މިވަގުތު ބޮލީވުޑްގައި ތިިބި ނަން މަޝްހޫރު ބަތަލާއިންގެ ތެރެއިން ރިތިކް ރޯޝަން މަސައްކަތް ނުކުރަނީ މަދު ބަތަލާއަކާ އެކު އެވެ. އޭ ލިސްޓުގެ ބަތަލާއިންގެ ތެރެއިން، މިހާތަނަށް އަދި ރިތިކް ފިލްމެއް ކުޅެފައިނުވާ ތަރިއަކީ ދިޕިކާ ޕަދުކޯން އެވެ.
"ބަޖްރަންގީ ބައިޖާން"ގެ ޑައިރެކްޓަރު ކަބީރް ޚާން ދެން އުފެއްދުމަށް ނިންމާފައިވާ ފިލްމުގެ ބަތަލަކީ ރިތިކް ކަން އޭނާ ވަނީ މިދިޔަ އަހަރުގެ ފަހުކޮޅުގައި ހާމަކޮށްފަ އެވެ. އަދި ނަމެއް ދީފައިނުވާ މިފިލްމު ސާޖިދް ނަޑިއަޑްވާލާ ޕްރޮޑިއުސްކުރުމަށް ނިންމާފައިވާއިރު، މިފިލްމުގައި ރިތިކް އާއެކު ބަތަލާގެ ރޯލުން ފެނިގެންދާނީ ދިޕިކާ ކަމަށް ޓްރޭޑް އެނަލިސްޓުން ވަނީ ބުނެފަ އެވެ.
ކަބީރް އެންމެފަހުން ޑައިރެކްޓްކުރި ފިލްމު "ފެންޓޮމް" ވެސް ޕްރޮޑިސްކޮށްފައިވަނީ ސާޖިދް އެވެ. އަދި އެފިލްމުގެ ފަހުން ކަބީރް އާއެކު އިތުރު ފިލްމެއް ލީޑްރޯލުގައި ރިތިކް ހިމަނައިގެން އުފައްދަން ސާޖިދް ނިންމާފައިވާއިރު، މިފިލްމުގެ ބަތަލާ ރޯލަށް ދިޕިކާ ހަމަޖައްސާފައިވަނީ އޭނާ ހިމަނައިގެން ފިލްމެއް އުފައްދަން ސާޖިދު ބޭނުންވުމުން ކަމަށްވެ އެވެ.
މީގެކުރިން ވެސް ސާޖިދު ވަނީ އޭނާ ޕްރޮޑިއުސްކުރާ ފިލްމެއްގައި ދިޕިކާ ހިމަނަން ބޭނުންވާ ކަމުގެ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. ނަމަވެސް ދިޕިކާ އިތުރު ފިލްމުތައް ކުޅެން އެއްބްސްވެފައިވާތީ އޭނާގެ ފިލްމަކަށް މިހާތަނަށް ވަގުތު ދެވޭގޮތް ވަނީ ނުވެފަ އެވެ.
ރިތިކް އާއެކު ފިލްމުގެ ލީޑްރޯލުން ދިޕިކާ ފެނިގެންދާނެ ކަމަށް ދެކެވޭ ވަހާކަތަކަށް އަދި މިފިލްމު އުފައްދާ އެއްވެސް ފަރާތަކުން ޔަގީންކޮށްދީފައެއް ނުވެ އެވެ.
ދިޕިކާ މިއަހަރުގައި އެއްވެސް ބޮލީވުޑް ފިލްމެއް ކުޅެން ސޮއިކޮށްފައިނުވާއިރު މިހާރު އަންނަނީ ފުރަތަމަ ކުޅޭ ހޮލީވުޑް ފިލްމު "ޓްރިޕަލް އެކްސް: ދަ ރިޓާން އޮފް ޒެންޑާ ކޭޖް"ގެ މަންޒަރުތައް ނަގަމުންނެވެ. އަދި ރިތިކް އަންނަނީ މިއަހަރު ރިލީޒްވާ "މޮހެންޖޯ ޑަރޯ"ގެ ވެސް އެންމެފަުގެ މަންޒަރުތައް ނަގަމުންނެވެ.
މިދިޔަ އަހަރުގެ ތެރޭގައި މިފިލްމާއި ގުޅޭގޮތުން ވާހަކަދައްކަމުން ކަބީރް ވަނީ ފިލްމުގެ ސްކްރިޕްޓް ނިންމުމަށް އޭނާ އަށް ލިބިފައިވަނީ އެއް މަސްދުވަސް ކަމަށާއި މިފިލްމުގައި ރިތިކް ފެނިގެންދާނީ މިހާތަނަށް ބެލުންތެރިންނަށް އޭނާ ފެނިގެން ގޮސްފަައިނުވާ ފަދަ ރޯލަކުން ކަމަށެވެ.
މިފަހުން ވަނީ މިފިލްމުގެ ބަތަލާ އަކަށް ކަންގަނާ ރަނާވަތު ހަމަޖެއްސި ކަމުގެ އަޑުތަކެއްވެސް އަރާފަ އެވެ. ނަމަވެސް މިފިލްމުގެ އުފައްދާ ފަރާތުން ވަނ ރިތިކް އާއި ކަންގަނާއާ މެދު ޒާތީ މައްސަލަތަކެއް އޮންނާތީ އޭނާ މިފިލްމުގައި ނުހިމަނަން ނިންމާފަ އެވެ.