ފިނިޕޭޖް

ޑެނީ މާސްޓާސަން ކިބައިން ބިޖޫ ފިލިޕްސް ވަރިއަށް އެދިއްޖެ

"ދެޓް 70ޒް ޝޯ"ގެ ޑެނީ މާސްޓާސަން، 47،ގެ އަންހެނުން އަދި އެކްޓްރެސް ބިޖޫ ފިލިޕްސް، 43، ވަރިވާން އެދިއްޖެ އެވެ.

ބިޖޫ ވަރިވާން އެދުނު ސަބަބަކީ "އަލުން ރަނގަޅު ނުކުރެވޭ ވަރަށް ގުޅުން ރޫޅިފައި" ވުމެވެ.

ބިޖޫ، ޑެނީ ކިބައިން "ސްޕައުސަލް ސަޕޯޓް"ގެ ގޮތުގައި ފައިސާއަށް އެދިފައިވީއިރު، ދެމީހުންގެ ނުވަ އަހަރުގެ ދަރިފުޅު ފިއަނާގެ ބެލެނިވެރިކަން ހަމައެކަނި ބިޖޫއަށް ލިބޭގޮތަށް އެދިފައިވެ އެވެ. އަދި ދެމިފިރިންގެ މުދަލާއި އެސެޓްތައް ވަކިކޮށްދިނުމަށްވެސް ކޯޓުގައި އެދިފައިވެ އެވެ.

ޑެނީގެ ކިބައިން ވަރިވުމަށް ބިޖޫ އެދިފައި މިވަީ ހަތަރު އަންހެނުން ރޭޕް ކުރުމާއި ޖިންސީ ފުރައްސާރަ ކުރުމުގެ ކުށް ޑެނީގެ މައްޗަށް ސާބިތުވެ އޭނާ 30 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައި ވަނިކޮށެވެ.

ޑެނީއަށް ހުކުމް ކުރިއިރު ބިޖޫވަނީ ނުހިފެހެއްޓިގެން ރޯން ފަށާފަ އެވެ. ޑެނީ އަންނަނީ ފެށުނީއްސުރެއް އެ ތުހުމަތުތައް ދޮގުކުރަމުންނެވެ.

ޖިންސީ ކުށުގެ ތުހުމަތު 2017 އިން ފެށިގެން ޑެނީގެ މައްޗަށް އޮތް އިރު އެ ދުވަހުން ފެށިގެން ޑެނީ އާއި ބިޖޫގެ އަމިއްލަ ދިރިއުޅުމަށް މީޑިއާގެ ސަމާލުކަން ވަރަށް ބޮޑަށް ލިބިފައިވެ އެވެ.

ބިޖޫގެ ވަކީލް ބުނީ މި ދުވަސް ވަރަކީ ދެމީހުންގެ ކައިވެންޏަށާއި އާއިލާއަށް ވަރަށް ދަތި ދުވަސްވަރެއް ކަމަށެވެ.

ބިޖޫގެ ހަޔާތުގެ އެންމެ ދަތި އުދަނގޫ ދުވަސްވަރުގައި ޑެނީ އޭނާއާ އެކު ހުރި ކަމަށާއި ޑެނީ އަކީ ފިއަނާއަށް ވަރަށް ރަނގަޅު ބައްޕައެއް ކަމަށް ބުނެ، މި ދަނޑިވަޅުގައި އާއިލާގެ ޕްރައިވެސީއަށް އިހްތިރާމް ކުރުމަށް އެދިފައިވެ އެވެ.

ދެހާސް ހަތަރެއްގައި ބިޖޫ އާއި ޑެނީ ލޯބީގެ ގޮތުން ގުޅި، ކައިވެނި ކުރީ އޮކްޓޯބަރު 2011 ގައެވެ. މި ދެމަފިރިންނަކީ އެކުގައި ގިނަ ސީރީޒް އަދި ޕްރޮޖެކްޓްތަކުގައި މަސައްކަތްކޮށްފައިވާ ދެ މީހުންނެވެ.