އިލެކްޝަންސް ކޮމިޝަން

އިންތިހާބުގެ އޮފިޝަލުންނަށް މި ހަފްތާ އެލަވަންސް ދެނީ

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އޮފިޝަލުންގެ ގޮތުގައި މަސައްކަތް ކުރި މީހުންގެ އެލަވަންސް މި ހަފުތާގައި ޖަމާކުރަން ނިންމައިފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އިސްމާއީލް ހަބީބް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ޓްރޭނަރުންނާއި، ކޯޑިނޭޓަރުންނާއި، ލިއޭޒަން އޮފިސަރުންނާއި، މާލޭ ސަރަހައްދުގެ ވޯޓުލާ މަރުކަޒުތަކުގައި މަސައްކަތް ކުރި އޮފިޝަލުންނާއި، ރިޒާވް އޮފިޝަލުންގެ އެލަވަންސް
މި ހަފްތާގައި ޖަމާވާނެ ކަމަށެވެ.

"އަތޮޅުތަކުގެ ބައިގެ މަސައްކަތްވެސް ބާރަށް ކުރިއަށް އެބަދޭ،" ހަބީބް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ މަސައްކަތްތަކަށް 5،000 އަށް ވުރެ ގިނަ އޮފިޝަލުން ނެގި އެވެ. އަދި ދެވަނަ ބުރުގެ މަސައްކަތްތަކަށް އިތުރު 200 އޮފިޝަލުން ހޯދުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު އިންތިހާބަށް ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ.