ފިނިޕޭޖް

ޑިޒްނީއަށް 100 އަހަރުވުން ފާހަގަކުރަން ކުރު ފިލްމެއް

ޑިޒްނީ އެނިމޭޝަން ފިލްމުތަކަކީ ކުޑައިރުގެ ހަދާންތަކާ ގުޅިފައިވާ ބޮޑު ބައެކެވެ. އޭރު ހަވީރު ގަޑީގައި ޓީވީ ޗެނަލްތަކުން ދައްކާ ކާޓޫނުތަކުގެ ތެރޭގައި ޑިޒްނީގެ އެނިމޭޝަން ފިލްމުތަކަށް އިންތިޒާރުކުރާ ކުދިން ވަރަށް ގިނަ އެވެ.

މިގޮތުން ޑިޒްނީ އެނިމޭޝަންތަކަށް 100 އަހަރު ފުރުން ފާހަގަކުރުމަށް، އެ ސްޓޫޑިއޯއިން "ވަންސް އަޕޮން އަ ސްޓޫޑިއޯ"ގެ ނަމުގައި ކުރު ފިލްމެއް ރިލީޒްކުރަން މިހާރު ވަނީ ނިންމާފަ އެވެ. މި ފިލްމްގެ ޓްރޭލާ ވެސް މިހާރު ވަނީ ރިލީޒްކޮށްފަ އެވެ.

ޓްރޭލާއިން ފެންނަނީ ޑިޒްނީގެ މުވައްޒަފުން ގެއަށް ދިއުމުން، ފާރުގައި ހަރުކޮށްފައި ހުރި ފޮޓޯ އަކުން މިކީ މައުސް ޓިންކަބެލް ގާތު އެންމެން ދިޔައީތޯ ސުވާލުކުރުމުން، އާއެކެ ބުނަން ބޯތަޅުވާލާ ތަނެވެ. އަދި މިނީ މައުސް ގާތު އަހަރީ ދުވަހުގެ ފޮޓޯ ނެގުމަށް އެންމެނަށް ގޮވަން ބުނުމުން، މިނީ "ގޭންގް" އަށް ގޮވަ އެވެ. ދެން އެކި އެނިމޭޝަން ފިލްމުތަކުގެ ކެރެކްޓާތައް ފޮޓޯތަކުން ނިކުންނަ ތަންނާއި އުދުހިފައި އަންނަ ތަނާއި ހިނގާފައި އަންނަ ތަން ފެނެ އެވެ. ފޮޓޯ ނަގަން އުޅޭ ގޫފީ ގާތު މިކީ ސަމާލުވުމަށް ބުނިތަނާހެން، ބޮޑު ހަރުގަނޑަކުން ވެއްޓޭތަން ފެނެއެވެ.

މި ފިލްމު ޕްރޮޖެކްޓަށް 40 ވޮއިސް އެކްޓާސް ގުޅިފައިވެ އެވެ. މީގެތެރޭގައި "ބިއުޓީ އެންޑް ދަ ބީސްޓް"ގެ ބެލްގެ އަޑު އެޅިޕޭޖް އޮ ހާރާ، "މޮއާނާ"ގެ މައުއީގެ އަޑު އެޅި ޑްވޭން ޖޯންސަން، "ފްރޯޒަން"ގެ އޯލާފްގެ އަޑު އެޅި ޖޯޝް ގަޑް ހިމެނެ އެވެ.

މި ކުރު ފިލްމުގެ އެނިމޭޝަން މުޅިން އާ ނަމަވެސް، މީގެ ތެރޭގައި 1940 ގައި ނެރުނު "ޕިނޯކިއޯ"ގެ ޖިމިނީ ކްރިކެޓްގެ އަޑު އެޅި ކްލިފް އެޑްވާޑްސްގެ އަޑު ހިމެނުން ފަދަ ކަންކަމަށް އާކައިވަލް ފުޓޭޖް ބޭނުންކޮށްފައިވާ ކަމަށް ބުންޏެވެ.

ފިލްމު ހެދި ފަރާތްތަކުން މި ކުރު ފިލްމް ސިފަކުރަނީ ސްޓޫޑިއޯއަށާއި އާޓިސްޓުންނަށާއި ފޭނުންނަށް ފޮނުވާ ލޯބީގެ ސިޓީއެއް ގޮތުގައި ކަމަށެވެ.

"ވަންސް އަޕޮން އަ ސްޓޫޑިއޯ" ދައްކާނީ މިމަހު 15 ވަނަ ދުވަހު އެވެ.