ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2024

މަޖިލިސް އިންތިހާބު އޭޕްރީލް 21 އަށް ފަސްކޮށްފި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ތާރީހް ބަދަލުކޮށް މިއަހަރުގެ އޭޕްރީލް 21 ވަނަ ދުވަހު އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.

މަޖިލިސް އިންތިހާބު ބޭއްވުމަށް ކުރިން ނިންމާފައި އޮތީ ކުރިއަށް އޮތް މާޗް 17 ވަނަ ދުވަހު އެވެ.

މަޖިލިސް އިންތިހާބު އޭޕްރީލް 21 ވަނަ ދުވަހު ބޭއްވުމަށް އީސީ އިން ނިންމާފައި މިވަނީ އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެނެސް ރޯދަ މަސް ނިމޭ ދުވަހުން ފެށިގެން 10 ދުވަސް ފަހުން އިންތިހާބު ބޭއްވުމަށް މަޖިލީހުން ފާސްކުރި އިސްލާހު ތަސްދީގު ނުކުރައްވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ ބިލް އަނބުރާ މަޖިލީހަށް ފޮނުވާލުމުން އެ ބިލް އޮތްގޮތަށް މަޖިލީހުން އިއްޔެ ފާސްކުރުމާ ގުޅިގެން ރައީސް މިއަދު އެ ބިލް ތަސްދީގު ކުރެއްވުމުންނެވެ.

ބިލް ތަސްދީގު ކުރެއްވުމަށް ފުރަތަމަ މަޖިލީހުން ފޮނުވުމުން ރައީސް މުއިއްޒު އެ ބިލް ތަސްދީގު ނުކުރައްވާ އަނބުރާ މަޖިލީހަށް ފޮނުއްވާލެއްވި ފަސްކަމެއް ފާހަގަކުރެއްވުމަށްފަހު އެވެ. ނަމަވެސް މަޖިލީހުން ދެވަނަ ފަހަރަށް ބިލް ފާސްކުރީ އެއިން އެއްވެސް ކަމަކަށް ބެލުމެއް ނެތި އެވެ.

އިންތިހާބު ރޯދަ ފަހުން ބާއްވާ ގޮތަށް މަޖިލީހުން ގެނައި އިސްލާހު ރައީސް ތަސްދީގު ކުރައްވާފައި މިވަނީ ބިލް ތަސްދީގު ކުރެއްވުމަށް ބަންޑާރަނައިބް އަހްމަދު އުޝާމް ލަފާ ދެއްވުމާ ގުޅިގެންނެވެ.

އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލަކު މިރޭ އަވަސް އަށް ވިދާޅުވީ އިންތިހާބު ބާއްވަން މިހާރު ނިންމާފައިވާ ތާރީހް -- އޭޕްރީލް 21 އަކީ ރޯދައިގެ ފަހުން އިންތިހާބު ބޭއްވޭނެ އެންމެ ފަހު ތާރީހް ކަމަށެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 368 ކެންޑިޑޭޓުން ވާދަކުރެ އެވެ. އެއީ 42 އަންހެންނާއި 326 ފިރިހެންނެވެ. އިންސައްތައިން ނަމަ އެއީ11.41 އިންސައްތަ އަންހެނުންނާއި 88.58 އިންސައްތަ ފިރިހެނުންނެެވެ.