ހައިކޯޓާ މެދު ނުރަނގަޅު ތަސައްވުރެ އުފެދޭ ގޮތަށް ހަބަރު ނުފެތުރުމަށް ހައިކޯޓުން އިލްތިމާސްކޮށްފި އެވެ.
ހައިކޯޓުން ނެރުނު ބަޔާނުގައި ފުރަތަމަ ކޮށްފައިވާ ކަމަކީ ހަބަރުގެ ޒަރީއާ އިން މައުލޫމާތު ފޯރުކޮށްދިނުމަށް ނޫސްވެރިން ކުރާ މަސައްކަތްތަކަށް ޝުކުރު އަދާކުރުމެވެ.
މިބަޔާނުގައި ބުނެފައިވަނީ މިހާރަކަށް އައިސް ހައިކޯޓުގެ މަސައްކަތްތަކާއި އެތަނުގެ ފަނޑިޔާރުންނާ ގުޅޭގޮތުން ނުރަނގަޅު ތަސައްވުރެއް އުފެދޭ ގޮތަށް ނޫސްތަކާއި ސޯޝަލް މީޑިއާ ހަގީގަތާ ހިލާފު ވާހަކަތައް ފަތުރާ ކަމަށެވެ.
ހައިކޯޓުގެ ބަޔާނުގައި ބުނެފައިވަނީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ ގާނޫނުއަސާސީ އިން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތަކަކަށްވީ ނަމަވެސް އެ ހައްގުތައް ބޭނުންކުރަންވާނީ އެހެން މީހުންގެ ހައްގުތަކަށް ފުރިހަމައަށް އިހްތިރާމު ކޮށްގެން ކަމަށެވެ.
ހައިކޯޓާ ގުޅޭގޮތުން ނުރަނގަޅު ތަސައްވުރެއް އުފެދޭ ގޮތަށް ހަބަރު ނުފެތުރުމަށް ހައިކޯޓުން އިލްތިމާސްކޮށްފައި މިވަނީ ކޯޓުތަކާ މެދު ބައެއް މީހުންގެ ފާޑުކިޔުން މިދުވަސްކޮޅު އިތުރުވެފައި ވަނިކޮށެވެ.