ކަރަންޓު ކިތަންމެ ވަރަކަށް ބޭނުންކުރި ނަމަވެސް ކަރަންޓުގެ އަގު ބޮޑު ނުވާގޮތަށް ފްލެޓް ރޭޓެއް ކަނޑައަޅަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ނިންމަވައިފި އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕޭނަށް ހުވަދޫ ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ރައީސް ސޯލިހް ވިދާޅުވީ އެމަނިކުފާނު ކެމްޕޭން ކުރެއްވުމަށް ޑޯޓުޑޯއަށް ވަޑައިގެން ރައްޔިތުންނާ ވާހަކަދެއްކެވުމުން ކަރަންޓު ބިލަށް ލުޔެއް ހޯދައިދިނުމަށް ވަރަށް ގިނަ ބަޔަކު އެދުނު ކަމަށެވެ.
އެ މީހުންނަށް ލިބޭ އާމްދަނީން ގޭގެ ކުއްޔާއި ކަރަންޓު ބިލް ދެއްކުމަށްފަހު ދެކޮޅު ނުޖެއްސޭ ކަމަށް ގިނަ ބައެއްގެ ޝަކުވާ އެމަނިކުފާނަށް ލިބިވަޑައިގެންނެވި ކަމަށްވެސް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރައްޔިތުންނަށް މިކަމުގައި ލުޔެއް ހޯދައިދިނުމުގެ ގޮތުން ކަރަންޓް ރޭޓް، ފްލެޓް ރޭޓަކަށް ބަދަލުކުރަން ސަރުކާރުން މިހާރު ނިންމާފައިވާ ކަމަށެވެ. އަދި މިއަދުން ފެށިގެން އެގޮތަށް ބަދަލުވެގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.
"ވަކިވަރަކަށް ވުރެ ގިނައިން (ކަރަންޓު) ބޭނުންކޮށްފިއްޔާ އަގު ބޮޑުވަމުން މިދަނީ. އަޅުގަނޑުމެން މިއަދު މިނިންމަނީ، މީހުން ދިރިއުޅޭ ކޮންމެ ގެއެއްގެ ކަރަންޓް ރޭޓް، ފްލެޓް ރޭޓަކުން ނަގާ ގޮތަށް. ކިތަންމެ ގިނައިން ކަރަންޓް ބޭނުންކުރިޔަސް އެ ބޮޑުވާ ނިސްބަތް ބޮޑުވެގެންނެއް ނުދާނެ،" ރައީސް ވިދާޅުވި އެވެ.
މި ބަދަލާއެކު ކިތަންމެ ގިނައިން ކަރަންޓު ބޭނުންކުރި ކަމުގައިވިޔަސް ކަރަންޓު ބިލް ބޮޑު ނުވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވާފަ އެވެ.