ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ މައްސަލައަށް ވުރެ މިވަގުތު އިސްކަން ދެއްވަނީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށް ކުރަންޖެހޭ މަސައްކަތްތަކަށް ކަމަށް ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ އުތުރުގެ ބައެއް އަތޮޅުތަކަށް ކުރެއްވި ދަތުރުފުޅު ރޭ ނިންމަވާލެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މުއިއްޒު ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ މައްސަލަ އަކީ މިވަގުތު އޭނާ ބަހުސް ކުރެއްވުމަށް ބޭނުންވާ މައްސަލައެއް ނޫން ކަމަށެވެ. އޭގެބަދަލުގައި މިވަގުތު އަމާޒު ހުންނެވީ އިންތިހާބު ކާމިޔާބު ކުރުމަށް ކުރައްވަންޖެހޭ މަސައްކަތްތަކަށް ކަމުގައި ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގައި ތިން އަތޮޅެއް ފިޔަވާ ހުރިހާ އަތޮޅެއްގެ މެޖޯރިޓީ ލިބިވަޑައިގަތީ މުއިއްޒަށެވެ. ބާކީ ތިން އަތޮޅުގެ މެޖޯރިޓީ ހޯއްދެވީ ވާދަވެރި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް އެވެ. ރައީސްއަށް މެޖޯރިޓީ ލިބިވަޑައިގަތީ އުފަން އަތޮޅު ޅ. އަތޮޅާއި، އއ. އަތޮޅުގެ އިތުރުން އައްޑޫ ސިޓީންނެވެ.
މިކަމާ ގުޅިގެން ނޫސްވެރިން ސުވާލުކުރެއްވުމުން މުއިއްޒު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެ ތިން އަތޮޅުންވެސް ލިބޭ ވޯޓު އިތުރުވާނެ ކަމަށެވެ. މި އިންތިހާބުގެ ކެމްޕޭން ނިންމަވާލެއްވުމުގެ ކުރިން އަދި އައްޑޫއަށް ވަޑައިގަންނަވާނެ ކަމުގައިވެސް ވިދާޅުވި އެވެ.
"އަޅުގަނޑަށް ހީވަނީ ކުރިއަށް ވުރެ ރަނގަޅުވާނެހެން އިނގޭތޯ. ކުރިއަށް ވުރެ އިރާދަކުރެއްވިއްޔާ ރަނގަޅު ވާނެ. ދެން މެޖޯރިޓީއާ ހަމައަށް ދާނެތޯ ނޫންތޯ އެ ދެން އަދި މުޅިން ދަންނަވާލާކަށް ނޭނގޭ. އެކަމަކު ޔަގީނުންވެސް ކުރިއަށް ވުރެ ރަނގަޅު ވާނެ،" އޭނާ ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކުރެއްވި ބައެއް ކެންޑިޑޭޓުންނާއި އެ ކެންޑިޑޭޓުން ނިސްބަތްވާ ޕާޓީތަކުން ދެވަނަ ބުރުގައި ވާދަކުރައްވާ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރި ނަމަވެސް އެ ކެންޑިޑޭޓުންގެ ސަޕޯޓަރުންގެ ތެރެއިން އޭނާ ރަނގަޅު އަދަދަކަށް ވޯޓު ލިބޭނެ ކަމަށެވެ.
"ގިނަ ރަށްތަކުގައި އަޅުގަނޑުމެންނާ އެކީގައި އެބަ މަސައްކަތް ކުރައްވާ. އެބޭފުޅުން ބޭނުންވަނީ މިހާރު ހެޔޮ ބަދަލެއް އަންނަން،" މުއިއްޒު ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން މުއިއްޒު ދެއްވަ އެވެ. ނަމަވެސް ކާމިޔާބު ހޯދޭނެ ވަކި އިންސައްތައެއް ދަންނަވަން ދަތިކަމުގައިވެސް ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި މުއިއްޒު ވަނީ 101،180 ވޯޓު ހޯއްދަވާފަ އެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 85،935 ވޯޓެވެ.