ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2024

ރައްޔިތުންގެ މަޖިލީހުގައި އޭދަފުށްޓާއި ވިލިނގިއްޔަށް ވަކި ދާއިރާއެއް

ރައްޔިތުންގެ މަޖިލިސް ކުރިއަށް އޮތް ދައުރަށް އިންތިހާބު ކުރާއިރު ބ. އޭދަފުށްޓާއި ގއ. ވިލިނގިލި އަކީ ވަކި ދާއިރާއެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހަމަޖައްސައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިގޮތަށް ހަމަޖެއްސީ އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އިންތިހާބީ ދާއިރާތަކަށް އާބާދީ ކަނޑައަޅާފައިވާ ގޮތުގެ ވަގުތީ ރިޕޯޓް ގައެވެ. ރިޕޯޓްގައިވާ ގޮތުން ކުރިއަށް އޮތް މަޖިލީހަށް މެންބަރުން އިންތިހާބު ކުރާއިރު ހަ ގޮނޑި އާ މަޖިލީހަށް އިތުރުވެ އެވެ.

މި ރިޕޯޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 19 ވަނަ ދުވަހުގެ މެންދުރުފަހު 3:00ގެ ނިޔަލަށް މިހާރު ވަނީ ފުރުސަތުވެސް ހުޅުވާލާފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިދައުރުގައި އޭދަފުށި ދާއިރާ ހަދާފައިވަނީ އޭދަފުށި، ހިތާދޫ އަދި މާޅޮސް ހިމަނައިގެންނެވެ. ވިލިނގިލި ދާއިރާ މިހާރު ހަދާފައިވަނީ ވިލިގިއްޔާއި ކޮލަމާފުށި ހިމަނައިގެންނެވެ.

އޭދަފުށި ވަކި ދާއިރާއަކަށް ހެދުމުން ބ. އަތޮޅުގެ ރަށްތައް ދާއިރާތަކަށް ބެހިގެންދާ ގޮތް ބަދަލުވެ ބ. އަތޮޅުގައި އާ ނަމެއްގައި އާ ދާއިރާއެއްވެސް އުފެދިގެންދެ އެވެ. އެގޮތުން އޭދަފުށި ދާއިރާގައި މިހާރު ހިމެނޭ ހިތާދޫ، އޭދަފުށި ދާއިރާ އިން ވަކިކޮށް ހިތާދޫ ދާއިރާ އުފައްދަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފަ އެވެ.

ހިތާދޫ ދާއިރާގައި ހިމެނެނީ ހިތާދޫ، މާޅޮސް އަދި ދަރަވަންދޫ އެވެ. ދަރަވަންދޫ އަކީ މިހާރު ކެންދޫ ދާއިރާގައި ހިމެނޭ ރަށެކެވެ. ނަމަވެސް ކުރިއަށް އޮތް މަޖިލީހުގައި ކެންދޫ ދާއިރާގައި ދެން ހިމެނޭނީ ކެންދޫ، ދޮންފަން، ކިހާދޫ، ކަމަދޫ، ކުޑަރިކިލު އެވެ. ބ. އަތޮޅުގައި މިހާރު އޮތ ތުޅާދޫ ދާއިރާގެ ރަށްތަކަށް އެއްވެސް ބަދަލެއް ނާދެ އެވެ.

ގއ. ވިލިނގިލި ވަކި ދާއިރާއަކަށް ހެދުމުން އެ އަތޮޅުގެ ރަށްތައް ދާއިރާތަކަށް ބެހިގެންދާ ގޮތް ބަދަލުވެ ގއ. އަތޮޅުގައި އުފެދިގެންދާ އާ ދާއިރާ އަކީ ކޮލަމާފުށި ދާއިރާ އެވެ. މަޖިލީހުގައި މިހާރު ވިލިނގިލި ދާއިރާ ހަދާފައިވަނީ ވިލިގިއްޔާއި ކޮލަމާފުށި ހިމަނައިގެންނެވެ.

އަލަށް އިންތިހާބު ކުރާ މަޖިލީހުގައި ކޮލަމާފުށި ދާއިރާ ހަދަން ނިންމާފައިވަނީ އެރަށާއި ދެއްވަދޫ ހިމަނައިގެންނެވެ. ދެއްވަދޫ އަކީ މިހާރު ހިނގަމުންދާ މަޖިލީހުގައި ގެމަނަފުށި ދާއިރާގައި ހިމެނޭ ރަށެކެވެ. ގެމަނަފުށި ދާއިރާގައި މިހާރު ހިމެނެނީ ގެމަނަފުށި، ދެއްވަދޫ، ކޮނޑޭ އަދި ކަނޑުހުޅުދޫ އެވެ.

ގއ. އަތޮޅުގައި މިހާރު ހިމެނެނީ ވިލިނގިލި ދާއިރާ، ގެމަނަފުށި ދާއިރާ އަދި ދާންދޫ ދާއިރާ އެވެ. އަލަށް އިންތިހާބު ކުރާ މަޖިލީހުގައި ދާންދޫ ދާއިރާގެ ރަށްތަކަށް އެއްވެސް ބަދަލެއް ނާދެ އެވެ.

ގާނޫނުއަސާސީގައިވާ ގޮތުން ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވާނީ އާބާދީގެ ކޮންމެ 5،000 މީހަކަށް މެންބަރެކެވެ. ގާނޫނުއަސާސީ މިހާރު އޮތް ގޮތުން އާބާދީ އިތުރުވާ ވަރަކަށް މެންބަރުންވެސް އިތުރުވެ އެވެ. އެއީ ބޮޑު ކަންބޮޑުވުމެއް ކަމަށް ދެކިގެން ބައެއް މަޖިލިސް މެންބަރުން މީގެ ކުރިން ވަނީ މެންބަރުންގެ އަދަދު ހިފެހެއްޓުމަށް ގާނޫނުއަސާސީއަށް އިސްލާހު ހުށަހަޅުއްވާފަ އެވެ. ނަމަވެސް މިފަދަ އިސްލާހުތައް މަޖިލީހުން ވަނީ ބޭރުކޮށްލާފަ އެވެ.