ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓްލުމަށް ބޭނުންކުރާ ވޯޓްލާ ބޫތުގެ ޑިޒައިނަން ބަދަލުތަކެއް ގެނެސްފި އެވެ.
ކުރީގެ އިންތިހާބުތަކާ ތަފާތުކޮށް މިފަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓުލާ މީހާ ފާހަގަ ޖެހުމަށް ބޫތުގައި ހުންނަނީ އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލުންނާއި އޮބްޒާވަރުންނާއި މޮނިޓަރުންނަށް ފުރަގަސްވާ ގޮތަށެވެ. މިގޮތަށް ހުރުމުން ވޯޓުގެ ސިއްރުކަން ހިފެހެއްޓޭލެއް ބޮޑު ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ.
ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ތަޖުރިބާއަށް ބަލައި ދެވަނަ ބުރުގައި ވޯޓުލާއިރު ވޯޓް ކަރުދާހުގައި ފާހަގަޖެހުމަށް ބޭނުންކުރާ ބޫތަތަކުގެ ޑިޒައިނަށް ބަދަލުތަކެއް ހުންނާނީ ގެނެސްފައި ކަމަށެވެ.
"އަޅުގަނޑުމެން މިހާރު މިކަން ޓެސްޓްކޮށްފިން އެނގޭތޯ،" ހަބީބް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވޯޓް ކަރުދާހުގައި ފާހަގަޖަހާއިރު މިހާރު މީހާ ހުންނާނީ ވޯޓު ކަރުދާސްކޮޅު ނުފެންނަ ގޮތަށް ވޯޓްލާ ބޫތުގެ ތަންކޮޅެއް އެތެރެއަށް ވަދެފައި ކަމަށެވެ. ދެވަނަ ބުރުގައި ބޭނުންކުރާ ވޯޓް ކަރުދާސްކޮޅު ވެސް ކުޑަވާނެ ކަމަށް ފާހަގަކުރައްވާ ހަބީބް ވިދާޅުވީ ވޯޓް ކަރުދާހުގައި ފާހަގަޖެހުމަށް ކަރުދާސް ބާއްވާ ތަންވެސް ކުރިއަށް ވުރެ މިހާރު ރަގަޅުވެފައި ފަސޭހަވާނެ ކަމަށެވެ.
"މިގޮތަށް ވޯޓްލާ ބޫތުތައް ބަދަލުކުރީ ކުރީގެ ތަޖުރިބާއަށް ބަލައި ވޯޓްލާއިރު ފާހަގަ ޖަހާތަން މީހުންނަން ފެނުމުގެ ފުރުސަތު އޮވެދާނެތީ،" ހަބީބް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދެވަނަ ބުރުގައި ފްރޮޅުލީ ގޮނޑީގައި ވޯޓުލާ މަރުކަޒަށް ހާޒިރުވާ މީހުންނަށް ފަސޭހައިން ވޯޓްލާ މަރުކަޒަށް ވަދެވޭ ގޮތަށް ރޭމްޕުވެސް ހަދާފައިވާނެ ކަމަށެވެ. އަދި އެފަދަ މީހުން ވޯޓް ކަރުދާސްކޮޅު ފޮށްޓަށް ލާއިރު ދިމާވާ ދަތިތަކެއް ހުންނަ ކަމުގެ ޝަކުވާތަކެއް ލިބިފައިވާތީ އެކަން ހައްލުކޮށްދީ ފަސޭހަ އިންތިޒާމުތަކެއް އެކަމުގައިވެސް ހަމަަޖައްްސައިދީފައިވާނެ ކަމުގައި ވިދާޅުވި އެެވެ.
ހަބީބް ވިދާޅުވީ އަދިވެސް ބައެއް މީހުން ރީރަޖިސްޓޭޝަންގެ ޝަކުވާގެ މުއްދަތު އިތުރުކޮށްދިނުމަށް އެދެމުންދާ ކަމަށާއި މިއަދާ ހަމައަށް ރީރަޖިސްޓްރޭޝަނާ ގުޅޭ 30 ޝަކުވާ ހުށަހަޅާފައިވާ ކަމަށެވެ. ރީރަޖިސްޓްރޭޝަންގައި މައްސަލައެއް އުޅޭނަމަ ޝަކުވާ ހުށަހަޅަން ހުޅުވާލާފައިވަނީ މިރޭ 9:00 ޖެހުމާ ހަމައަށެވެ.
ހަބީބް ވިދާޅުވީ އާމުންގެ ޝަކުވާތަކާއި ކަންބޮޑުވުންތަކާ ގުޅިގެން އިލެކްޝަން ކޮމިޝަނަށް ލިބިފައިވާ ބަޖެޓުގެ ތެރެއިން ކޮށްދެވެން އޮތް ކަމެއް ކޮށްދެމުންގެންދާ ކަމަށެވެ.
ހަބީބް އިތުރަށް ވިދާޅުވީ މިހާރު ކުރަމުންދާ މަސައްކަތަކީ ވޯޓް ކަރުދާސް ޗާޕްކުރުމަށްފަހު މިމަހު 27 އަދި 28 ވަނަ ދުވަހު އެތަކެތި ފޮނުވުމުގެ މަސައްކަތް ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ މިމަހުގެ 30ވާ ހޮނިހިރު ދުވަހު އެވެ.