ޑރ. މުހައްމަދު މުއިއްޒު

ކޮންމެ އަތޮޅެއްގައި ޑަޔަލިސިސް ސެންޓަރެއް ހަދާނަން: މުއިއްޒު

Sep 22, 2023

ކޮންމެ އަތޮޅެއްގައި ޑަޔަލިސިސް ސެންޓަރެއް ހަދާނެ ކަމަށް ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފި އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕޭނަށް ބ. ކަމަދޫއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ އޭނާގެ ވެރިކަމުގައި ސިއްހީ ދާއިރާއަށް ބޮޑެތި ބަދަލުތަކެއް ގެނެސް އެ ދާއިރާ ވަރަށް ބޮޑަށް ފުޅާކުރައްވާނެ ކަމަށެވެ. އެގޮތުން މާލެއާއި އެއް ފެންވަރުގެ ޑަޔަލިސިސް ސެންޓަރުގެ ހިދުމަތް ކޮންމެ އަތޮޅެއްގެ މައި ހޮސްޕިޓަލުން ލިބޭނެ ގޮތް ހަމަޖައްސާނެ ކަމުގައި ވިދާޅުވި އެވެ.

"ކޮންމެ އަތޮޅެއްގެ މައި އެއް ހޮސްޕިޓަލުގައި މާލޭގައި އަޕްގްރޭޑް ކުރެވޭ ފެންވަރަށް ޑަޔަލިސިސްގެ ހިދުމަތް ދެވޭނެ ގޮތަށް ހަމަޖައްސައިދޭނަން،" މުއިއްޒު ވިދާޅުވި އެވެ.

ޑަޔަލިސިސްގެ ހިދުމަތް ކޮންމެ އަތޮޅަކުން ލިބޭނެ ގޮތް ހަދައިދިނުމުން ރައްޔިތުންނަށް އެތައް ފައިދާއެއް ލިބިގެންދާނެ ކަމަށް މުއިއްޒު ފާހަގަކުރެއްވި އެވެ. އެގޮތުން ޑަޔަލިސިސް ހެދުމަށް މިހާރު މާލެ އަންނަން ޖެހުނު ކަމަށްވިޔަސް ކޮންމެ އަތޮޅެއްގައި މި ހިދުމަތް ތައާރަފް ކުރުމުން އެކަން ބަދަލުވެ މި ހިދުމަތް ފަސޭހަކަމާއެކު ރައްޔިތުންނަށް ހޯދޭނެ ކަމުގައި ވިދާޅުވި އެވެ.

މީގެ އިތުރަށް މި ހިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކަށް ވަރަށް ބޮޑުތަނުން ހަރަދު ކުޑަވެ މި ހިދުމަތުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމުގެ ޔަގީންކަންވެސް ދެއްވެވި އެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ ޑަޔަލިސިސްގެ ހިދުމަތް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ތައާރަފް ކުރުމަށް ނިންމާފައިވާއިރު މާލެއިން މިހާރު ލިބެމުންދާ ގިނަ ހިދުމަތްތައް އަތޮޅު ތެރޭގައި ރައްޔިތުންނާ ވީހާވެސް ގާތުން ތައާރަފްކުރާނެ ކަމަށެވެ.