓީއެމްޒީއިން ބުނީ ކްރިސްޓީން މައްސަލަ ނިންމުމަށް އެއްބަސްވީ ކުދިންގެ ހަރަދުތައް ނުލައި އޭނާއަށް ލިބެން އޮތް 1.5 މިލިއަން ޑޮލަރުގެ އިތުރުން ބޮޑު އަދަދެއް ލިބިގެން ކަމަށެވެ.

އަށާރަ އަހަރުވީ ކައިވެނި ނިމުމަކަށް ގެނައުމަށް ކްރިސްޓީން ހުށަހެޅީ މިދިޔަ މޭ މަހު އެވެ.

ކްރިސްޓީން އާއި ކެވިން ކައިވެނި ކުރުމުގެ ކުރިން ހަދާފައިވާ "ޕްރިނަޕްޝަލް އެގްރީމަންޓް"އާ އެއްގޮތަށް ކްރިސްޓީން އަށް 1.5 މިލިއަން ޑޮލަރުވެސް ކުރިން ކެވިން ދީފައިވެ އެވެ. އަދި އޭރު މައްސަލަ ގަނޑުގެ ތެރޭގައި ކްރިސްޓީންއާއި ކެވިން އުޅުނު ގެއިން ކްރިސްޓީން ނިކުންނަން ވެސް އެންގި އެވެ. އެކަމަކު މިއަދާ ހަމައަށްވެސް އޭނާ އެ ގެއަކުން ނުނިކުމެ އެވެ.

ކުރިން ހިނގާދިޔަ ކޯޅުންގަނޑުގެ ތެރޭގައި ކްރިސްޓީން ވަނީ ކެވިންގެ ކިބައިން ދަރިންގެ ހަރަދު ކަމަށް ބުނެ ފައިސާގެ ބޮޑެތި އަދަދުތަކަކަށްވެސް ޑިމާންޑްކޮށްފަ އެވެ.

މިހުރިހާ ޑްރާމާތަކަކަށްފަހު މައްސަލަ ސުލްހަވެރި ގޮތަކަށް ނިމިގެން ދިއުމަކީ ކުޑަކަމެއް ނޫނެވެ. ހަބަރުތައް ބުނާ ގޮތުގައި ނޮވެމްބަރު މަހު ކެވިން އާއި ކްރިސްޓީން ހުރިހާ ކަމެއް ނިންމަން ކޯޓަށް ހާޒިރުވާން އޮތީ އަންގާފަ އެވެ.