ޕީއެސްއައިޕީ

ތަރައްގީގެ މަޝްރޫއުތަކަށް ހަތް ބިލިއަން ރުފިޔާ ހޭދަކޮށްފި

ތަރައްގީގެ މަޝްރޫއުތައް -- ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް ދައުލަތުގެ ބަޖެޓުން މިއަހަރުގެ މިހާތަނަށް 7.7 ބިލިއަން ރުފިޔާ ހޭދަކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޕީއެސްއައިޕީއަށް ކުރި ހޭދައަށްވުރެ 48.9 ޕަސަންޓް އިތުރުވުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޕީއެސްއައިޕީއަށް 5.2 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.

ދައުލަތުގެ ބަޖެޓުގައި މިއަހަރު ޕީއެސްއައިޕީ މަޝްރޫއުތަކަށް 8.5 ބިލިއަން ރުފިޔާ ހިމަނާފައިވާއިރު ޕީއެސްއައިޕީ މަޝްރޫއުތަކުގެ ބަޖެޓުގެ 91 ޕަސަންޓް މިއަހަރުގެ މިހާތަނަށް ވަނީ ހަރަދުކޮށްފަ އެވެ.

ޕީއެސްއައިޕީ އިން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ އެއާޕޯޓުތަކަށާއި ބިން ހިއްކުމަށެވެ. މިއިން ކޮންމެ މަޝްރޫއަކަށް އެއް ބިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.

ފެނާއި ނަރުދަމާގެ މަޝްރޫއުތަކަށް 989 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު މަގު ހެދުމުގެ މަޝްރޫއުތަކަށް ކުރި ހަރަދު 975 މިލިއަން ރުފިޔާއަށް އަރަ އެވެ.

ބަނދަރު މަޝްރޫއުތަކަށް 843 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު ބްރިޖު މަޝްރޫއަށް ވަނީ 593 މިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ.