ދުނިޔެ

ބައިޑަންއާ ބައްދަލުކުރާކަށް ނުދަން: ސޮލޮމަން ބޮޑުވަޒީރު

ސޮލޮމަން އައިލެންޑްސްގެ ބޮޑުވަޒީރު މަނާސޭ ސޮގަވަރޭ، އދގެ އާންމު މަޖިލީހުގެ 78 ވަނަ ސެޝަންގައި ތަގުރީރުކުރެއްވުމަށް އެމެރިކާގެ ނިއުޔޯކަށް ކުރެއްވި ދަތުރުގައި، އެމެރިކާގެ ރައީސް ޖޯ ބައިޑަންއާ ބައްދަލުކުރެއްވުމަށް ފުރުސަތު ލިބިވަޑައިގަތެވެ.

ނަމަވެސް، ސޮގަވަރޭ އެ ފުރުސަތު ދޫކޮށްލެއްވުމަށްފަހު އެނބުރި ވަޑައިގަތީ އަމިއްލަ ގައުމަށެވެ.

މަނާސޭ ސޮގަވަރޭ ގައުމަށް ވަޑައިގަތުމާ އެކު އޭނާއަށް ކުރިމަތިވެ ވަޑައިގެންނެވި އެންމެ ބޮޑު ސުވާލަކީ، ޖޯ ބައިޑަންއާ ބައްދަލު ނުކުރެއްވީ ކީއްވެތޯ އެވެ.

ސޮލަމަން އައިލެންޑްސްގެ ވެރިރަށް ހޮނިއާރާގައި ނޫސްވެރިނާ ބައްދަލުކުރައްވައި ބޮޑުވަޒީރު ވިދާޅުވީ ބައިޑަންއާ ބައްދަލުކުރެއްވުމަކީ ބޭކާރު ކަމެއް ކަމަށެވެ.

ބޮޑުވަޒީރު ވިދާޅުވި ގޮތުގައި މިދިއަ އަހަރު އޮތް "ޕެސިފިކް އައިލެންޑްސް ފޯރަމް"ގައި ވެސް އޭނާ ބައިވެރިވެ ވަޑައިގެންނެވި އެވެ. އެކަމަކު އެ ބައްދަލުވުމުން ސޮލަމަން އައިލެންޑްސްއަށް އެއްވެސް ކަމެއް -- އެހީއެއް ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އދގެ އާންމު މަޖިލީހުގެ 78 ވަނަ ސެޝަންގައި ބައިވެރިވެ ވަޑައިގަތުމަށް އެމެރިކާއަށް ވަޑައިގަތުމާ އެކު "ޕެސިފިކް އައިލެންޑްސް ފޯރަމް"ގައި ބައިވެރިވެ ވަޑައިގަތުމަށް ދައުވަތު ލިބިވަޑައިގެންނެވި ކަމަށް އޭނާ ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި އެމެރިކާގެ ރައީސް ޖޯ ބައިޑަން ވެސް ބައިވެރިވެ ވަޑައިގަންނަވާ ގޮތަށް އޮތީ ހަމަޖެހިފައި ކަމަށް ބޮޑުވަޒީރު ވިދާޅުވި އެވެ.

މަނާސޭ ސޮގަވަރޭ ވިދާޅުވި ގޮތުގައި ޖޯ ބައިޑަންއާ ބައްދަލުކުރެއްވުމަށް އެ ބައްދަލުވުމަށް އޭނާ ވަޑައިނުގަތީ އެ މީހުން ދޭ ނަސޭހަތް އަޑުއަހަން ބޭނުންފުޅު ނުވާތީ އެވެ.

ބޮޑުވަޒީރު ވިދާޅުވީ އޭނާއަށް އޮންނަނީ ނަސޭހަތް އަޑުއެއްސެވުން ކަމަށާއި -- ސޮލަމަން އައިލެންޑްސްއިން އެވެނި ކަމެއް މިވެނި ކަމެއް ކުރަން ޖެހޭ ކަމަށް ބުނާ ބުނުމަށް ލައްބަ ވިދާޅުވުން ކަމަށެވެ.

ސޮލަމަން އައިލެންޑްސްއާ އެމެރިކާ މާބޮޑަށް ކައިރިވާން އުޅެނީ -- ޗައިނާ އިން ސޮލަމަން އައިލެންޑްސްއަށް ދޭ ސަމާލުކަން ބޮޑުކަމުންނެވެ.

ޗައިނާއިން ސޮލަމަން އައިލެންޑްސްގައި އިންވެސްޓްކޮށް އަސްކަރިއްޔާ ހަރުދަނާކުރަން ކުރާ މަސައްކަތަކީ އެމެރިކާއަށް ބަލައިގަނެވޭ ކަމެއް ނޫނެވެ.

ސޮލަމަން އައިލެންޑްސް އިން ގަބޫލުކުރާ ގޮތުގައި ޗައިނާއާ އެކު ގުޅުން ބަދަހިކުރުމަކީ އެ ގައުމަށް އެންމެ ރަނގަޅު ގޮތެވެ. އެމެރިކާއާ މާބޮޑަށް ދުރުވުމަކީ ވެސް ސޮލަމަންގެ ސަރުކާރުގައި ނެތް ވިސްނުމެކެވެ.