އުމްރާއަށް މީހުން ގެންދިއުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފި އެވެ.
ޕްރޮޕޯސަލް ހުށަހެޅޭނީ ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމާ ބެހޭ އުސޫލުގައިވާ ޝަރުތު ފުރިހަމަވާ ކުންފުނިތަކަށް އެކަންޏެވެ.
ޕްރޮޕޯސަލް ހުށަހަޅަން ފުރުސަތު ދީފައިވަނީ ކުރިއަށް އޮތް އޮކްޓޫބަރު އަށްވަނަ ދުވަހުގެ ނިޔަލަށެވެ.
ޕްރޮޕޯސަލް ފޮތް އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފަ އެވެ.
އުމްރާ އަށް މީހުން ގެންދިއުމަށް ޝައުގުވެރިވާ ކުންފުނިތަކުން ޕްރޮޕޯސަލް ހުށަހަޅަން މިއަހަރުގެ މެއި މަހުވެސް އިސްލާމިކް މިނިސްޓްރީން ހުޅުވާލި އެވެ. އަދި އޭގެފަހުން މިދިޔަ އޮގަސްޓް މަހު އިސްލާމިކް މިނިސްޓްރީން ވަނީ ހުއްދަ ނެތި އުމްރާއަށް މީހުން ގެންދާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށްވެސް ބުނެފަ އެވެ.
އުމްރާ އަށް މީހުން ގެންދިއުމާ ގުޅޭ އުސޫލެއް ހަދާފައިވީ ނަމަވެސް އުމްރާ ގުރޫޕްތަކާ ގުޅޭ މައްސަލަތައް ދަނީ ފެންމަތިވަމުންނެވެ.