ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2024

މަޖިލިސް އިންތިހާބުގައި ވޯޓުލާ ދުވަސް ބަންދުވާނެ: ހަބީބް

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮންނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހަކަށް ވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމަށް އީސީ އިން ނިންމާފައިވަނީ މިއަހަރުގެ މާޗް 17 ވަނަ ދުވަހު އެވެ. ކަލަންޑަރުގައިވާ ގޮތުން އެއީ ރަސްމީ ދުވަހެކެވެ.

ރާއްޖޭގައި ބާއްވާ އިންތިހާބުތައް އާންމުކޮށް ބާއްވަނީ ހޮނިހިރު ދުވަހެއްގަ އެވެ. ނަމަވެސް ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމަށް މިހާރު އިއުލާންކޮށްފައިވާ ތާރީހަކީ އާދިއްތަ ދުވަހެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގައުމީ ލަފާދޭ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ މަޖިލިސް އިންތިހާބު އޮންނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވާފައިވާ ކަމަށެވެ.

މަޖިލިސް އިންތިހާބު ބާއްވާ ދުވަހަކީ ރަސްމީ ދުވަހަކަށް ވެފައި އަދި އެއީ ރޯދަ މަސް ކަމަށްވާތީ ވޯޓުލާން ނިކުންނަ މީހުންގެ އަދަދު މަދުވެދާނެ ކަމަށް ވިދާޅުވެ ލަފާ ދޭ ކޮމިޓީގެ ބައެއް މެންބަރުން މިއަދު ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

ކަންބޮޑުވުންތަކާއި ގުޅިގެން ހަބީބް ވިދާޅުވީ ވޯޓުލުމަކީ އެންމެންނާވެސް ގުޅިފައިވާ ގައުމީ ކަމަކަށްވާތީ އެ ދުވަސް ބަންދުވާނެ ކަމުގެ ޔަގީންކަން ބޮޑު ކަމަށެވެ.

"އެ ދުވަސް އަދި ބަންދެއް ނޫން. އެކަމަކު ބަންދު ވާނެ. މިއީ ވަކި ސަރުކާރަކާއި ގުޅިފައި އޮތް ކަމެއް ނޫން،" ހަބީބް ވިދާޅުވި އެވެ.

ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ޖުމްލަ 284،372 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ. އަދި މަޖިލިސް އިންތިހާބުގައި 93 ދާއިރާއަށް މެންބަރުން ހޮވާނެ އެވެ.