އިޒްރޭލުން އދ އަށް ކަނޑައަޅާފައި ހުންނަ ދާއީމީ ސަފީރު ގިލާދު އަރުދާން އދގެ އާންމު މަޖިލީހުން ބޭރުކޮށްފި އެވެ.
އާންމު މަޖިލީހުން ގިލާދު ބޭރުކުރީ އީރާންގެ ރައީސް، އިބްރާހީމް ރައީސީ ތަގުރީރުކުރައްވަން ފެއްޓެވުމުން -- މަހްސާ އަމީނީގެ ފޯޓޯޖެހި ކަރުދާހެއް ހިފައްވައިގެން މަޖިލީސް ތެރޭގައި އިހުތިޖާޖު ކުރެއްވުމުންނެވެ.
މަހުސާ އަމީނީ ވަނީ މަރުވެފަ އެވެ. އޭނާ މަރުވީ ފުލުހުންގެ ބެލުމުގެ ދަށުގައި އިންދައި ހާލުދެރަވެގެން ކަމަށް ހަބަރުތައް ބުނެ އެވެ. ހުޅަނގުގެ ގައުމުތަކުން ބުނަނީ އީރާން ފުލުހުން އޭނާ މަރާލީ ކަމަށެވެ.
އިޒްރޭލުގެ ސަފީރު މަޖިލީހުން ބޭރުކުރުމަށް ފަހު، ސެކިއުރިޓީންގެ ހިމާޔަތުގައި ވަނީ ހޯލުން ބޭރަށް ގެންގޮސްފަ އެވެ. އަދި އިބްރާހީމް ރައީސީގެ ތަގުރީރު ނިމެންދެން އޭނާއަށް ހުންނަވަން ޖެހިވަޑައިގަތީ ކޮޓަރިއެއްގައި ހައްޔަރުވެވިގެންނެވެ.
އިބްރާހީމް ރައީސީ ތަގުރީރު ފެއްޓެވުމާއެކު އިޒްރޭލުގެ ވަފުދު މިޖިލީސް ދޫކޮށް ދިޔަ އެވެ. ނަަމަވެސް، ސަފީރު ހުންނެވީ ކަރުދާހެއް ހިއްޕަވައިގެން ހޯލް ތެރޭގަ އެވެ.
ރައީސީގެ ތަގުރީރުގައި އެމެރިކާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. ދުނިޔޭގައި ހަންފަތުރަން އެމެރިކާ ކުރާ އެއްވެސް މަސައްކަތެއްގައި އާރުލާފައި ނުވާ ކަމަށް ވިދާޅުވި އެވެ. ޔުކްރޭން ހަނގުރާމަ އަކީ އެމެރިކާ ކުރުވާ ހަނގުރާމައް ކަމަށްވެސް ވިދާޅުވި އެވެ.
އިޒްރޭލުގެ ސަފީރު އދގެ މަޖިލީހުގައި ހިފެހެއްޓި މައްސަލަ މިހާރު އޮތީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ. އެކި މީޑިއާތަކުން ހަބަރު ގެނެސްދިން ގޮތުން އދ ތެރޭގައި ކަންތައް ހިނގާފައިވަނީ އިޒްރޭލަށް އިހާނެތިވާ ގޮތަށެެވެ.
ސަފީރު ބޭރުކުރުމާ ބެހޭ ގޮތުން ރޮއިޓާސްއިން އދގެ އޮފިޝަލުންނާ ސުވާލުކުރުމުން އެއްވެސް ޖަވާބެއް ނުދެ އެވެ.
ސަފީރު މަޖިލީހުން ބޭރުކުރުމުގައި މައްސަލައަކަށް ވެފައި އޮތީ ސެކިއުރިޓީންގެ ބެލުމުގެ ދަށުގައި އޭނާ ބެހެއްޓުމެވެ.
މަޖިލީސް ކަވަރުކުރަން އދގެ ހެޑް ކުއާޓަރުގައި އުޅުނު ނޫސް އޭޖެންސީތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ސަފީރު ވަނީ ސެކިއުރިޓީންގެ ބެލުމުގެ ދަށުން ބޭރަށް ގެންގޮސް ވަކި ތަނެއްގައި ހިފަހައްޓާފަ އެވެ.