އިލެކްޝަންސް ކޮމިޝަން

އިންތިހާބުގެ ދެވަނަ ބުރަށް އިތުރު އޮފިޝަލުން ހޯދަނީ

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް އިތުރު މޮނިޓަރުން ހޯދަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއުލާންކޮށްފި އެވެ.

އޮފިޝަލުންނަށް ވުމަށް އެދި ހުށަހަޅާ ފޯމުތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ދަރުބާރުގޭގައި ހިންގަމުންދާ އިންތިހާބާ ބެހޭ މައި މަރުކަޒުންނެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ އިންތިހާބުގައި އިތުރަށް ޖުމްލަ 12 ފޮށި ބަހައްޓަ އެވެ. އެއީ ބައެއް މަރުކަޒުތައް ދެ ސެޓަޕަކަށް ބަދަލުކުރުމުން އައި ބަދަލެއް ކަމަށް ކޮމިޝަނުން ބުނެ އެވެ.

ވޯޓުލުމުގެ އިންތިޒާމު ފަސޭހަކުރުމަށްޓަކައި ކޮމިޝަނުން ވަނީ 99 މަރުކަޒެއް ދެ ސެޓަޕަކަށް ބަދަލުކޮށްފަ އެވެ.

އިތުރުވާ ފޮށިތަކަށް 350 އޮފިޝަލުން ބޭނުންވި ނަމަވެސް ހޯދަނީ 200 އޮފިޝަލުންނެވެ. ބާކީ އަދަދު އެކި ގޮތްގޮތުން ހަމަޖައްސާލެވޭނެ ކަމަށްވެސް ކޮމިޝަނުން ބުނެ އެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޖުމްލަކޮށް އިންތިޒާމުތައް ރަނގަޅެވެ. ދެވަނަ ބުރުގައިވެސް އިންތިޒާމުތައް އިތުރަށް ފުރިހަމަވާނެ ކަމުގެ ޔަގީންކަން ކޮމިޝަނުންދެ އެވެ.