އާބަންކޯ

ބިން ހިއްކަން ފަށާތީ އުޅަނދުތައް ނަގަން ފަށައިފި

މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުން މިއަދު ފަށަން ހަމަޖެހިފައިވާތީ އެ ސަރަހައްދުގެ ފަޅުތެރޭގައި ނުނަގާ ހުރި އުޅަނދުތައް ނެގުމުގެ މަސައްކަތް އާބަންކޯ އިން ފަށައިފި އެވެ.

އާބަންކޯ އިން ބުނީ ބިން ހިއްކުމުގެ މަސައްކަތް މިއަދު ފެށުމަށް ހަމަޖެހިފައިވާ "އޭރިއާ އޭ" ސަރަހައްދުގައި އަދިވެސް މަދު އުޅަނދުތަކެއް ހުރުމާ ގުޅިގެން އެ އުޅަނދުތައް އެތަނުން ނުނަގާ މަސައްކަތް ފެށުމަށް ދަތިވާތީ އުޅަނދުތައް ނެގުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

އެ ސަރަހައްދުގައި އަޅާފައިވާ ސަފާރީތަކާއި އެހެނިހެން ކަނޑުދަތުރު ކުރާ އުޅަނދުތައް ނެގުމަށް އާބަންކޯ އިން މީގެކުރިން ތަކުރާރުކޮށް އިއުލާން ކުރި އެވެ.

"ނަމަވެސް ބައެއް އުޅަނދުތައް ނަގާފައި ނުވާތީ މި އުޅަނދުތައް މި ކޯޕަރޭޝަންގެ ފަރާތުން ނެގުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ،" އާބަންކޯ އިން ބުނެފައިވެ އެވެ.

އެކުންފުނިން ބުނީ ނެގޭ އުޅަނދުތައް އެ ސަރަހައްދުގެ ބޭރުގައި އެޅުމުގު ފުރުސަތުވެސް މިހާރުވެސް ފަހިކޮށްދީފައިވާ ކަމަށެވެ. އަދި އާބަންކޯގައި ރަޖިސްޓްރީކޮށްގެން ކުޑަގިރި ފަޅު އަދި ދިޔަނެރު ފަޅުގައިވެސް އުޅަނދުތައް އެޅުމުގެ އިންތިޒާމުތައް ހަމަޖެހިފައިވާ ކަމަށެވެ.

"މި ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަމުން މިއަންނަނީ ތަރައްގީއަށް ކުރެވޭ މިފަދަ މަސައްކަތްތައް ވީހާވެސް އަވަހަށް ނިންމާ، ރައްޔިތުންނަށް މީގެން ލިބޭނެ ގެއްލުންތައް ވީހާވެސް ކުޑަ ކުރުމަށްކަން ފާހަގަކުރަމެވެ،" އާބަންކޯ އިން ބުންޏެވެ.

މާލެ ރައްޔިތުންނަށް ގޯތި ދޫކުރަނީ ހުޅުމާލެ، ގުޅިފަޅު އަދި ގިރާވަރު ފަޅުންނެވެ. ހުޅުމާލެ އާއި ގުޅިފަޅުން ގޯތި ލިބޭ ބައެއް މީހުންނަށް މިހާރު ވަނީ ގޯތި ހަވާލުވެސްކޮށްފަ އެވެ.