ރައްޓެހިންނާއި އާއިލާ މެންބަރުންގެ ނަމުގައި އޮޅުވާލައިގެން ގުޅާ ފަރާތްތަކަށް ސަމާލުވުމަށް ބޭންކް އޮފް މޯލްޑިވްސް -- ބީއެމްއެލް އިން އިލްތިމާސްކޮށްފި އެވެ.
ބީއެމްއެލް އިން ވަނީ ފަހަކަށް އައިސް ސްކޭމްގެ މައްސަލަތައް އިތުރުވެފައިވާކަން ފާހަގަކޮށްފަ އެވެ.
ސްކޭމްގެ މުއާމަލާތްތައް ކުރުމަށް ސޯޝަލް މީޑިއާ -- ހާއްސަކޮށް ފޭސްބުކް ބޭނުންކުރާކަން ފާހަގަކުރެވޭ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފަ އެވެ.
އެ ގޮތުން ސިއްހީ ކަމެއް ދިމާވެފައިވާ ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދަމުންދާ ކަމަށާއި އިންޓަނެޓް ބޭންކިން ބޭނުން ނުކުރެވޭ ކަމަށް ބުނެ އަދި ކަސްޓަމްސް ކްލިއަރެންސްއަށް ކަމަށް ބުނެވެސް ފައިސާ ހޯދަމުންދާ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.
ސްކޭމަރުން ބޭންކް އޮފް މޯލްޑިވްސް ނޫން ބޭންކްތަކުގެ ފޭކް ޑިޕޮސިޓް ސްލިޕްވެސް ބޭނުންކުރާކަން ފާހަގަކުރެވޭ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.
މީގެ އިތުރުން ގޮތް ނޭނގޭ ނަންބަރުތަކާއި ވައިބާ، ވަޓްސްއެޕް، ޓެލެގްރާމް އަދި އިންސްޓަގްރާމް ފަދަ ޕްލެޓްފޯމްތައް ސްކޭމަރުން ބޭނުންކުރާ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.
ބީއެމްއެލް އިން ބުނި ގޮތުގައި ސްކޭމަރުން ދަނީ ކްރިޕްޓޯ ކަރަންސީގެ މުއާމަލާތްތަކާއި ބޭރު ފައިސާ ގަނެ ވިއްކުމާއި އޮންލައިން ވިޔަފާރީގެ ނަމުގައިވެސް އޮޅުވާލައިގެން ފައިސާ ހޯދަމުންނެވެ.