ނިޕާ ވައިރަސް އިންޑިއާގައި ފެތުރޭތީ ވަރަށް ގާތުން މޮނިޓާ ކުރަމުންދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
މި ވައިރަސް ފެތުރުން އިތުރުވެފައިވާތީ އިންޑިއާގެ ކެރަލާ ސަރަހައްދުގެ އިދާރާތައް ބަންދުކޮށް އެ ސަރަހައްދު މިހާރު ވަނީ ލޮކްޑައުން ކޮށްފަ އެވެ.
ކެރަލާ ސްޓޭޓުގައި ދިވެހިން އުޅޭ ސަރަހައްދުތަކުން އަދި ފެނިފައިވަނީ މަދު ކޭސްތަކެއް ކަމަށްވާތީ އެ ސަރަހައްދުގައި ދިރިއުޅޭ ދިވެހިންނަށް ބަލި ޖެހުމުގެ ފުރުސަތު ކުޑަ ކަމަށްވެ އެވެ.
ސިއްހީ ދާއިރާގެ ފަންނީ ބޭފުޅުން ގަބޫލުކުރައްވާ ގޮތުގައި ވާލުގެ ޒަރީއާ އިން އިންސާނުންނާއި އެހެން ޖަނަވާރުންނަށް މިވައިރަސް ފެތުރެމުންދާއިރު އިރުދެކުނު އޭޝިއާގެ ގިނަ ގައުމުތަކަށް ވައިރަސް ފެތުރުމުގެ ފުރުސަތު ބޮޑެވެ.
ވާލުގެ ވައްތަރެއް ކަމަށްވާ ފްރޫޓް ބެޓްސް ނިޕާ ވައިރަސް ފެތުރޭކަން ފާހަގަކުރެވިފައިވާއިރު މިވައްތަރުގެ ވާ އާންމުކޮށް ދިރިއުޅެނީ މާރުކޭޓްތަކާއި އަޅުކަންކުރާ ތަންތަނާއި ސްކޫލްތަކާއި ފަތުރުވެރިން އާންމުކޮށް ގޮސް އުޅޭ ސަރަހައްދުތަކުގައި ހުންނަ ގަސްތަކުގަ އެވެ.
ފަހުގެ ހޯދުންތަކުން ދައްކާ ގޮތުގައި އިންޑިއާ އާއި އިންވެގެން އޮންނަ ބަންގްލަދޭޝްގައިވެސް މިވައިރަސް ދަނީ ފެތުރެމުންނެވެ.
މި ބަލި ފެތުރޭ ކަމަށް ހޯދިފައިވަނީ ވާ ކައިފައި ހުންނަ މޭވާ ނުވަތަ ތަރުކާރީންނާއި، ވާލުގެ ކުޅާއި ކުޑަކަމުދާ ތަކެތި ޖެހިފައިވާ މޭވާ ކެއުމުގެ ސަބަބުންނެވެ. މިބަލި ޖެހިފައިވާ މީހާއާ ކައިރީގައި އުޅޭ މީހުންނަށްވެސް ބަލި ޖެހުމުގެ ފުރުސަތު އޮވެ އެވެ. މިބަލީގައި މަރުވާ މީހުން ގިނަވަމުންދާ ކަމަށްވެސް ފަހުގެ ހޯދުންތަކުން ދައްކަ އެވެ.
ބަލީގެ އަލާމާތްތައް
- ހުން އައުން.
- ގައިގައި ރިއްސުން.
- ކަރުގައި ރިއްސުން.
އެޗްޕީއޭ އިން ބުނީ އިންޑިއާ އަކީ ދިވެހިންގެ އެތައް ބަޔަކު ބޭސް ފަރުވާއާއި ތަފާތު އެހެން ބޭނުންތަކުގައިވެސް ގޮސް އުޅޭ ގައުމަކަށްވާތީ ފަރުދީ ގޮތުންވެސް ރައްކާތެރިވެ ތިބުން މުހިއްމު ކަމަށެވެ.
ނިޕާ ވައިރަހަށް އަދި މިހާތަނަށް އެއްވެސް ވެކްސިނެއް ހޯދިފައެއް ނުވެ އެވެ.