ރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުގައި ރައްޔިތުން ކައިރީގައި އަހަންވީ ސުވާލު ސާފުނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.
ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނަގަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު އެ މަޖިލީހުން ފާސްކޮށްފައިވާއިރު އެ ގަރާރުގައި ވަނީ އަންނަ މަހުގެ 30 ވަނަ ދުވަހުގެ ކުރިން އެ ވޯޓު ނެގުމަށެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ އެ ވޯޓު އަންނަ މަހުގެ 29 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ކަމަށެވެ.
ވޯޓަށް ބަޖެޓް ލިބުމުން ރައްޔިތުން ހޭލުންތެރި ކުރުމުގެ މަސައްކަތް ފަށާނެ ކަމަށްވެސް ފުއާދު ވިދާޅުވި އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުގައި ރައްޔިތުންނާ ކުރަންވީ ސުވާލު ސާފުނުވާ ކަމަށެވެ.
"މިކަހަލަ އާންމު ވޯޓެއް ނަގާއިރު. ނިޒާމީ ވޯޓެއް ނަގާއިރު. ނަގާ މައުލޫއަކީ ކޮބާކަން އެބަ އެނގެންޖެހޭ. ސުވާލަކީ ކޮބާކަން އެނގެންޖެހޭ. އެ ސުވާލެއް ނެތް އަޅުގަނޑުމެންނަށް ލިބިފައެއް،" ހަބީބު ވިދާޅުވި އެވެ.
ހަބީބު ވިދާޅުވީ އެ ސުވާލު ސާފުކުރުމަށް ރައްޔިތުންގެ މަޖިލީހުގައި އެދިފައިވާ ކަމަށެވެ.
އެ ސުވާލާއެކު ރައްޔިތުން ހޭލުންތެރިކުރުވަންޖެހޭކަން ފާހަގަކުރައްވާ ހަބީބު ވިދާޅުވީ ނިޒާމުގައި ހުރި ފައިދާ އާއި ގެއްލުމާމެދު ރައްޔިތުން ހޭލުންތެރިވާންޖެހޭ ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހުން ބޭނުންފުޅުވާ ގޮތަކަށް އެ މައުލޫމާތު އަޅުގަނޑުމެންނަށް ލިބުނީމަ އަޅުގަނޑުމެން އެބަޖެހޭ އެ މައުލޫމާތު އާންމުކުރަން،" ހަބީބު ވިދާޅުވި އެވެ.
ހަބީބު އިތުރަށް ވިދާޅުވީ އެ ވޯޓަށް ބޭނުންވާ ބަޖެޓު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގައި އެދިފައިވާ ކަމަށާައި ވޯޓު ކުރިއަށް ގެންދެވޭނީ ބަޖެޓު ލިބުމުން ކަމަށެވެ.