ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ކުރެވުނު މަސައްކަތާ އެކު ރަނގަޅު ނަތީޖާއަކަށް އުއްމީދުކުރަން: ރައީސް

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާ ބަލައިގެން ދެވަނަ ބުރުގެ ކެމްޕޭންގައި ކުރެވުނު ގިނަ މަސައްކަތްތަކާ އެކު ރަނގަޅު ނަތީޖާއެއް ލިބޭނެ ކަމަށް އުއްމީދުކުރައްވާ ކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

މާލޭގެ ޗާންދަނީ މަގުގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާއަށް ބަލައި އެކި ދާއިރާތަކުގެ ބޭފުޅުންނާ މިދިޔަ ދުވަސްތަކުގައި އެމަނިކުފާނު ބައްދަލުކުރައްވާފައިވާނެ ކަމަށެވެ. އަދި އެމީހުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ބެލުމަށްފަހު މިވަގުތަށް ހޯދައިދެވޭނެ ހައްލުތައް ހޯދައިދީ ކޮށްދެވެން ހުރި ކަންކަން ކޮށްދެއްވަމުން ގެންދަވާ ކަމަށްވެސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ބައެއް ދާއިރާތަކުގެ މުސާރަތަކަށް ބަދަލު ގެނައުމާއި، އެލަވަންސްތަކެއް ދޭން ފެށުމާއި، އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މުވައްޒަފުންގެ މުސާރައިގެ އެއްބައި ޑޮލަރުން ދޭން ފެށުމަކީ އެގޮތުން ކުރެވެމުންދާ މަސައްކަތްތަކެއް ކަމަށެވެ.

އިމާމުން އެދުނު ގޮތަށް އެމީހުންނަށް އަމާޒުކޮށްގެން ވަޒީފާގެ އޮނިގަނޑެއް ހެދިއްޖެ ކަމަށާއި އާޓިސްޓުން އެދުނު ގޮތަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އާޓް ގެލެރީއެއް ހުޅުވުމަށް އެމްއޭސީއެލްއާ ވާހަކަދައްކަވަމުން ގެންދަވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

"މިދިޔަ 15 ދުވަހު އަޅުގަނޑުމެން ވަރަށް ގިނަ މަސައްކަތްކޮށްފިން. އަޅުގަނޑަށް ފެންނަނީ އުއްމީދީ މަންޒަރެއް،"

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ. ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ލިބިވަޑައިގަތީ 101،635 ވޯޓެވެ.