ދިރާގު

އެމްއެންޔޫ އެސްޔޫ ފުޓްސަލް ފިއެސްޓާގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އިންޓަ ޔުނިވަރސިޓީ/ކޮލެޖް ފުޓްސަލް މުބާރާތް ކަމަށްވާ އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާ 2023ގެ ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި ދިރާގުން ސޮއިކޮށްފި އެވެ.

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ ސްޓޫޑެންޓްސް ޔޫނިއަން -- އެމްއެންޔޫއެސްޔޫ އިން އިންތިޒާމްކޮށްގެން ބާއްވާ މި ފުޓްސަލް ފިއެސްޓާއަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަތީ ތައުލީމު ދޭ ހުރިހާ މުއައްސަސާއެއް އެއްތަނަކަށް އެއްކޮށް ބާއްވާ ކުލަގަދަ މުބާރާތެކެވެ.

މި މުބާރާތުގެ މަޤްޞަދަކީ ޔުނިވަރސިޓީން ބޭރުގައި ޓީމްވޯކް ދަސްކޮށް، ތަފާތު ކުޅިވަރުތަކާއި މުނިފޫހިފިލުވުމުގެ ޙަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ދަރިވަރުންނަށް ހޯދައިދީ ދަރިވަރުންގެ ހުނަރު ދައްކާލުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.

އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާ ކުރިއަށްދާނީ މިއަދުން ފެށިގެން އަންނަ މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލޭ ރެހެންދި ދަނޑުގަ އެވެ. މި މުބާރާތުގައި އެކި ކޮލެޖުތަކާއި ޔުނިވާސިޓީތަކުން ފިރިހެން އަދި އަންހެން ޑިވިޝަންގެ 30 އަށް ވުރެ ގިނަ ޓީމު ބައިވެރިވާނެ އެވެ.

ދިރާގުން ދަނީ ޒުވާނުން ބާރުވެރިކޮށް އަދި ކުޅިވަރާއި އިޖްތިމާޢީ ހަރަކާތްތަށް ކުރިއަރުވާ އެކިއެކި ޕްރޮގްރާމްތަކާއި އިވެންޓްތަކަށް އެހީތެރިކަން ފޯރުކޮށްދީ މިފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމަށް އެއްބާރުލުންދެމުންނެވެ.