ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުމަށް ބޭނުންކުރާ ވޯޓު ކަރުދާސް ބޭރުވެފައިވާ ކަމަށް ޕީޕީއެމް ޕީއެންސީ ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ތުހުމަތުކުރައްވައިފި އެވެ.
ލ. ގަމުގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ އެމްޑީޕީގެ މީހުން ބައެއް ރަށްރަށަށް ގޮސް އުމުރުން ދުވަސްވީ މީހުންނާ ބައްދަލުކޮށް ވޯޓު ކަރުދާސްކޮޅެއް ދިނުމަށްފަހު ފާހަގަ ޖެހުމަށް އެދޭ ކަމަށެވެ.
އޭނާ ވިދާޅުވީ އެގޮތަށް ވޯޓު ކަރުދާސް ބޭރުކޮށްގެން މި އިންތިހާބުގައި ވައްކަން ކުރަން ރައްޔިތުން ފުރުސަތު ނުދޭނެ ކަމަށެވެ. އަދި ލ. އަތޮޅުގެ ކޮންމެ ރަށަކަށް ބެލި ނަމަވެސް މިހާރު ޓީމު ބޮޑު ވާނީ ޕީޕީއެމް ޕީއެންސީއަށް ކަމުގައިވެސް ވިދާޅުވި އެވެ.
"މި ތުހުމަތުކުރަނީ ވޯޓު ކަރުދާސް ބޭރުވެއްޖެ ކަމަށް. އިލެކްޝަންސް ކޮމިޝަނުން މިކަން ބައްލަވައި ދޭންޖެހޭ،" އޭނާ ވިދާޅުވި އެވެ.
އެމްޑީޕީން ފައިސާ ބަހައިގެން ވޯޓު ގަތުމަށް ރަށްރަށަށް ޓީމުތައް ދަތުރުކުރަމުންދާ ކަމަށްވެސް އަބްދުއްރަހީމް ތުހުމަތުކުރެއްވި އެވެ. ނަމަވެސް ދިވެހި ރައްޔިތުން މިފަހަރު ތިބީ ފައިސާއަށް ވޯޓު ވިއްކާ ގޮތަށް ނޫން ކަމަށާއި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާ އިން އެކަން ފެންނަން އެބައޮތް ކަމަށްވެސް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވީ މިފަހަރުގެ އިންތިހާބަކީ ދިވެހިރާއްޖޭގެ މިނިވަންކަން ހިމާޔަތް ކުރުމަށްޓަކައި ދިވެހިންނަށް ލިބޭ އެންމެ ރަނގަޅު ފުރުސަތު ކަމަށެވެ. އެހެންވެ ރައްޔިތުން ވަރަށް ބޮޑަށް ވިސްނުމަށްފަހު ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ވޯޓު ދެއްވުމަށް އެދިވަޑައިގެންވި އެވެ.
އަބްދުއްރަހީމް އިތުރަށް ވިދާޅުވީ 15 އަހަރަށް ފަހު ގަމުގެ މެޖޯރިޓީ އަލުން ޕީޕީއެމް ޕީއެންސީއަށް ލިބުނު ގޮތަށް ރާއްޖޭގެ ވަރަށް ގިނަ ރަށްރަށަށް އެގޮތަށް މިހާރު ބަދަލުވެފައިވާ ކަމަށެވެ.