ކްރިމިނަލް ކޯޓް

ކްރިމިނަލް ކޯޓަށް ހާޒިރުވާން އަލީ ޒާހިރަށް އަންގައިފި

އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ކްރިމިނަލް ކޯޓަށް ހާޒިރުވުމަށް އަންގާ ޗިޓް ފޮނުވައިފި އެވެ. އަމުރު ފޮނުވިކަން އަލީ ޒާހިރު ވަނީ ކަށަވަރުކޮށްދީފަ އެވެ.

ކްރިމިނަލް ކޯޓަށް ހާޒިރުވުމަށް އަލީ ޒާހިރަށް ފޮނުވި ޗިޓްގައިވާ ގޮތުން އޭނާ ހާޒިރުކުރަނީ ކޯޓުގެ ބޭނުމަކަށެވެ. ހާޒިރުވާން އަންގާފައިވަނީ އަންނަ އާދިއްތަ ދުވަހުގެ 2:00 ޖަހާއިރަށެވެ.

އަލީ ޒާހިރު ކޯޓަށް ހާޒިރުކުރަނީ ކޮން މައްސަލައެއްގައި ކަމެއް ސާފެއް ނުވެ އެވެ. އަލީ ޒާހިރަކީ، އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ގެ ގާނޫނީ ވަކީލް ވެސްމެއެވެ.

އިމްރާން އަބްދުﷲ 12 އަހަރަށް ޖަލަށްލުމާ ގުޅިގެން ސިޔާސީ ފޯޑިއަމްތަކުގައި އަލީ ޒާހިރު ވަނީ ހުކުމަށް ފާޑު ވިދާޅުވެ، މައްސަލަ ބެއްލެވި ގާޒީއަށް ވެސް ފާޑު ވިދާޅުވެފަ އެވެ.